Roadha Mihaaru
ކެންޑިޑޭޓުންގެ ނަން ތަރުތީބުކުރުން ހޮނިހިރު ދުވަހު

ކެންޑިޑޭޓުންގެ ނަން ތަރުތީބުކުރުން އަންނަ ހޮނިހިރު ދުވަހު

15 އޯގަސްޓް 2018

ރިޔާސީ އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ނަން ތަރުތީބުކުރުން އަންނަ ހޮނިހިރު ދުވަހު ބާއްވަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ރިޔާސީ އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ނަން ތަރުތީބުކުރުން އަންނަ ހޮނިހިރު ދުވަހު ބާއްވަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމައިފި އެވެ.

އެ ކޮމިޝަނުން ކުރި އިއުލާނުގައި ބުނީ އަންނަ މަހުގެ 23 ގައި ބާއްވާ އިންތިޚާބަށް ކުރިމަތިލުމަށް ޝަރުތު ހަމަވެފައިވާ ބޭފުޅުންގެ ނަންތައް ތަރުތީބު ކުރުން ހޮނިހިރު ދުވަހުގެ ހެނދުނު 10:30ގައި އޮންނާނެ ކަމަށެވެ.

އިންތިޚާބުގައި ވާދަކުރުމަށް ހަތް ބޭފުޅަކު ފޯމް ނެގިކަމުގައި ވިއަސް މުއްދަތު ހަމަވިއިރު ހުށަހަޅާފައިވަނީ ތިން ބޭފުޅުންގެ ފޯމެވެ. އެއީ ރިޔާސީ ދެ ވަނަ ދައުރަކަށް ޕީޕީއެމްގެ ކެންޑިޑޭޓް ރައީސް އަބްދުﷲ ޔާމީން އާއި އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ގެ އިތުރުން އަމިއްލަ ގޮތުން އިންތިޚާބުގައި ވާދަކުރުމަށް ނިންމެވި ހުސެއިން ނަސީރުގެ ފޯމެވެ. ނަމަވެސް އޭނާގެ ފޯމް އީސީން ވަނީ ބާތިލްކޮށްފަ އެވެ.

ކެންޑިޑޭޓުންގެ ނަން ތަރުތީބުކުރަން އަންނަ ހޮނިހިރު ދުވަސް ހަމަޖެއްސިއިރު، ހުސެއިންގެ ކެންޑިޑެސީ ފޯމް ބާތިލްކުރި މައްސަލަ ވަނީ ހައި ކޯޓަށް ހުށަހަޅައިފަ އެވެ. ނަމަވެސް އެ މައްސަލަ ބަލައިގަތް ކަމެއް އަދި ސާފެއް ނުވެ އެވެ.

އަންނަ މަހުގެ 23 ގައި ބާއްވާ އިންތިޚާބުގައި 491 ވޯޓު ފޮށި ބަހައްޓާއިރު 263،000 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެންވެ އެވެ.