Roadha Mihaaru
އެމްޕީއެލްގެ މުވައްޒަފުންނަށް ދެނީ 432 ފްލެޓު

އެމްޕީއެލްގެ މުވައްޒަފުންނަށް ދެނީ 432 ފްލެޓު

31 ޖުލައި 2018

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ހުޅުމާލޭގެ ދެ ވަނަ ފިޔަވަހީގައި ހަދާ 534 ފްލެޓުގެ ތެރެއިން އެ ކުންފުނީގެ މުވައްޒަފުންނަށް 432 ފްލެޓު ދިނުމަށް އެ ކުންފުނިން ނިންމައިފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ހުޅުމާލޭގެ ދެ ވަނަ ފިޔަވަހީގައި ހަދާ 534 ފްލެޓުގެ ތެރެއިން އެ ކުންފުނީގެ މުވައްޒަފުންނަށް 432 ފްލެޓު ދިނުމަށް އެ ކުންފުނިން ނިންމައިފި އެވެ.

އެމްޕީއެލް އިން ހުޅުމާލޭގައި ހަދަން ނިންމާފައި ވަނީ 14 ބުރީގެ ތިން ޓަވަރެވެ. އެ ތިން ޓަވަރުގައި ދެ ކޮޓަރި އާއި މެއިޑް ރޫމެއް ހިމެނޭ 330 އެޕާޓްމަންޓާއި އެއް ކޮޓަރީގެ 204 އެޕާޓްމަންޓް ހެދުމަށް ވަނީ ނިންމައިފަ އެވެ. އެ މަޝްރޫއަށް 560 މިލިއަން ރުފިޔާ އެމްޕީއެލުން ހަރަދު ކުރެ އެވެ.

"ޕޯޓް ހިޔާ ހައުސިން ސްކީމް" އިފްތިތާހު ކުރުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި އެމްޕީއެލް އިން ބުނީ އެ ކުންފުނީގެ ޓަވަރުތައް ހެދުމުން 3000 އަށް ވުރެ ގިނަ މީހުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދެވޭނެ ކަމަށެވެ. އަދި މުވައްޒަފުންނަށް 432 ފްލެޓު ހާއްސަ ކުރާ އިރު، ބާކީ ހުރި 102 ފްލެޓު ދޫކުރާނީ އާންމުންނަށެވެ.

އެމްޕީއެލުން ޓަވަރުތައް ހެދުމަށް ހަވާލުކޮށްފައި ވަނީ ސިންގަޕޫރުގެ ޑަބްލިއު އެންޑް އޭ އޯވަސީސްއާ އެވެ. މި މަޝްރޫއުގެ އަމަލީ މަސައްކަތް މިދިޔަ ޖެނުއަރީ މަހުގެ ތެރޭގައި ވަނީ ފަށައިފަ އެވެ.

އެމްޕީއެލްގެ ސީއީއޯ އިބްރާހިމް އަބްދުއްރައްޒާގް ހަލީމް ވިދާޅުވީ ފްލެޓުތައް ބޭނުންވެފައި ތިބި ގިނަ އަދަދެއްގެ މުވައްޒަފުން އެމްޕީއެލްގައި އެބަތިބި ކަމަށެވެ. އަދި މުވައްޒަފުންނަށް އެންމެ ފަސޭހަ ގޮތަކަށް ފްލެޓްތަކަށް ކުރިމަތިލުމުގެ ފުރުސަތު ދިނުމުގެ ގޮތުން ހާއްސަ ކޮމެޓީއެއް އޮންނަ ކަމަށް އޭނާ ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި ޓަވަރުތަކުގެ މަސައްކަތް ހުއްޓުމެއް ނެތި ދަނީ ކުރިއަށެވެ.

އޭނާ ވިދާޅުވީ ފްލެޓުތަކަށް އެމްޕީއެލްގެ ދާއިމީ މުވައްޒަފުންނަށް ކުރިމަތިލެވޭނެ ކަމަށެވެ. އަދި މާދަމާ އިން ފެށިގެން އަންނަ މަހުގެ ނިޔަލަށް ފްލެޓުތަކަށް ކުރިމަތިލެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އެ މަޝްރޫއުގެ ދަށުން އެ ކުންފުނިން ހަދަން ނިންމާފައިވާ 14 ބުރީގެ ތިން ޓަވަރުގެ މަސައްކަތް ކުރިޔަށް އޮތް ދެ އަހަރުގެ ތެރޭގައި ނިންމާލެވޭނެ ކަމަށް ވެސް އެމްޕީއެލް އިން ބުންޏެވެ.

ހުޅުމާލޭގައި ލައްކައެއްހާ މީހުންގެ އާބާދީއަކަށް އަމާޒުކޮށްގެން 25 ބުރީގެ 62 ޓަވަރު އަޅަން ސަރުކާރުން ވަނީ ނިންމައިފަ އެވެ. އަދި އޭގެ ތެރެއިން ބައެއް ޓަވަރުތައް ހަދަން ސަރުކާރުގެ ބައެއް ކުންފުނިތަކާ ހަވާލުކުރުމުން، އެ ކުންފުނިތަކުން އަންނަނީ އެކަން ކުރާނެ ބަޔަކު ހޯދަން އިއުލާން ކުރަމުންނެވެ. އަދި ބައެއް ކުންފުނިތަކުން ކޮންޓްރެކްޓަރުންނާ އެކަން ހަވާލުކޮށް، މަސައްކަތް ވަނީ ފަށައިފަ އެވެ.