Roadha Mihaaru
އިމާމުވެ އީދު ނަމާދުކުރުމުގެ ހުއްދަ އިޔާޒަކަށް ނުދިން

ކިނޮޅަހުގައި އިމާމްވެ އީދު ނަމާދު ކުރަން ޑރ. އިޔާޒަށް ހުއްދައެއް ނުދިން

16 އޯގަސްޓް 2018

ރ. ކިނޮޅަހުގައި އީދު ނަމާދުގެ ކުރުމުގެ ހުއްދަ، މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒް އަބްދުލްލަތީފަށް ނުދިން ކަމަށް އެރަށު ކައުންސިލުން މިއަދު ބުނެފި އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

ރ. ކިނޮޅަހުގައި އީދު ނަމާދުގެ ކުރުމުގެ ހުއްދަ، މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒް އަބްދުލްލަތީފަށް ނުދިން ކަމަށް އެރަށު ކައުންސިލުން މިއަދު ބުނެފި އެވެ.

އަދާލަތު ޕާޓީގެ ތިން ކައުންސިލަރުން ތިބޭ ކިނޮޅަހުގެ ކައުންސިލްގެ ރައީސް އަހުމަދު ހުސައިން ވިދާޅުވީ އެރަށުގައި ބޮޑު ޖަމާއަތުގައި އީދު ނަމާދުކުރަން އިޔާޒް ހަމަޖެއްސުމުގެ ހުއްދައަށް އެދުމުން އެގޮތަށް ހަމަޖެއްސެން ނެތް ކަމަށް އިސްލާމިކް މިނިސްޓްރީން އަންގާފައިވާ ކަމަށެވެ.

ކައުންސިލުން ބުނި ގޮތުގައި، އެރަށުގައި އީދު ނަމާދުކުރާނީ އިޔާޒްކަން މިދިޔަ އާދިއްތަ ދުވަހު މިނިސްޓްރީއަށް އެންގުމުން ފުރަތަމަ އެންގީ އިމާމްވެ ނަމާދު ކުރުމަށް ހުއްދަ އިޔާޒަށް ދީފައިވާ ކަމުގެ ލިޔެކިޔުންތައް ފޮނުވުމަށެވެ. އެ ތަކެތި ފޮނުވުމުން ދެން އެންގީ އެރަށު އިމާމްގެ ލިޔެކިތުންތައް ފޮނުވުމަށެވެ.

އީދަށް މިއަދު ސަރުކާރު ބަންދުވާއިރު ކައުންސިލަށް އިސްލާމިކް މިނިސްޓްރީން އަންގާފައިވަނީ އެރަށުގައި އީދު ނަމާދު ކުރުމުގެ ހުއްދަ ލިބޭނީ އެ ރަށު މިސްކިތުގެ އިމާމް އަހުމަދު ޝަފީގަށް ކަމަށެވެ.

އިޔާޒަށް ހުއްދަ ނުދިން ސަބަބެއް އިސްލާމިކް މިނިސްޓްރީން އެރަށު ކައުންސިލަށް އަންގާފައެއް ނުވެ އެވެ.

"މިހާރު"ން ގުޅުމުން ވެސް މިނިސްޓްރީގެ ބަހެއް ލިބޭ ގޮތެއް ނުވި އެވެ.

ކިނޮޅަހު ކައުންސިލް ރައީސް އަހުމަދު ވިދާޅުވީ އިސްލާމިކް މިނިސްޓްރީގެ ނިންމުމާ މެދު ހިތާމަކުރައްވާ ކަމަށެވެ.

އިޔާޒް ކިނޮޅަހަށް ގެންދިއުމަށް ޓިކެޓް ނަގައި އެހެނިހެން ހަރަދުތައް ވެސް ވަނީ ކޮށްފަ އެވެ. ކައުންސިލުން ބުނީ ހުއްދަ ލިބޭތޯ ބެލުމަށް އިސްލާމިކް މިނިސްޓްރީގެ ވެރިންނަށް ތަކުރާރުކޮށް ގުޅައިގެން ވެސް އެކަން ކާމިޔާބު ނުވި ކަމަށެވެ.

ފިގުހު އެކަޑަމީގެ ކުރީގެ ނައިބު ރައީސް އަދި އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުގެ މެންބަރު އިޔާޒު ގެންދަވަނީ އެކި ކަންކަމުގައި ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުންނެވެ.

ދެހާސް ބާރަ ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކުވެސް ކިނޮޅަހުގައި އީދު ނަމާދު ކުރަމުން އަންނަނީ މަޝްހޫރު ދީނީ އިލްމުވެރިއަކު އިމާމްވެ، ބޮޑު ޖަމާއަތުގަ އެވެ.

ބޮޑު ޖަމާއަތުގައި އީދު ނަމާދު ކުރުމާއި އިމާމުން ހަމަޖެއްސުމުގައި އިސްލާމިކް މިނިސްޓްރީން ހުއްދަ ހޯދަން މިފަހަރު މިނިސްޓްރީން ކުރިން ވަނީ އަންގައިފަ އެވެ.