Roadha Mihaaru
އިންކަމް ޓެކްސް ދައްކަން ތައްޔާރު: އާދަމް މަނިކު

އިންކަމް ޓެކްސް ދައްކަން އަޅުގަނޑު ތައްޔާރު، ތިބޭފުޅުން ތައްޔާރުތޯ؟: މައިޒާން އާދަމް މަނިކު

17 އޯގަސްޓް 2018

ޕާސަނަލް އިންކަމް ޓެކްސް ދެއްކުމަކީ ރާއްޖެ އެހެން ހަރުފަތަކަށް ގެންދެވެން އޮތް ހަމައެކަނި މަގު ކަމަށާއި އެ ޓެކްސް ދައްކަވަން ތައްޔާރަށް ހުންނެވި ކަމަށް ސީޕްރިއާ ހޮޓެލްސްގެ އެއް ހިއްސާދާރު އަދި ފިނޭންސް މިނިސްޓްރީގެ ކުރީގެ ނައިބު މައިޒާން އާދަމް މަނިކު މިއަދު ވިދާޅުވެއްޖެ އެވެ.

ޕާސަނަލް އިންކަމް ޓެކްސް ދެއްކުމަކީ ރާއްޖެ އެހެން ހަރުފަތަކަށް ގެންދެވެން އޮތް ހަމައެކަނި މަގު ކަމަށާއި އެ ޓެކްސް ދައްކަވަން ތައްޔާރަށް ހުންނެވި ކަމަށް ސީޕްރިއާ ހޮޓެލްސްގެ އެއް ހިއްސާދާރު އަދި ފިނޭންސް މިނިސްޓްރީގެ ކުރީގެ ނައިބު މައިޒާން އާދަމް މަނިކު މިއަދު ވިދާޅުވެއްޖެ އެވެ.

"މިހާރު" އާ ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ، އިންކަމް ޓެކްސް ނުނެގިގެން އުޅޭ މައިގަނޑު ސަބަބަކީ، ރާއްޖޭގެ ބޮޑެތި ބައެއް ވިޔަފާރިވެރިން އެކަމަށް ހުރަސް އެޅުން ކަމަށް އާންމުން ދެކޭ ކަމަށެވެ. އަދި އެއީ ހަގީގަތެއް އޮތް ވާހަކައެއް ކަމަށް ވުން އެކަށީގެންވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ގައިމު ވެސް އަޅުގަނޑު އެކަމަކާ ދެކޮޅެއް ނޫން. އެކަމަކު މިފަދަ ކަމެއް ކުރަން ޖެހޭނީ ޓްރާންސްޕޭރެންޓް އަދި އެކައުންޓަބަލް ސިސްޓަމަކުން. އެއީ މީގައި އެންމެ މުހިންމު ކަންތައް. ވީހާ ވެސް ފަސޭހަކޮށް ޕާސަނަލް އިންކަމް ޓެކްސް ކަލެކްޝަން ޕްރޮސެސް ވެސް އިންނަން ޖެހޭނީ،" އޭނާ ވިދާޅުވި އެވެ.

އިންކަމް ޓެކްސް އަކީ ވަކި ވަރެއްގެ މަތިން އާމްދަނީ ލިބޭ މީހުންގެ އަތުން ދައުލަތަށް ނަގާ ޓެކްސް އެކެވެ. އޭގެ ސަބަބުން މުއްސަނދިންނާއި ފަގީރުންގެ ފަރަގު ކުޑަކުރެވި، އާންމުކޮށް ނަގަމުން އަންނަ ޓެކްސްތަކަށް ވަރަށް ބޮޑު ލުޔެއް ލިބިގެންދާނެ އެވެ. އިންކަމް ޓެކްސް ނެގުމާ ބެހޭ ގޮތުން ރައްޔިތުންގެ މަޖިލީހުގައި ވެސް، އަދި އެކި ސަރުކާރުތަކުގައި ވެސް މި ވޭތުވެދިޔަ 10 ވަރަކަށް އަހަރު މަޝްވަރާ ކުރެވުނަސް، މި ޓެކްސް ނެގުން އަދި އޮތީ ހަގީގަތެއް ނެތި އެވެ. އެކަމަކު އިދިކޮޅު ކޯލިޝަންގެ ސަރުކާރެއްގައި އިންކަމް ޓެކްސް ނަގާނެ ކަމަށް އެ ފަރާތުން އާންމުކުރި މެނިފެސްޓޯގައި ވެ އެވެ.

އިންކަމް ޓެކްސް ނުނެގިގެން އުޅެނީ ކީއްވެގެންތޯ ވެސް އާދަމް މަނިކު ސުވާލު ކުރެއްވި އެވެ. އޭނާ ވިދާޅުވީ މުއްސަނދިން ޕާސަނަލް އިންކަމް ޓެކްސް އާ ދެކޮޅު ހަދަނީ އެ ދައްކައިގެން އެ މީހުންނަށް ލިބޭ ފައިދާ ނޭނގޭތީ ކަމަށް ވެދާނެ ކަމަށެވެ.

