07 އޯގަސްޓް 2018
ރާއްޖޭގައި ހަމައެކަނި ތަރައްޤީ ވެފައި އޮންނަ ރަށަކީ މާލެ އަށް ވާން އަޅުގަނޑު ބޭނުމެއް ނޫނެވެ. ސަބަބަކީ ސަރަހައްދީ ތަރައްޤީ އަށް އަޅުގަނޑަށް ތާއީދުކުރެވޭތީ ވެ އެވެ. މާލެއާ ކައިރީގައި ހުރި ރަށްތައް ތަރައްޤީކޮށްގެން ރާއްޖޭގެ މުޅި އާބާދީ މާލޭ ސަރަހައްދަށް ގެނައުމުން އަތޮޅުތައް ފަޅުވާނެތީވެ އެވެ. މާލެ އަށް ނުވަތަ މާލޭ ސަރަހައްދަށް އަތޮޅުތަކުގެ އާބާދީ ބަދަލުވާން ޝަޢުޤުވެރި ވަނީ ކީއްވެތޯ އެވެ؟ އާމްދަނީ ހޯދުމާއި މުނިފޫހިފިލުވުމުގެ ހުރިހާ ވަސީލަތްތަކެއް ލިބެން ހުންނަނީ މާލޭ ސަރަހައްދުން ކަމަށް ވާތީ ވެ އެވެ. އިތުބާރު ކުރެވޭ ބޭސްފަރުވާ އަތޮޅުތަކުގައި ލިބެން ނުހުންނާތީ ވެ އެވެ. ފަތުރުވެރިކަމުގެ ޞިނާޢަތު އަތޮޅުތަކުގައި ފުޅާކުރަމުން ގެންދާ އިރު، އަވަހަށް ނުވަތަ ލަހުން މި ޚިދުމަތްތައް އެ ސަރަހައްދުން ލިބުން ހާލާތު މަޖުބޫރު ކުރާނެ އެވެ.
ރާއްޖޭގައި ހަމައެކަނި ތަރައްޤީ ވެފައި އޮންނަ ރަށަކީ މާލެ އަށް ވާން އަޅުގަނޑު ބޭނުމެއް ނޫނެވެ. ސަބަބަކީ ސަރަހައްދީ ތަރައްޤީ އަށް އަޅުގަނޑަށް ތާއީދުކުރެވޭތީ ވެ އެވެ. މާލެއާ ކައިރީގައި ހުރި ރަށްތައް ތަރައްޤީކޮށްގެން ރާއްޖޭގެ މުޅި އާބާދީ މާލޭ ސަރަހައްދަށް ގެނައުމުން އަތޮޅުތައް ފަޅުވާނެތީވެ އެވެ. މާލެ އަށް ނުވަތަ މާލޭ ސަރަހައްދަށް އަތޮޅުތަކުގެ އާބާދީ ބަދަލުވާން ޝަޢުޤުވެރި ވަނީ ކީއްވެތޯ އެވެ؟ އާމްދަނީ ހޯދުމާއި މުނިފޫހިފިލުވުމުގެ ހުރިހާ ވަސީލަތްތަކެއް ލިބެން ހުންނަނީ މާލޭ ސަރަހައްދުން ކަމަށް ވާތީ ވެ އެވެ. އިތުބާރު ކުރެވޭ ބޭސްފަރުވާ އަތޮޅުތަކުގައި ލިބެން ނުހުންނާތީ ވެ އެވެ. ފަތުރުވެރިކަމުގެ ޞިނާޢަތު އަތޮޅުތަކުގައި ފުޅާކުރަމުން ގެންދާ އިރު، އަވަހަށް ނުވަތަ ލަހުން މި ޚިދުމަތްތައް އެ ސަރަހައްދުން ލިބުން ހާލާތު މަޖުބޫރު ކުރާނެ އެވެ.
