Roadha Mihaaru
އައްޑޫ މީހުން އަތުން ނެގި ބިންތައް އަލުން ދޭން ފަށަނީ

އައްޑޫ މީހުން އަތުން ނެގި ގޯތިތައް އަލުން ހަވާލުކުރަން ފަށަނީ

19 ޖޫން 2018

އެމްޑީޕީގެ ވެރިކަމުގެ ދުވަސްވަރު ސ. ހިތަދޫ އީކުއަޓޯރިއަލް ކޮންވެންޝަން ސެންޓަރު (އީސީސީ) ސަރަހައްދުން ވަކިކުރި ގޯތިތައް އޭގެ ވެރި ފަރާތްތަކާ އަންނަ ހަފުތާ އިން ފެށިގެން ހަވާލުކުރާނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

އެމްޑީޕީގެ ވެރިކަމުގެ ދުވަސްވަރު ސ. ހިތަދޫ އީކުއަޓޯރިއަލް ކޮންވެންޝަން ސެންޓަރު (އީސީސީ) ސަރަހައްދުން ވަކިކުރި ގޯތިތައް އޭގެ ވެރި ފަރާތްތަކާ އަންނަ ހަފުތާ އިން ފެށިގެން ހަވާލުކުރާނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

އެ ގޯތިތައް އަލުން ހަވާލުކުރާނެ ކަމަށް ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އިއުލާން ކުރީ މި އަހަރުގެ ފެބްރުއަރީ މަހު، ޕީޕީއެމުން އައްޑޫގައި ބޭއްވި ކެމްޕެއިން ހަރަކާތެއްގަ އެވެ.

މިނިސްޓަރު މުއިއްޒާ ހަވާލާ ދެއްވައި، އައްޑު އަށް އޭރު ވަޑައިގެންނެވި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެފައި ވަނީ، އެ ބިންތައް ދުރު ނޫން މުސްތަގުބަލެއްގައި ހަވާލުކޮށް ދޭނެ ކަމަށެވެ. އަދި އެކަމާ ގުޅޭ އުސޫލު ވަރަށް އަވަހަށް ސަރުކާރުން އިއުލާން ކުރާނެ ކަމަށް ވިދާޅުވެފައި ވެ އެވެ.

ހައުސިން މިނިސްޓަރު މުއިއްޒު މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ "...އައްޑޫ ރައްޔިތުންގެ އަތުން ވަކިކުރި ގޯތިތައް އަނބުރާ ހަވާލުކުރަން ރައީސް ޔާމީން ނިންމަވައި، އެ ގޯތިތައް އަންނަ ހަފުތާ އިން ފެށިގެން ހަވާލު ކުރަން ފަށާނަން" ކަމަށެވެ.

އައްޑޫގެ އިތުރުން އައްޑޫ ނޫން ސަރަހައްދުތަކުގެ ބައެއް މީހުންނަށް ވެސް ހިތަދޫ މާމެންދޫ ސަރަހައްދުން ދިރިއުޅުމަށް ދޫކޮށްފައިވާ ބައެއް ގޯތިތައް ބަދަލު ދޭ ގޮތަށް ސަރުކާރަށް ނެގީ، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި 2011 ގައި ސާކް ސަމިޓް ބާއްވަން އިކުއެޓޯރިއަލް ކޮންވެންޝަން ސެންޓަރު އިމާރާތް ކުރުމަށެވެ. އޭރު އެ ބިންތައް ނަގައި، އެ ސަރަހައްދަކީ މީހުން ދިރިނޫޅޭ ފަޅު ރަށެއްގެ ގޮތުގައި ވެސް ސަރުކާރުން ކަނޑައެޅި އެވެ.

ރައީސް ޔާމީންގެ ސަރުކާރުން މިހާރު 100 އެނދުގެ ހޮސްޕިޓަލަކަށް ބަދަލު ކުރަމުން އަންނަ އީސީސީ އަކީ ރައްޔިތުންގެ އަތުން ނެގި ބިންތައް ހިމެނޭ ގޮތަށް އިމާރާތް ކޮށްފައިވާ ތަނެކެވެ. އެއީ މިހާރު ބައެއް މީހުން ގެތައް އިމާރާތްކޮށް އާބާދުވެ، އަދިވެސް އާބާދުވަމުން އަންނަ ސަރަހައްދެއްކަން ފާހަގަކޮށްލެވެ އެވެ.

މާމެންދޫން ގިނަ ބަޔަކަށް ބިން ދޫކޮށްފައި ވަނީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ވެރިކަމުގަ އެވެ.