Roadha Mihaaru
ވިޔަފާރީގެ ބޭނުމަށް އައްޑޫން 64 ބިމެއް ދޫކުރަނީ

ވިޔަފާރީގެ ބޭނުމަށް އައްޑޫން 64 ބިމެއް ކުއްޔަަށް ދޫކުރަނީ

25 ޖުލައި 2018

ވިޔަފާރީގެ ބޭނުންތަކަށް އައްޑޫން 64 ބިމެއް ކުއްޔަށް ކުއްޔަށް ދޫކުރަން ހައުސިން މިނިސްޓްރީން ނިންމައިފި އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

ވިޔަފާރީގެ ބޭނުންތަކަށް އައްޑޫން 64 ބިމެއް ކުއްޔަށް ކުއްޔަށް ދޫކުރަން ހައުސިން މިނިސްޓްރީން ނިންމައިފި އެވެ.

އެ މިނިސްޓްރީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، އައްޑޫގައި މީހުން ދިރިއުޅޭ ހުރިހާ ރަށަކުން ވެސް އަންނަ އާދިއްތަ ދުވަހުން ފެށިގެން ބިން ދޫކުރާނެ ކަމަށެވެ. އެކަމަކު، އެކި ރަށްތަކުން ބިން ދޫކުރަނީ އެކި އަދަދަށް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އެގޮތުން، ފޭދޫން އެކަނި ވެސް 25 ބިން ކުއްޔަށް ދޭނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި ބިން ކުއްޔަށް ދިނުމުގައި، އަލަށް ވިޔަފާރީގެ ތެރެއަށް ވަންނަ ޒުވާނުންނަށް އިސްކަންދޭނެ އެވެ. އެކަމަކު އެ ފުރުސަތު ހުރިހާ ވިޔަފާރިވެރިންނަށް ވެސް ހުޅުވާލާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އައްޑޫން ބިން ކުއްޔަށް ދޭން ނިންމާފައި ވަނީ އެކި ސަރަހައްދުތަކުން އެކި އަގަށެވެ. އެގޮތުން، ބަނދަރު ސަރަހައްދުން އަކަފޫޓަކަށް ތިން ރުފިޔާ ނަގާއިރު، ލިންކު ރޯޑު ފަދަ ބޮޑެތި މަގުތަކުން ބިން ކުއްޔަށް ދެނީ އަކަފޫޓަކަށް 2.6 ރުފިޔާ އަށެވެ. އަދި އިކްއެޓޯރިއަލް ކޮންވެންޝަން ސެންޓަރު (އީސީސީ)ގައި ހަދަމުން އަންނަ ހޮސްޕިޓަލް ހިމެނޭ ސަރަހައްދުން އަކަފޫޓަކަށް 2.2 ރުފިޔާ ނަގާއިރު މީހުން ދިިރިއުޅޭ އެހެން ސަރަހައްދުތަކުން ބިން ކުއްޔަށް ދެނީ އަކަފޫޓަކަށް 1.8 ރުފިޔާގެ މަގުންނެވެ.

މުއިއްޒު ވިދާޅުވީ ބިން ކުއްޔަށް ދޭ އަގު ކަނޑައަޅާފައި ވަނީ އެ ބިމުގެ ވެލިއުއަށް ބަލާފައި ކަމަށެވެ.

"މިސާލަކަށް ބަލާކަމުގައިވާ ނަމަ، ކޮންމެ ރަށެއްގައި ވެސް އެންމެ އަގު ބޮޑު ވާނީ ބަނދަރު ސަރަހައްދުގައިވާ ބިންތައް. އެއީ އެ ތަންތަނުގައި ހިންގާ ވިޔަފާރިތަކަށް ވެސް ވާ ފައިދާ ބޮޑުވީމާ. އެހެންވީމާ، ބިން ވެލިއު ކުރުމުގައި، އެ ތަނުގައި މީހުން ދިރިއުޅޭ މިންވަރާއި ވިޔަފާރިވާނެ ވަރަށް ބަލާނެ،" މިނިސްޓަރު ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވި ގޮތުގައި، އައްޑޫން ބިން ހޯދުމަށް ވަރަށް ގިނަ ވިޔަފާރިވެރިން އަންނަނީ އެދެމުންނެވެ. އެހެންވެ، މި ފުރުސަތު ވާނީ ނުސީދާ ގޮތުން ވެސް އައްޑޫ އަށް ބޮޑު ފައިދާއެއް ލިބޭނެ ކަމެއް ކަމަށް ވިދާޅުވި އެވެ.

ބިން ހޯދުމަށް އެދި ހުށަހަޅަން ޖެހެނީ އައްޑޫގައި ހުންނަ ހައުސިން މިނިސްޓްރީގެ ޑިޕާޓްމަންޓަށެވެ.