ވިލިމާލެ އާއި ހުޅުމާލެ ތަރައްޤީ ކުރަން ފެށީ މާލޭގައި ދިރިއުޅޭ މީހުންނަށް ބޯހިޔާވަހި ކަމެއް ލިބޭނޭ މަގެއް ތަނަވަސް ކޮށްދިނުމުގެ ބޭނުމުގަ އެވެ. މާލޭގައި ދިރިއުޅޭ މީހުން ކަމުގައި އަޅުގަނޑުގެ މި ލިއުމުގައި މި ބަލަނީ ކޮންމެހެން މާލެ އަށް އުފަންވި މީހުންނެެއް ނޫނެވެ. ތަފާތު ސަބަބުތަކާ ހުރެ ރާއްޖޭގެ ތަފާތު ސަރަހައްދުތަކުން މާލެ އަށް ހިޖުރަކޮށްފައި ތިބި މީހުން ވެސް ޝާމިލްވާ ގޮތަށެވެ. ހަތަރު މަތިފުށް (ބައްޕަ އާއި ކާފަ) މާލެ އަށް އުފަންވި މީހުންނެއް ނޫނެވެ. ސަބަބަކީ މާލެ އިން ގެދޮރަށް ބޭނުންވެގެން އުޅޭ މީހުންގެ ތެރޭގައި ހަތަރު މަތިފުށް މާލެ އަށް އުފަންވި މީހުން އައިއިރު ވެސް މާލޭގައި ދިރިއުޅެމުން ދާ މީހުން ތިބޭތީ ވެ އެވެ. އެ ޒަމާނުގައި މާލޭގެ ރައްޔިތަކަށް ވެވެނީ މާލޭގައި ގޮވައްޗެއް އޮންނަ މީހަކަށެވެ. ގޮވައްޗެއް ލިބެނީ މާލޭގެ ރައްޔިތަކަށް ވެގެންނެވެ.
ހައްދުންމަތި ކަހަލަ އަތޮޅުތައް ހުރިހާ ޚިދުމަތްތަކާ އެކު ތަރައްޤީ ނުކުރެވެންވީ ކީއްވެތޯ އެވެ؟ ރަށްތައް ބޮޑެއްޗެވެ. އެތައް ސަތޭކަ މިލިއަން ޑޮލަރު ދަރަންޏަށް ނުނަގައި، ކުޑަ ޚަރަދަކުން ރަށްތައް ގުޅާލެވެން އެބަ އޮތެވެ. ފަތުރުވެރިކަން ފުޅާކޮށް ތަރައްޤީ ކުރެވެން އެބަ އޮތެވެ. އަތޮޅުގެ ހުރިހާ ރަށްތައް ފަތުރުވެރިކަމަށް ތަރައްޤީ ކޮށްގެން ހުސްވެއްޖެ ހިނދެއްގައި ކައިރީގައި ހުރި އަތޮޅުތަކުގެ ރީތި ރަށްތަކުގައި ފަތުރުވެރިކަން ތަރައްޤީ ނުކުރެވެންވީ ކީއްވެތޯ އެވެ؟ ދ. އަތޮޅުގެ ރަށްތަކަށް ބައްލަވާށެވެ. ކޮން ފަދަ ރީތި ރަށްތަކެއްތޯ އެވެ؟ ހުވަދޫ ކަނޑު ހުރަސްކުރުމަށް ފަހު ދާން ޖެހޭ އަތޮޅުތަކުގެ ވާހަކަ ނުދެންނެވީ އެ އަތޮޅުތަކަކީ އާބާދީ ބޮޑުކަމުން "ވޯޓު-ބާރު" އޮންނަ އަތޮޅުތަކަށް ވާތީ ވެ އެވެ.
