Roadha Mihaaru
މަގާމުގެ ނުފޫޒު ފޯރުވަނީ އަޅުގަނޑެއް ނޫން: ރައީސް

މަގާމުގެ ނުފޫޒު ފޯރުވަނީ އަޅުގަނޑެއް ނޫން، އިދިކޮޅުގެ ބޭފުޅުން: ރައީސް

08 އޯގަސްޓް 2018

ކަންކަމަށް މަގާމުގެ ނާޖާއިޒު ނުފޫޒު ފޯރުވަނީ އެމަނިކުފާނު ނޫން ކަމަށާއި އެކަން ކޮށްފައި ވަނީ އިދިކޮޅުގެ "އޮޑިއަށް" އަރާ ތިއްބެވި ސިޔާސީ ބޭފުޅުން ކަމަށް ރައީސް އަބްދުﷲ ޔާމީން މިއަދު ގއ. ވިލިނގިލީގައި ވިދާޅުވެއްޖެ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ކަންކަމަށް މަގާމުގެ ނާޖާއިޒު ނުފޫޒު ފޯރުވަނީ އެމަނިކުފާނު ނޫން ކަމަށާއި އެކަން ކޮށްފައި ވަނީ އިދިކޮޅުގެ "އޮޑިއަށް" އަރާ ތިއްބެވި ސިޔާސީ ބޭފުޅުން ކަމަށް ރައީސް އަބްދުﷲ ޔާމީން މިއަދު ގއ. ވިލިނގިލީގައި ވިދާޅުވެއްޖެ އެވެ.

އެ ރަށުގެ މަގު ހެދުމާއި ހައުސިން ޔުނިޓްތައް ނިމުމުގެ މަޝްރޫއު އިފްތިތާހްކޮށް ދެއްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ މުއައްސަސާތައް މެދުވެރިކޮށް އެކި ކަންކަމަށް މި ސަރުކާރުން ނުފޫޒު ފޯރުވާ ކަމުގެ ތުހުމަތު އިދިކޮޅުން ކުރަމުންދާ ކަމަށެވެ. އެކަމަކު، މާޒީ އަށް ބަލާއިރު، މި ސަރުކާރަށް ތުހުމަތު ކުރާނެ ޖާގައެއް އެ ބޭފުޅުންނަށް ނެތް ކަމަށާއި ނުފޫޒުން ކަންކަން ކޮށްފައި ވަނީ އިދިކޮޅުގެ ބޭފުޅުން ކަމަށް ރައީސް ތަކުރާރުކޮށް ވިދާޅުވި އެވެ.

އޭގެ ހެކި ފެންނަން ހުރި ކަމަށް ވިދާޅުވެ، އެކި ހާދިސާތައް ރައީސް ޔާމީން ވިދާޅުވެ ދެއްވި އެވެ.

އެމަނިކުފާނުގެ ވިދާޅުވީ 2013 ގެ ރިޔާސީ އިންތިޚާބުގައި އެމަނިކުފާނާއި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވާދަ ކުރެއްވިއިރު، އޭރުގެ އިލެކްޝަންސް ކޮމިޝަނަރު ފުއާދު ތައުފީގުގެ ގެއަށް ސިޔާސީ ބޭފުޅަކު ވަދެވަޑައިގެން ނުނިކުމެވި "ހިސޯރުވެފައި" އިންނެވި ކަމަށެވެ. ރިޔާސީ އިންތިޚާބުގެ ދުވަސްވަރު، ފުއާދުގެ ގެއަށް ސިޔާސީ ބޭފުޅަކު ވަންނަވަން ޖެހިވަޑައިގަތް ސަބަބަކީ ކޮބައިތޯ ރައީސް ސުވާލު އުފެއްދެވި އެވެ.

ރައީސް ޔާމީން ވިލިނގިލީގެ ރައްޔިތުންނާ މިއަދު ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަނީ.---ފޮޓޯ: ރައީސް އޮފީސް

ރައީސް ޔާމީން ވިލިނގިލީގެ ރައްޔިތުންނާ މިއަދު ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަނީ.---ފޮޓޯ: ރައީސް އޮފީސް

އެމްޑީޕީގެ ވެރިކަމުގައި ކޯޓުތަކަށް ފަނޑިޔާރުން އައްޔަން ކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީން) ކުރިއަށް ގެންދިޔަ ރަސްމިއްޔާތު ހިސޯރުކޮށް، ހުއްޓުވަން އުޅުނީ ކޮންބައެއްތޯ އާއި އެކަން ކުރެއްވީ ކޮން ބޭފުޅެއްގެ މަންދޫބެއްތޯ ރައީސް އެއްސެވި އެވެ. ރައީސް އެ އިޝާރާތް ކުރެއްވީ ޖޭއެސްސީ އަށް އޭރުގެ ރައީސް ނަޝީދު އައްޔަން ކުރެއްވި އައިޝަތު ވެލެޒިނީ އަށެވެ.

