Roadha Mihaaru
ކެމްޕެއިންތަކުގައި ގަވާއިދާ ހިލާފުނުވާން އިލްތިމާސްކޮށްފި

ބައި އިލެކްޝަންގެ ކެމްޕެއިންތަކުގައި ގާނޫނާއި ގަވާއިދާ ހިލާފުނުވާން އިލްތިމާސްކޮށްފި

10 ޖެނުއަރީ 2022

އަންނަ މަހު ފަހެއްގައި ބާއްވާ ބައި އިލެކްޝަންތަކުގެ ކެމްޕެއިންތަކުގައި ގާނޫނާއި ގަވާއިދާ ހިލާފު އަމަލުތައް ނުކުރުމަށް ސިޔާސީ ޕާޓީތަކަށް އިލެކްޝަންސް ކޮމިޝަނުން މިއަދު އިލްތިމާސްކޮށްފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

އަންނަ މަހު ފަހެއްގައި ބާއްވާ ބައި އިލެކްޝަންތަކުގެ ކެމްޕެއިންތަކުގައި ގާނޫނާއި ގަވާއިދާ ހިލާފު އަމަލުތައް ނުކުރުމަށް ސިޔާސީ ޕާޓީތަކަށް އިލެކްޝަންސް ކޮމިޝަނުން މިއަދު އިލްތިމާސްކޮށްފި އެވެ.

އެ ކޮމިޝަނުން ނެރުނު ނޫސްބަޔާނެއްގައި ބުނީ، މިފަހަކަށް އައިސް ކެމްޕެއިން ހަރަކާތްތައް ހިންގުމުގައި އިންތިހާބަށް ނުރަނގަޅު ނުފޫޒު ފޯރާފާނެ ފަދަ ކަންކަން ކުރަމުންދާ ކަމުގެ ޝަކުވާ ނުރަސްމީކޮށް އެ އިދާރާ އަށް ލިބެމުންދާ ކަމަށެވެ.

ކެމްޕެއިން ހަރަކާތްތައް ހިންގުމުގައި އެއްވެސް ސިޔާސީ ޕާޓީއަކަށް ނުވަތަ އެއްވެސް ކެންޑިޑޭޓެއް ތަމްސީލުކުރާ މީހަކަށް އަނެއް ކެންޑިޑޭޓުގެ އިންތިހާބީ ހައްގަކަށް އުނިކަން އަތުވެދާނެ އެއްވެސް ކަމެއް ކުރުމަކީ މަނާކަމެއް ކަން މި ބަޔާނުގައި ހަނދާކޮށްދީފައިވެ އެވެ.

އިންތިހާބާ ގުޅޭ އެއްވެސް ޝަކުވާއެއް އޮތް ނަމަ، އެކަމަށް ކަނޑައެޅިފައިވާ ފޯމުން އިލެކްޝަން ކޮމިޝަނަށް އެކަން އަންގަން ވަނީ އެދިފަ އެވެ.

ކޮމަންޑޫ ދާއިރާ އަށް ވާދަކުރައްވާނެ ކަން އިއުލާންކުރައްވާފައިވާ ކެންޑިޑޭޓުން. (ކ-ވ) އަބްދުލް ހަންނާން އިދުރީސް އާއި މޫސާ ފަތުހީ އަދި މުހައްމަދު ރާޝިދު.

ކޮމަންޑޫ ދާއިރާ އަށް ވާދަކުރައްވާނެ ކަން އިއުލާންކުރައްވާފައިވާ ކެންޑިޑޭޓުން. (ކ-ވ) އަބްދުލް ހަންނާން އިދުރީސް އާއި މޫސާ ފަތުހީ އަދި މުހައްމަދު ރާޝިދު.

ބައި އިލެކްޝަންތަކަށް ވަގުތު ކުޑަތަން ވެފައިވާއިރު، އެންމެ ފޯރިގަދަކޮށް ކެމްޕެއިން ކުރިއަށް ދަނީ ރައްޔިތުން މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ އިންތިހާބުގެ އެވެ. އެ ދާއިރާގެ އިތުރުން ބައެއް ކައުންސިލްތަކުގެ ބައި އިލެކްޝަން ވެސް އަންނަ މަހު ފަހެއްގައި ބޭއްވުމަށް އަންނަނީ ތައްޔާރުވަމުންނެވެ.

ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަން ބާއްވަން ނިންމީ، އެ ދާއިރާގެ ކުރީގެ މެމްބަރު ހުސައިން ވަހީދު ކެންސަރު ބަލީގައި މިދިޔަ ޑިސެމްބަރު މަހު އަވަހާރަވުމުންނެވެ.

މި ބައި އިލެކްޝަންގައި ތިން ޕާޓީއަކުން ކެންޑިޑޭޓުން ބައިވެރިވެ އެވެ. އެއީ މި ދާއިރާގެ ގޮނޑި ކުރިން ވެސް ކާމިޔާބުކުރި، ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީގެ ފަރާތުން، ކޮމަންޑޫ ކައުންސިލްގެ ކުރީގެ ރައީސް މުހައްމަދު ރާޝިދު އާއި ޕީޕީއެމްގެ ފަރާތުން އެ ޕާޓީގެ ހަރަކާތްތަކުގައި އިސް ސަފުން ފެންނަ ކޮމަންޑު އަށް އުފަން މޫސާ ފަތުހީ އަދި ގައުމީ އިންތިހާބެއްގައި އަލަށް ވާދަކުރާ އެމްއެންޕީގެ ފަރާތުން ހަމަ ކޮމަންޑޫގެ ބޭފުޅެއް ކަމަށްވާ އަބްދުލް ހަންނާން އިދުރީސެވެ.

ވާދަވެރިކަން ބޮޑުވެފައި މި ގޮނޑިއަކީ ކޮންމެ ޕާޓީއެއްގެ ވެސް ސިޔާސީ ބުރަދަން މިނެކިރަން ލިބޭނެ ފުރުސަތަކަށް ވާނެ އެވެ.