ތެލުން ރަށް ހިއްކުމަކީ އަޅުގަނޑަށް ބަލައިގަންނަން އުނދަގޫ ކަމެކެވެ. ރާއްޖޭގެ ޖަޒީރާތައް ބައިވަރެވެ. ޤުދުރަތީ ގޮތުން ހެދިފައި ހުރި ޖަޒީރާ އެވެ. ދިވެހި ރާއްޖެ، ދިވެހި ރާއްޖެއަކަށް ވަނީ އެހެން ވީމަ އެވެ. ފަތުރުވެރިކަމުގެ ޞިނާޢަތުގައި ރާއްޖެ އެހާ މަޝްހޫރު ވެފައި ވަނީ އެ ރީތި ކަމާ ހުރެ އެވެ. ތަފާތު ގޮތްގޮތަށް ޞިނާޢީ ގޮތުން ގުޅާލެވިފައި ހުރި ތަންތަން ދުނިޔޭގައި ބައިވަރެވެ. "ޢަރަބި ކަލާމުން" ވާހަކަ ދައްކާ ގިނަ މީހުންނަކީ މުސްލިމުންނަށް ވާތީ ވެ، އެ މީހުން ކުރާ ކޮންމެ ކަމެއް އަޅުގަނޑުމެން ކޮޕީކުރަން ޖެހޭތޯ އެވެ؟ އެ މީހުންގެ ޤައުމުގައި ރާއްޖޭގައި އޮންނަ ކަހަލަ ޖަޒީރާ ނެތުމުން ވިލުން ބިން ހިއްކައިގެން ރާއްޖޭގައި އޮންނަ ކަހަލަ ޖަޒީރާ ހަދަ އެވެ. އެ މީހުންގެ ބިމުން ތެޔޮ ނަގަ އެވެ. އަޅުގަނޑުމެންގެ އަތުގައި ޖަޒީރާ އެބަހުއްޓެވެ. ތެލެއް ނެތެވެ. ބޮޑު ޚަރަދު ކޮށްގެން ތެޔޮ އެތެރެކޮށްގެން އަގު ބޮޑުކޮށް މެޝިން ހޯދައިގެން ފަތުރުވެރިކަމުގެ ބޭނުމަށް އަޅުގަނޑުމެން ބިން ހިއްކަން ވޭ ބާވަ އެވެ؟ މާލެ އާއި މާލޭ ސަރަހައްދުގައި ދިރިއުޅޭ މީހުން ޗުއްޓީ އަށް ދަތުރު ދާން އޮތް ކުޑަ ބަނޑޮހާއި ފޭދޫފިނޮޅު، އަގުޖެހުމުން ނުވަތަ "ދަތުގައި ޖެހޭ ގޮތް ވުމުން" މާލޭގެ ރައްޔިތުން ޤުރުބާން ކުރުމަށް ފަހު ކުއްޔަށް ދޫކުރެވުނެވެ. މި ކަމުގެ ސަބަބުން މާލޭގެ "ވޯޓު ބޭންކު" ކެކި އުތުރި އަރަން ފެށުމުން މާލޭގެ ރައްޔިތުންގެ މުނިފޫހިފިލުވުމަށް ދަތުރު ދިއުމަށް ރަށެއް ހިއްކުމަށް ވަޢުދު ވި އެވެ. އަޅަނީ ވެއްޔެވެ. އެކަމަކު ޙަޤީޤަތުގައި އެއީ ތެލުން ހިއްކާ ރަށެކެވެ. ޚަރަދު ކުޑަ ވާނީ ކުރިން އޮތް ގޮތަށް ކުރިން ދެންނެވުނު ދެ ރަށް ދިވެހިންނަށް ބޭއްވުން ބާވަ އެވެ؟ ނުވަތަ ފަޅުން ރަށެއް ހިއްކުން ބާވަ އެވެ؟ މި ޚަރަދު ކުރަނީ ކޮން ތާކުން ފައިސާ ހޯދައިގެންތޯ އެވެ؟ އަޅުގަނޑުމެންގެ ފައިސާއިންނެވެ. މިއަދުގެ ޒުވާނުން ދަރަނިވެރި ކުރުވަން، ހަމަގައިމު ވެސް އަޅުގަނޑު ބޭނުމެއް ނޫނެވެ.
