Roadha Mihaaru
"ރަޖިސްޓްރޭޝަން ފޯމުތަކުގެ ސައްހަކަން ކަށަވަރުކުރާނަން"

ރަޖިސްޓްރޭޝަނަށް ހުށަހަޅާ ފޯމުތަކުގެ ސައްހަކަން ކަށަވަރުކުރާނަން: އީސީ

29 ޖުލައި 2018

ވޯޓުލުމަށްޓަކައި ރީ ރަޖިސްޓްރީކުރަން ހުށަހަޅާ ފޯމުތަކުގެ ސައްހަކަން ކަށަވަރުކުރާނެ ކަމުގެ ޔަގީންކަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ދީފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ވޯޓުލުމަށްޓަކައި ރީ ރަޖިސްޓްރީކުރަން ހުށަހަޅާ ފޯމުތަކުގެ ސައްހަކަން ކަށަވަރުކުރާނެ ކަމުގެ ޔަގީންކަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ދީފި އެވެ.

އެ ކޮމިޝަންގެ މެމްބަރު އަހުމަދު އަކްރަމް ވިދާޅުވީ އަންނަ ސެޕްޓެމްބަރު 23 ގައި ބާއްވާ އިންތިޚާބަށް، ރަށްވެހިވެފައިވާ ރަށް ނޫން އެހެން ރަށެއްގައި ވޯޓު ލުމަށްޓަކައި ރަޖިސްޓްރީ ކުރަމުން އަންނައިރު އެކަމާ ގުޅޭ ގިނަ ޝަކުުވާތައް ހުށަހަޅަމުންދާ ކަމަށެވެ. އެހެންވެ ފޯމުތައް ބަލަމުން އަންނައިރު އެ ޝަކުވާތަކަށް ބަލާނެ ކަމަށް ވިދާޅުވި އެވެ.

އިންތިޚާބަށް ރަޖިސްޓްރީކޮށްދިނުން ސިޔާސީ ޕާޓީތަކުން ވެސް ކުރަމުން އަންނައިރު، އެކަމުގައި އޮޅުވާލުމާއި މަކަރު ހަދަމުން ދާ ކަމުގެ ތުހުމަތުތައް އެއް ޕާޓީން އަނެއް ޕާޓީ އަށް ދަނީ ކުރަމުންނެވެ. ނަމަވެސް ރަޖިސްޓްރީކުރުމުގައި އެއްވެސް އޮޅުވާލުމަށް ނުހިންގާ ކަމުގެ ޔަގީންކަން ޕާޓީތަކުން ދެ އެވެ.

އަކްރަމް ވިދާޅުވީ ރަޖިސްޓްރޭޝަން ފޯމުތަކުގެ ސައްހަކަން ކަށަވަރު ކުރާއިރު އައިޑީކާޑުގެ މައުލޫމާތުތަކާއި ފިންގަ ޕްރިންޓް ދިމާވޭތޯ ބަލާނެ ކަމަށެވެ. އޭގެ އިތުރުން އެމީހާ އަށް ގުޅައިގެން ވެސް މައުލޫމާތު ކަށަވަރުކުރާނެ ކަމުގެ ޔަގީންކަން ދެއްވި އެވެ.

އަންނަ މަހުގެ 11 ވަނަ ދުވަހާ ހަމައަށް ރީ- ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު، މިހާތަނަށް 12،000 އަށްވުރެ ގިނަ މީހުން ރަޖިސްޓްރީކުރަން ފޯމް ހުށަހަޅާފައިވާ ކަމަށް އިލެކްޝަންސް އިން ބުންޏެވެ.

"ރަޖިސްޓްރޭޝަނާ ގުޅޭ ވަރަށް ގިނަ ޝަކުވާތައް ލިބޭ. އެހެންވެ އީސީން ޔަގީންކަން ދެން، ރަޖިސްޓްރޭޝަނަށް ހުށަހަޅާ ފޯމުތަކުގެ ސައްހަކަން ކަށަވަރުކުރާނެ ކަމުގެ. މީގެ ކުރިން ވެސް ފޯމުތަކުގެ ސައްހަކަން ބަލާނެ. އެކަމަކު މިފަހަރު ލިބެމުންދާ ޝަކުވާތަކުން އެ މަސައްކަތް އިތުރަށް ކުރިއަށްގެންދާނެ،" އަކްރަމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ފޯމުގެ ސައްހަކަން ކަށަވަރުކުރަން އިތުރަށް ބަލާ ބެލުމުން، އެއީ ސައްހަ ފޯމެއްތޯ ޔަގީން ނުވާނަމަ އެ ފޯމެއް ބާތިލްކުރާނެ ކަމަށެވެ. އަދި އެ ފޯމް ހުށަހެޅި މީހާއަށް އެކަން އަންގާނެ ކަމަށް ވެސް ވިދާޅުވި އެވެ.

އެންމެ ފަހުން ބޭއްވި ރިޔާސީ އިންތިޚާބުގައި ސުޕްރީމް ކޯޓުގެ ގައިޑްލައިނާ އެއްގޮތަށް، ފިންގަ ޕްރިންޓްގެ ސައްހަކަން ބަލަން އީސީން ފޮނުވީ ފުލުހަށެވެ. ނަމަވެސް މިއަހަރުގެ އިންތިޚާބަށް، ފިންގަ ޕްރިންޓުގެ ސައްހަކަން ބަލަން ފުލުހަށް ފޮނުވުމާ މެދު އިލެކްޝަންސް އިން ވަކި ގޮތެއް އަދި ނުނިންމަ އެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވޯޓުލުމުގެ ހައްގު ލިބޭ 263،000 މީހުން އުޅޭއިރު 491 ވޯޓުފޮށި ރާއްޖެ އާއި ބޭރުގެ ބައެއް ގައުމުތަކުގައި ބަހައްޓަން ވަނީ ހަމަޖެހިފަ އެވެ.