"ހަމަ ދެކޮޅަށް ދެކޮޅަށް ހިނގަމުން މިދަނީ، އެ ބޭފުޅުން ހުވާ ލައިދިނުމުގެ ރަސްމިއްޔާތު ބަރުބާދުކޮށްލުމަށްޓަކައި. ވަކި ބަޔަކު ހުވާކުރިޔަ ނުދޭން މިކަންކަން ކުރީ. ކޮންބައެއްބާ ނުފޫޒު ފޯރުވީ. ކީއްވެތޯ ޖޭއެސްސީގެ ޖަލްސާގައި އެހާ ހަޑިކޮށް އެކަންތައް ހިނގައި ދިޔައީ، އެ ބޭފުޅުން ޖަވާބު ދެއްވަންވީ ނޫންތޯ؟" ރައީސް ޔާމީން ވިދާޅުވި އެވެ.

އެންމެ ބޮޑެތި މުއައްސަސާތަކަށް، ރައީސް ވިދާޅުވި ގޮތުގައި، ނުފޫޒު ފޯރުވަން ނަޝީދުގެ ސަރުކާރުގައި މަސައްކަތް ކޮށްފައިވެ އެވެ.

ނަޝީދުގެ ސަރުކާރުން އެމަނިކުފާނު ހައްޔަރުކުރީ ނުހައްގުން ކަމަށާއި އެ މައްސަލަ ސުޕްރީމް ކޯޓުގައި ހިނގައި ދިޔައިރު ނުފޫޒު ފޯރުވަން ނަޝީދު މަސައްކަތްޕުޅު ކުރެއްވި ކަމަށް ރައީސް ޔާމީން ތުހުމަތު ކުރެއްވި އެވެ. އޭގެ ހެއްކަކީ، މައްސަލައިގެ ހުކުމަށް ދިގު އިންތިޒާރެއް ކުރަން ޖެހި، އެ އިންތިޒާރުގައި ތިއްބާ އޭރުގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދަށް ނަޝީދު ފޯނު ކުރެއްވުން ކަމަށް ވިދާޅުވި އެވެ.

އަބްދުﷲ ސައީދު ފޯނު ނުނެންގެވުމުން، ވާހަކަފުޅު ދެއްކެވީ ކޯޓު އޮފިސަރެއްގެ ފޯނުން ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވި އެވެ.

ރައީސް ޔާމީން ވިލިނގިއްޔަށް ވަޑައިގެން މިއަދު ހަވީރު ބޭއްވެވި ޖަލްސާ ގައި ބައިވެރިވި، އެމަނިކުފާނުގެ ސަޕޯޓަރުންތަކެއް.---ފޮޓޯ: ރައީސް އޮފީސް

ރައީސް ޔާމީން ވިލިނގިއްޔަށް ވަޑައިގެން މިއަދު ހަވީރު ބޭއްވެވި ޖަލްސާ ގައި ބައިވެރިވި، އެމަނިކުފާނުގެ ސަޕޯޓަރުންތަކެއް.---ފޮޓޯ: ރައީސް އޮފީސް

ޖަލަށް ލާފައިވާ ކުރީގެ ޕްރޮސިކިއުޓަ ޖެނެރަލް، މުހްތާޒު ފަހުމީ ގާނޫނީ އިމުން ބޭރުން ކޯޓު އަމުރެއް ނެރުއްވައި އެމަނިކުފާނު ހައްޔަރު ކުރަން މަސައްކަތް ކުރައްވަން އުޅުއްވުމަކީ ވެސް ނުފޫޒެއް ނޫންތޯ ރައީސް ޔާމީން ސުވާލު ކުރެއްވި އެވެ. އެއާއެކު، ފުލުހުންގެ މުއައްސަސާ މެދުވެރިކޮށް އިދިކޮޅުން ހިންގަން އުޅުނު ޖަރީމާތައް މަދެއް ނޫން ކަމަށް ވެސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ސިޔާސީ ލީޑަރުން މިނިވަންކުރަން ސުޕްރީމް ކޯޓުން އަމުރު ނެރުމަކީ ވެސް ނުފޫޒު ފޯރުވުން ކަމަށެވެ. ފެބުރުއަރީ، 1، 2018 ގައި ސުޕްރީމް ކޯޓުން ނެރުނު އަމުރުގެ ނާޖާއިޒު ފައިދާ ލިބެނީ އެމަނިކުފާނަށް ނޫން ކަމަށް ވިދާޅުވި އެވެ.

"ޝަރުއީ ދާއިރާގެ އެންމެ މަތީ މަރުހަލާގެ ކޯޓުގެ ވާހަކަ އަޅުގަނޑު މި ދެންނެވީ، އެހެންވީމަ ކޮންބައެއްތޯ ނުފޫޒު ފޯރުވަނީ. ސަރުކާރުން ނުފޫޒު ފޯރުވަނީ ކޮން ކަމެއްގައިތޯ؟" ރައީސް ސުވާލު އުފެއްދެވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި ސެޕްޓެމްބަރު 23 ގައި ބާއްވާ އިންތިޚާބުގެ ވޯޓަށް ރީ ރަޖިސްޓްރީ ކުރުވަން ސަރުކާރުން ގަދައަޅައި މަސައްކަތް ކުރުވަން އަންނަ ކަމަށް އިދިކޮޅަށް ބުނެވޭނެ އެވެ. އެއީ ޖާއިޒު ނުފޫޒު ކަމަށާއި ވޯޓު ލުމަކީ އެންމެންގެ ހައްގަކަށްވާތީ ވޯޓުލާން ރަޖިސްޓްރީ ކުރާށޭ ސަރުކާރުން ބުނާނެ ކަމަށް ވިދާޅުވި އެވެ.