ރާއްޖޭގެ އާބާދީގެ ބޮޑު ބައެއް މާލެ ސަރަހައްދަށް އައުމަށް ގޮވާލަ އެވެ. ފްލެޓް އަޅައިދެވޭނެ ކަމަށް ބުނެ އެވެ. ވަޒީފާ ލިބޭނެ ކަމަށް ބުނެ އެވެ. އެ ގޮވާލުމަކީ އަތޮޅުތަކުގައި ދިރިއުޅޭ ބައެއް މީހުންގެ ހިތްކިޔާ ވަރުގެ ގޮވާލުމަކަށް ވެދާނެ އެވެ. އެހެން ނަމަވެސް މާލޭގައި ދިރިއުޅޭ މީހުން އެ ގޮވާލުމަށް މަރުޙަބާ ކިޔާނެތޯ އެވެ؟ މަގު ހުސްކޮށްގެން ދަތުރުކުރެވޭ ނަމަ މާލޭގެ މަގުމަތީގެ ބައިބޯ ކަމާއި ދުއްވާ އެއްޗެތީގެ ގިނަ ކަމާއި، ޤަވައިދާ ޚިލާފަށް ދުއްވުމާއި ޕާކް ކުރުމުގެ އުނދަގޫ ތަޞައްވަރު ނުކުރެވިދާނެ އެވެ. މާލޭގެ ސަރަހައްދުގައި ދޭން ބުނާ ޚިދުމަތްތައް އަތޮޅުގެ ތެރޭގައި ތަރައްޤީ ކުރާ ސެންޓަރަކުން ލިބޭނެ ގޮތް ހެދުމަށް ފަހު މާލެ ސަރަހައްދަށް އަންނަން ބޭނުންވާ ބަޔަކު އައުމަށް ހުޅުވާލެވިފައި އޮތުމުން ހިޖުރަ ކުރަން ބޭނުންވާ މީހުން ވަކި ގޮތެއް ނިންމަން ފުރުޞަތުތަކެއް ހުޅުވާ ލެވުނީ އެވެ. ވަރަށް ދެރަ އެވެ. މާލެ ހަލާކު ކޮށްލުމަށް ފަހު މިހާރު ވިލިމާލެ ހަލާކު ކުރަން ތައްޔާރު ވަނީ އެވެ.
އަތޮޅުތަކުގައި އެއާޕޯޓުތައް ހަދަނީ އެވެ. އެއް އަތޮޅުގައި ތިން ހަތަރު އެއާޕޯޓު ހަދަ އެވެ. އެއާޕޯޓު ހަދަނީ އިޤްތިޞާދީ މިންގަނޑަކަށް ވުރެ ބޮޑަށް ސިޔާސީ މުހުތާދަށް ބެލެވިގެން ކަމަށް ފެނެ އެވެ. އެއާޕޯޓު ބެލެހެއްޓުމަކީ ވަރަށް ޚަރަދު ބޮޑު ކަމެކެވެ. އެއާޕޯޓަށް އާމްދަނީ ލިބެނީ ޖައްސާ ބޯޓަކަށް ދޭ ޚިދުމަތަކުންނެވެ. ކޮންމެ ދުވަހަކު އެކަށީގެންވާ އަދަދަކަށް ދަތުރުތައް ނުއޮންނަ ނަމަ ވަރަށް ގެއްލުން ބޮޑު ކަމެކެވެ. އެއާޕޯޓު ބަލަހައްޓަން ޖެހެނީ ބައިނަލްއަޤްވާމީ ގޮތުން ކަނޑައަޅާފައި އޮންނަ މިންގަނޑެއްގެ ތެރޭގަ އެވެ. ފަތުރުވެރިކަން ރަނގަޅަށް ހިނގައިގެންފައި ނެތް، އާބާދީ ކުޑަ، ގިނަ ބަޔަކަށް ވައިގެ ދަތުރު ކުރުމުގެ އިޤްތިޞާދީ ޤާބިލުކަން ނެތް ސަރަހައްދެއްގައި، އެއާޕޯޓުން ގެއްލުން ވާނެ އެވެ. ގެއްލުން ފޫބައްދަން ޖެހޭނީ ބަޖެޓުންނެވެ. ފައިސާ ހޯދާނީ ކޮން ތާކުންތޯ އެވެ؟ ރައްޔިތުންގެ އަތުންނެވެ. ސީދާ ކޮންނާއި ނުސީދާ ކޮންނެވެ. އަތޮޅުތަކުގެ މުޅި އާބާދީ މާލެ ސަރަހައްދަށް އަންނަ ކަމަށް ވާ ނަމަ އެ އެއާޕޯޓުން ދަތުރު ކުރަން ތިބޭނީ ކޮން ބައެއްތޯ އެވެ؟ ޗުއްޓީ ދަތުރުތަކުގައި މާލެ އިން ދާ އާބާދީ ބާވަ އެވެ؟
