15 ޖުލައި 2018
ރާއްޖޭގެ އިސް ބައެއް ވެރިންނާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅަން ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން އެޖެންޑާ ކުރިޔަސް، އެ ފިޔަވަޅު އެޅިޔަ ނުދޭން ކުރެވުނުހާ މަސައްކަތެއް ކުރަމުން އަންނަ ކަމަށް ދިވެހި ސަރުކާރުން މިއަދު ބުނެފި އެވެ.
ރާއްޖޭގެ އިސް ބައެއް ވެރިންނާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅަން ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން އެޖެންޑާ ކުރިޔަސް، އެ ފިޔަވަޅު އެޅިޔަ ނުދޭން ކުރެވުނުހާ މަސައްކަތެއް ކުރަމުން އަންނަ ކަމަށް ދިވެހި ސަރުކާރުން މިއަދު ބުނެފި އެވެ.
އީޔޫގެ ފޮރިން އެފެއާޒް ކައުންސިލްގައި މާދަމާ އޮންނަ ބައްދަލުވުމުގައި ރާއްޖޭގެ އިސް ބައެއް ވެރިންނާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅަން ވަނީ އެޖެންޑާކޮށްފަ އެވެ. އެޖެންޑާގައިވާ ގޮތުން ފިޔަވަޅު އަޅާނީ އިންސާނީ ހައްގުތަކަށް އަރައިގަނެ، ގާނޫނު ނެެގެހެއްޓުމަށް ހުރަސް އަޅާ މީހުންނާ މެދުގަ އެވެ.
މި މަހުގެ މެދު ތެރޭގައި އީޔޫ އިން ރާއްޖެ އަށް ފިޔަވަޅު އެޅުމުގެ އިންޒާރު ދީފައިވާ ކަމަށް ރައީސް އަބްދުﷲ ޔާމީން މިދިޔަ ހަފުތާގައި މ. ދިއްގަރުގައި ވަނީ ވިދާޅުވެފަ އެވެ. އޭގެ ފަހުން، މ. މުލީގައި ރައީސް ޔާމީން ވިދާޅުވީ އީޔޫ އިން ފިޔަވަޅު އަޅާނެ ކަމަށް ބެލެވެނީ އެމަނިކުފާނާއި ސަރުކާރުގެ އިސް ބޭފުޅުންނާ ދޭތެރޭގައި ކަމަށާއި، ރައްޔިތުންނަށް ވެސް ދަތިވާނެ ފިޔަވަޅެއް އަޅައިފާނެ ކަމަށެވެ. އެކަމަކު ފިޔަވަޅު ނާޅައި ވޭތޯ ސަރުކާރުން މަސައްކަތް ކުރާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
ސަރުކާރުގެ އޮފިޝަލަކު "މިހާރު" އަށް ވިދާޅުވީ ކައުންސިލް ބައްދަލުވުމުގައި ރާއްޖެއާ މެދު އަޅާނެ ފިޔަވަޅުތައް ކަނޑައަޅައި ގެޒެޓް ކުރުމުގެ ފުރުސަތު ވަރަށް ބޮޑެވެ. އޭގެ ތެރޭގައި ހިމެނޭ އެންމެ ބޮޑު ދެ ފިޔަވަޅަކީ ސަރުކާރުގެ އިސް ބޭފުޅުންނަށް ވިސާ ނުދިނުމާއި ބޭރު ގައުމުތަކުގައި ހުރި އެ ބޭފުޅުންގެ މުދާތައް ހިފެހެއްޓުމެވެ.
އެކަމަކު، ދިވެހި ސަރުކާރުން ޔޫރަޕްގެ ގައުމުތަކުގެ މަންދޫބުންނާ މަޝްވަރާ ކޮށްގެން މަސައްކަތް ކުރަނީ އީޔޫގެ ނިންމުން ބާރު ނެތް އެއްޗެއްގެ ގޮތުގައި ހެދުމަށް ކަމަށް އޭނާ ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި އީޔޫގެ ނިންމުން ބާރެއް ނެތް އެއްޗަކަށް ވާނީ ވެރިންގެ ނަންތައް، މާދަމާ ފާސްކުރާ ނިންމުމުގައި ނުހިމަނައިފި ނަމަ އެވެ.