"އަޅުގަނޑު މިހިރީ ޓެކްސް ދައްކަން ތައްޔާރަށް،" އޭނާ ތަކުރާރު ކުރެއްވި އެވެ.

"1981 ގައި އެމްއެމްއޭއާ ގުޅުނު ހިސާބުން ފެށިގެން 90 ޕަސެންޓް ބަޖެޓް ކޮމެޓީ އަށް ދަން ކޮންމެ އަހަރެއްގައި. ކޮންމެ ފަހަރަކު ވެސް އަޅުގަނޑު ދައްކަން ޕާސަނަލް އިންކަމް ޓެކްސްގެ ވާހަކަ."

އޭނާ ވިދާޅުވީ އިންކަމް ޓެކްސްް ނަގަން ޖެހޭނީ ޒަމާނީ، ޓެކްނޮލޮޖީގެ އެހީގައި އެ މީހުންގެ މައުލޫމާތުތައް ވެސް ސިއްރިއްޔާތުގައި ބެލެހެއްޓޭނެ ގޮތަކަށް ކަމަށެވެ. އަދި ޓެކްސް ދައްކާ މީހުންގެ މައުލޫމާތުތައް ރަނގަޅަށް ބެލެހެއްޓެން ޖެހޭނެ ކަމަށާއި ރައްކާތެރި ކުރެވިފައި ހުންނަން ޖެހޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އެއްވެސް އެއްޗެއް ލީކުވާނެ ގޮތަކަށް، އެއަށް އެއްވެސް ވަރަކަށް ކޮރަޕްޝަން ވަދެގެެން ނުވާނެ ގޮތަކަށް، އަދި އެއްވެސް ބައެއްގެ އެއީ އެއްވެސް މުއައްސަސާއެއްގެ ވެސް އަދި ސަރުކާރުން ވެސް ނުފޫޒެއް ނުވަންނާނެ ގޮތަކަށް ނިޒާމު އޮންނަން ޖެހޭނީ،" އޭނާ ވިދާޅުވި އެވެ. "މީގައި އެންމެ މުހިންމު ކަމަކީ، ޓެކްސް އަށް މަކަރު ހެދުން ހުއްޓުވުން. ވަރަށް ބޮޑު އަދަބެއް ލިބެން ޖެހޭނެ ކަމެއް މިއީ. މަދުވެގެން ތިން ހަތަރު އަހަރުގެ ޖަލު ހުކުމެއް އަންނަން ޖެހޭ ކަމެއް މިއީ. އެހެންވެ މިކަން އޮންނަން ޖެހޭނީ ވަރަށް ބޮޑަށް ދެ ފުށް ފެންނަ އަދި ޒިންމާދާރު ކުރުވޭ ނިޒާމެއްގެ ދަށުގައި."

އޭނާ ވިދާޅުވީ މި ނިޒާމު އެކުލަވާލުމުގައި ރައްޔިތުންގެ މަޖިލީހުގެ ރޯލެއް ވެސް އެބައޮތް ކަމަށެވެ.

"ގާނޫނުގެ ރަނގަޅު ފްރޭމްވޯކެއް އެބަ ހަދަން ޖެހޭ ޓެކްނިކަލް މީހުން ބޭނުންކޮށްގެން. އެކަމަށް އަޅުގަނޑު ވެސް މި ހުރީ އެހީވެދޭން ތައްޔާރަށް. އެއް އަހަރުގެ ތެރޭގައި ގާނޫނެއް ހަދައި މީރާ އަށް މި އިމްޕްލިމެންޓް ކޮށްދިނުމުގައި ވެސް ޓެކްނިކަލް ސަޕޯޓް އަޅުގަނޑަށް ދެވިދާނެ."

ރާއްޖޭގެ މުއްސަނދިކަމުގެ 80 ޕަސެންޓް ކޮންޓްރޯލް ކުރަނީ އެންމެ ދެ ތިން މުއްސަނދިން ކަމަށް ލިޔެކިޔުންތަކުން ދައްކާއިރު، އިންކަމް ޓެކްސް ނަގަން ފަށައިފި ނަމަ ދައުލަތުގެ ބަޖެޓަށް ވަރަށް ބޮޑު ލުޔެއް ލިބިގެން ދާނެ ކަމަށް 2016 ގައި އޭރުގެ ގަވަރުނަރު އަޒީމާ އާދަމް ރައްޔިތުންގެ މަޖިލީހުގައި ވަނީ ވިދާޅުވެފަ އެވެ. އިންކަމް ޓެކްސް ނެގުމުގެ މުހިންމު ކަމާ ބެހޭ ގޮތުން އޭނާ މަޖިލީހުގައި ދެއްކެވި ވާހަކައެއްގައި ވިދާޅުވެފައިވާ ގޮތުގައި، އެ ޓެކްސް އަކީ އާމްދަނީގެ ފަރަގު ކުޑަކުރަން އޮތް އެންމެ މުހިންމު ދޮރާއްޓެވެ.