ފަތުރުވެރިކަން މުޅި ރާއްޖެ އަށް ފެތުރެނީ އެވެ. ލަނޑުދަނޑިއެއް ނެތި އެވެ. މާސްޓަޕްލޭނެއް ނެތި އެވެ. މާސްޓަޕްލޭނެއް ނެތް ވާހަކަ ބުނުމުން ފަތުރުވެރިކަމުގެ ރަސްމީ އޮފީހުގައި މަސައްކަތް ކުރާ މީހުން ރަތަށް ދާނެ އެވެ. މާސްޓަޕްލޭނެއް އޮވެގެން ވެސް އެ އަށް އަމަލު ނުކުރެވޭ ނަމަ އެ ޕްލޭނެކޭ ނެތް ޕުލޭނެކޭ އެއްވަރު ވާނެ އެވެ. އެ ޕްލޭނުން ފައިދާ ވާނީ ހަމައެކަނި އެ ޕްލޭން ތައްޔާރުކުރި ބަޔަކަށެވެ. ތައްޔާރު ކުރުމުގެ ބޮޑު ފީ ލިބޭނެތީ ވެ އެވެ. މާސްޓަ ޕުލޭނަކާ އެއްގޮތަށް ކަންތައް ކުރެވޭ ނަމަ، އެ ތަނުން ފަޅެއް ހިއްކާފައި މި ތަނުން ރިޒޯޓެއް ހަދާފައި، އެ ރަށުގައި ބިން ހިއްކައިގެން އެއާޕޯޓެއް ނުހަދާނެ އެވެ.
މާލެ ސަރަހައްދަށް އަތޮޅުތަކުގެ ހުރިހާ ރައްޔިތުން ޖަމަޢަކޮށްގެން ރިޒޯޓުތަކުގައި މަސައްކަތް ކުރާނީ ކޮން ބައެއްތޯ އެވެ؟ މަސައްކަތް ކުރާ ދިވެހިންގެ ޢާއިލާ ވެސް ދިރިއުޅޭނީ މާލޭގަ އެވެ. އެހެން ކަމަށް ވާ ނަމަ ޢާއިލާގެ ދަތުރުފަތުރު ކުރުމަށް ފަސޭހައެއް ނުވެ އެވެ. ރައްޔިތުންގެ އިޖްތިމާޢީ ދިރިއުޅުމަށް ލުޔެއް ނުލިބޭނެ އެވެ. މަސައްކަތް ކުރާ މީހުން ބަންގާޅުންނާއި ލަންކާ އިންނާއި ނޭޕާލުން ގެނައުމުން ފަތުރުވެރިކަމުގެ ޑޮލަރު ދާނީ ކޮން ތާކަށްތޯ އެވެ؟ އިންޑިއާގެ ވާހަކަ ނުދެންނެވީ މި ދުވަސްކޮޅު އިންޑިއާ އަށް ރަތް ކާޑު ދައްކާފައި އޮތުމުންނެވެ. ކުރިން ދެންނެވުނު ސަބަބުތަކާ ހުރެ މިފަދަ ނިންމުންތަކަށް މަރުހަބާ ކިޔާނީ ކިހިނެއްތޯ އެވެ؟
ދަރަންޏަށް އެއްޗެތި ނަގައިގެން ހަމަޖެހޭ ދިރިއުޅުމެއް އުޅޭނީ ކިހިނެއްތޯ އެވެ. ގޭގެ ކުއްޔަށް ދިހަ ވަރަކަށް އަހަރަށް ލިބޭނެ ކަމަށް ބެލެވޭ ފައިސާ ކުރިޔަށް ނަގައިގެން، އެ ފައިސާ އިން އާމްދަނީ އިތުރު ނުކުރެވޭނެ ފަދަ ޚަރަދެއް ކޮށްގެން 10 އަހަރު ފަހުން އުޅޭނީ ކިހިނެއްތޯ އެވެ؟ ފައިސާ ހޯދާނީ ކޮން ތާކުންތޯ އެވެ؟ ޑޮނަލްޑް ޓްރަމްޕް ގެންގުޅުއްވާ ކަަހަލަ ތިމާވެއްޓާ ބެހޭ ސިޔާސަތެއް އަޅުގަނޑުމެންގެ ރާއްޖޭގައި އޮންނަން އަޅުގަނޑަށް ތާއީދު ނުކުރެ ވެ އެވެ. އޭނާގެ ސިޔާސަތަކީ ސިޔާސަތެއް ނެތުމެވެ. ތިމާވެއްޓާ ބެހޭ ގޮތުން ތަފާތު ގޮތްގޮތަށް ސައިންސުން ހޯދާފައިވާ ހޯދުންތައް އޭނާ ޤަބޫލެއް ނުކުރައްވަ އެވެ. އަޅުގަނޑުމެންގެ ރާއްޖޭގައި މިހާރު ކަންތައްތައް ހިނގާ ގޮތަށް ބަލާއިރު އަޅުގަނޑުމެން ކުރިޔަށް މިދަނީ އެ ކަހަލަ ގޮތަކަށެވެ. ފައިސާ ލިބޭ ކަމަށް ވާ ނަމަ ތިމާވެއްޓަށް ގެއްލުން ހުންނަ ކަންތައްތައް ވެސް، ތިމާވެއްޓާ ބެހޭ އޮފީހުގެ ރައުޔައާ ޚިލާފަށް ވެސް ކުރިޔަށް ގެންދެވިދާނެ އެވެ. ކުޅިއެއް ހިއްކުމަށް ޢާއްމު ޚިޔާލު ހޯދަން ސުވާލު ކޮށްލަނީ އުމުރުން ދުވަސްވީ އަންހެނަކާ އެވެ. ޖަވާބަކީ ވަރަށް ރަނގަޅު ކަމެކެވެ. ކުޅީގެ ވަރަށް ބޮޑު ބައެއް ނުހިއްކާ ވެސް އެބަ އޮތެވެ. ކުޅީގެ އަޑީގައި ކަންތައް ހިނގާނެ ގޮތް އޭނާ އަށް ތަޞައްވަރު ކުރެވޭނީ ވެސް ކިހިނެއްތޯ އެވެ.
ސައިންސްވެރިންނަށް ވެސް އެ އުޅެނީ ޤުދުރަތީ ގޮތުން ހެދިފައި އޮންނަ ތަންތަން ބަދަލު ކުރުމުން ނުކުންނާނެ ނަތީޖާ ސާފު ނުވެގެންނެވެ. އަޅުގަނޑުމެން ރަށްތައް ހިއްކަނީ އެވެ. ރަށްތައް ކަނޑަނީ އެވެ. ޙިމާޔަތުގެ ފާރު ގޮއްވާލަނީ އެވެ. ބައެއް ފަހަރަށް ބައެއް ސަރަހައްދުތަކުން މިކަމުގެ ނޭދެވޭ ނަތީޖާ ފެނެ އެވެ. އުދަ އަރާ އިރުގަ އެވެ. މި ގޮތަށް ކަންތައް ވާން އަޅުގަނޑު ބޭނުމެއް ނޫނެވެ. އަޅުގަނޑުގެ ފެނުން ގޯސް ކަމަށް ވެސް ވެދާނެ އެވެ.
މާލޭގެ ތޮއްޖެހުން ކުޑަކުރަން އެންމެން މާލެއަށް
އޮޅުންބޮޅުން- ރާއްޖެތެރެ
އޮޅުންބޮޅުން: މާލޭގެ މަގުމަތީގެ ތޮއްޖެހުން
ފަތުރުވެރިކަމަށް މާލޭ ސަރަހައްދުން އަލަށް ޖާގަ ނުދިނުން
އޮޅުންބޮޅުން: ވާ ގޮތް ނޭނގުން
މާލޭ މަގު ހެދުމުގެ ސާވޭއަށް ޗައިނާގެ ޓީމެއް އަތުވެއްޖެ
މާލެ ނައިސް ވިލިމާލެ/ހުޅުމާލެއިން ހިދުމަތް ފޯރުކޮށްދެނީ
އީދު ދުވަހުގެ ހަވީރު މާލޭގައި ވެހިކަލް ދުއްވުން މަނާ
މާލެ ސަރަހައްދުގެ މިސްކިތްތަކުގައި ފަސްތަރީގެ ފާހާނާތައް
ވެމްކޯއިން ބޮޑެތި ކުނި ހިލޭ އުކައިދޭން ފަށައިފި