ރައީސް އަބްދުﷲ ޔާމީނާއި ކެބިނެޓުގެ ބައެއް ވަޒީރުން ބައްދަލުވުމެއްގައި.
އީޔޫގެ ނިންމުމުގައި އަމަލީ ސިފައެއް ޖެހިގެން ދާނީ އީޔޫގެ ފޮރިން މިނިސްޓަރުން ހިމެނޭ ބައްދަލުވުމުގައި ވަކިވަކި ފަރުދުންނާ މެދު ފިޔަވަޅު އަޅަން ނިންމައި، އެއީ ކޮން ބައެއްކަން ބައްދަލުވުމުގައި ނިންމުމުން ކަމަށް އޮފިޝަލް ވިދާޅުވި އެވެ. އެކަމަކު، އީޔޫ އިން ރާއްޖޭގެ ވަކިވަކި ފަރުދުންނާ ދެކޮޅަށް ފިޔަވަޅު ނާޅައިވޭތޯ ފަހު ވަގުތާ ޖެހެންދެން ވެސް މަސައްކަތް ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"ފިޔަވަޅު އަޅާނެ ބޭފުޅުންގެ ނަންތައް އީޔޫގެ ނިންމުގައި ނުހިމަނައިފި ނަމަ، އެކަން ވާނީ ހުސް ތޮށިގަނޑަކަށް. ނަންތައް ލައިފި ނަމަ، ޔޫރަޕްގެ ގައުމުތަކުން އެ އަށް އަމަލު ކުރާނީ. އެހެން ނޫނީ އެ ވާނީ ބޭކާރު އެއްޗަކަށް. މަސައްކަތް މި ކުރަނީ ރާއްޖޭގެ އިސް ވެރިންގެ ނަންތައް ނުހިމަނައި ވޭތޯ،" އޮފިޝަލް ވިދާޅުވި އެވެ.
އޮފިޝަލް ވިދާޅުވި ގޮތުގައި ސަރުކާރުގެ އިސް ބޭފުޅުންގެ ނަންތައް އީޔޫގެ ނިންމުމުގައި ހިމެނޭނީ ހުރިހާ ގައުމުތަކެއް އެއްބަސްވާ ނަމަ، އެކަންޏެވެ. އެހެން ނޫނަމަ، އީޔޫގެ ނިންމުން މުހިންމު އެއްޗަކަށް ނުވާނެ ކަމަށް ވެސް ސަރުކާރުގެ އޮފިޝަލް ވިދާޅުވި އެވެ.
"އީޔޫގައި ހިމެނޭ 28 ގައުމުން އެއްބަސްވާން ޖެހޭނެ ސަރުކާރުގެ ވެރިންނާ މެދު ދަތި ކުރުމުގެ ފިޔަވަޅު އަޅަން. އެންމެ ގައުމަކުން ވެސް ދެކޮޅު ހަދައިފިނަމަ، އެކަމެއް ނުކުރެވޭނެ،" އޮފިޝަލް ވިދާޅުވި އެވެ.
ސަރުކާރުގެ އޮފިޝަލް ވިދާޅުވީ ރާއްޖެއާ މެދު ފިޔަވަޅު އެޅުމަށް އިދިކޮޅު ބައެއް ބޭފުޅުން ޔޫރަޕްގެ ގައުމުތަކުގައި މަސައްކަތް ކުރައްވާފައިވާ ކަމަށެވެ. އޭގެ ތެރޭގައި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް ހިމެނިވަޑައިގަންނަވާ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ. އޭނާ ތުހުމަތު ކުރެއްވި ގޮތުގައި ރާއްޖެއާ ދެކޮޅަށް ޖަމީލް ވަނީ ކެމްޕެއިން ކުރައްވައި، "ފައިސާ ވެސް" ބައްސަވައިފަ އެވެ. އަދި އިދިކޮޅު އެމްޑީޕީގެ އިސް ބައެއް ބޭފުޅުން ވެސް ރާއްޖެއާ ދެކޮޅަށް ކެމްޕެއިން ކުރައްވާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"މިއީ ވަރަށް ހިތާމަ ހުރި ކަމެއް. އެކަމަކު، އެކަން ކާމިޔާބުވިޔަކަ ނުދޭނަން،" އޮފިޝަލް ވިދާޅުވި އެވެ.
އޮފިޝަލް ވިދާޅުވީ "އީޔޫގެ ނިންމުން ހުސް ތޮށިގަނޑަކަށް" ހަދާލުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރަމުން އަންނަ ކަމަށެވެ. އަދި އީޔޫގެ މިފަހަރުގެ ނިންމުން ވެސް، އީޔޫ އިން މީގެ ކުރިން ރާއްޖެއާ ދެކޮޅަށް ފާސް ކުރި ގާރާރާ އެއްގޮތް ނިންމުމަކަށް ވުމުގެ ފުރުސަތު ބޮޑު ކަމަށް އޭނާ ވިދާޅުވި އެވެ.
ރާއްޖޭގެ އިސް ވެރިންނާ މެދު ފިޔަވަޅު އަޅަން މި ނިންމީ، ރާއްޖޭގައި އިންސާނީ ހައްގުތައް ގެއްލޭ ގޮތަށް ހިންގާ އަމަލުތައް ހުއްޓާލައި، ޑިމޮކްރަސީގެ މަގަށް ރުޖޫއަވުމަށް އަންގައި މިދިޔަ ފެބުރުއަރީ މަހުގެ ތެރޭގައި އީޔޫގެ ކައުންސިލުން ފާސްކުރި ގަރާރާ ގުޅިގެންނެވެ. ރާއްޖެއާ ދެކޮޅަށް ގަރާރު ފާސްކުރި އީޔޫގެ ކައުންސިލަކީ ގައުމުތަކުގެ އިސް ވެރިން ނުވަތަ އެ ބޭފުޅުންގެ މަންދޫބުން ތިއްބަވާ، އީޔޫގެ އެންމެ ބާރުގަދަ ތަނެވެ.
އެ ގަރާރުގައި ވަނީ، އިސްލާހު ކުރަން ރާއްޖެ އަށް ހުށަހަޅާ ކަންކަން ނުކޮށްފި ނަމަ، ރާއްޖޭގައި އިންސާނީ ހައްގުތައް ގެއްލޭ ގޮތަށް ހިންގާ އަމަލުތަކުގައި ބައިވެރިވާ، ސަރުކާރުގެ ވެރިންނާއި ދިވެހި ސަރުކާރާ ގުޅިފައި ތިބި ވިޔަފާރިވެރިންނާ މެދު ފިޔަވަޅު އެޅުމަށެވެ.
އީޔޫ އިން ރާއްޖެ އަށް ފިޔަވަޅު އަޅާކަށް ނޫޅޭ: ޝިއާން
އީޔޫގެ ވަރުގަދަ އިންޒާރު: މިއީ ކުޑަ ކަމެއް ނޫން!
"ފިޔަވަޅު ނާޅަން އީޔޫގައި އެދޭކަށް އިބޫއަށް ނުކުރޭނެ"
ރާއްޖޭގެ ބައެއް ވެރިންނާ މެދު އީޔޫއިން ފިޔަވަޅު އަޅަނީ
ޔޫރަޕްގެ ގިނަ ގައުމުތަކުގެ ތާއީދު އޮތީ ރާއްޖެ އަށް
"އީޔޫގެ ގަރާރަކީ އެޅި ފިޔަވަޅެއް، އަސަރު ކުރާނެ"
ހަރުކަށި ފިކުރާ ދެކޮޅަށް 43 މިލިއަންގެ ޕްރޮޖެކްޓެއް
ދުނިޔެއިން ރާއްޖެ ބަލައިގަންނަން ފަށައިފި: ޝާހިދު
އދ. އާއި އީޔޫ ނާންނަނީ ސުވާލު އުފެދޭތީއެއް ނޫން!
ފިޔަވަޅު އަޅާ ލިސްޓުގެ ވާހަކަ ނޫހުން އުނިކޮށްފި