Roadha Mihaaru
40 އަހަރު ފަހުން އާބާދީގެ 54 ޕަސެންޓް މާލޭގައި!

އާބާދީގެ 54 ޕަސެންޓް، 2054 ވަނަ އަހަރު އަންނައިރު އުޅޭނީ މާލޭގައި

11 ޖުލައި 2018

ރާއްޖޭގެ އާބާދީ އިތުރުވެ، އަންނަމުންދާ ބަދަލުތަކާއެކު، 2054 ވަނަ އަހަރު އަންނައިރު ރާއްޖޭގެ އާބާދީގެ 54 ޕަސެންޓް ދިރިއުޅޭނީ މާލޭގައި ކަމަށް، ރާއްޖޭގެ އާބާދީއާ ގުޅޭގޮތުން ނެރުނު ރިޕޯޓުގައި ބުނެފި އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

ރާއްޖޭގެ އާބާދީ އިތުރުވެ، އަންނަމުންދާ ބަދަލުތަކާއެކު، 2054 ވަނަ އަހަރު އަންނައިރު ރާއްޖޭގެ އާބާދީގެ 54 ޕަސެންޓް ދިރިއުޅޭނީ މާލޭގައި ކަމަށް، ރާއްޖޭގެ އާބާދީއާ ގުޅޭގޮތުން ނެރުނު ރިޕޯޓުގައި ބުނެފި އެވެ.

މިއަދު ފާހަގަކުރާ ދުނިޔޭގެ އާބާދީ ދުވަހާ ގުޅުވައިގެން، ނެޝަނަލް ބިއުރޯ އޮފް ސްޓެޓިކްސް އާއި ޔޫއެންއެފްޕީއޭ ގުޅިގެން ނެރުނު ރިޕޯޓުގައިވާ ގޮތުން މިހާރު ރާއްޖޭގެ އާބާދީގެ 38 ޕަސެންޓް ދިިރިއުޅެނީ މާލޭގަ އެވެ.

އެންމެ ފަހުން ނެގި ބޯހިމެނުމުގައި ދައްކާގޮތުގައި މިހާރު ރާއްޖޭގެ އާބާދީ ވަނީ 340،000 އަށް ވުރެ އިތުރުވެފަ އެވެ. އޭގެ ތެރެއިން 153،379 މީހުން ދިރިއުޅެނީ މާލޭގަ އެވެ.

އެކަމަކު ތަފާތު ސަބަބުތަކާ ހުރެ، ކުރިއަށް އޮތް ތަނުގައި އެ އަދަދު ވަރަށް ބޮޑަށް އިތުރުވާނެ ކަމަށް ރިޕޯޓުގައި ލަފާކޮށްފައިވެ އެވެ. އެގޮތުން، 2054 ވަނަ އަހަރު، ރާއްޖޭގެ އާބާދީގެ 54 ޕަސެންޓް ދިރި އުޅޭނީ މާލޭގައި ކަމަށް ބުނެފައިވެ އެވެ.

މި ބަދަލާ އެކު، މިހާރު ރާއްޖޭގައި އެންމެ ބައިގިނަ އަތޮޅުތަކުގެ އާބާދީ، ތިން ބައި ކުޅަ އެއްބަޔަށް މަދުވާނެ ކަމަށް ލަފާކޮށްފައިވެ އެވެ.

މާލޭގައި ދިރިއުޅޭ މީހުންގެ އަދަދު އިތުރުވާނެ ކަމަށް ލަފާކޮށްފައިވަނީ ހިޖުރަކުރާ މީހުންގެ ނިސްބަތާއި ދަރިން ހޯދާ ނިސްބަތުގެ މައްޗަށް ބިނާކޮށެވެ.

"ޖުމްލަ ގޮތެއްގައި އާބާދީގައި ގިނަ ވަމުންދާނީ އުމުރުން ދުވަސްވީ މީހުންނެވެ. ކުރިއަށް އޮތްތަނުގައި އެ މީހުންގެ އަދަދު ދެގުނަ އިތުރު ވާނެ އެވެ." ރިޕޯޓުގައި ބުނެފައި ވެ އެވެ.

ރާއްޖޭގެ އާބާދީއަށް އަންނަ ބަދަލުތަކަށް ބަލައި ތައްޔާރުކޮށްފައިވާ އެ ރިޕޯޓުގައިވާ ގޮތުން އަހަރުން އަހަރަށް ރާއްޖޭގެ އާބާދީ އަންނަނީ އިތުރުވަމުންނެވެ. އާބާދީ އިތުރުވާ ރޭޓަށް ބަލާއިރު މީގެ 40 އަހަރު ފަހުން އެ އަދަދު މިލިއަނަކަށް އަރާނެ ކަމަށް ރިޕޯޓްގައިވެ އެވެ.

ކުރިއަށް އޮތް 40 އަހަރު ތެރޭ، މީހުންގެ އުމުރު ދިގުވެ، އުމުރުން ދުވަސްވީ މީހުންގެ އާބާދީ އިތުރުވާއިރު ކުދިން ހޯދާލެއް މަދުވެ، ކުޑަކުދިންގެ އާބާދީ 21 ޕަސެންޓުން 11 ޕަސެންޓުން ދަށް ވާނެ ކަމަށް ލަފާ ކުރެވެ އެވެ.

ރިޕޯޓުގައި ބުނިގޮތުގައި 2030 އަހަރާ ޖެހެންދެން، ކުޑަކުދިންގެ އާބާދީ ދާނީ މައްޗަށެވެ. އެގޮތުން 2030 ވަނަ އަހަރު އެ ނިސްބަތް، 17 ޕަސެންޓަށް އެރުމަށް ފަހު ދެން ދާނީ ދަށަށް ކަމަށް ބުނެފައި ވެ އެވެ.

ރާއްޖޭގައި އެންމެ ފަހުން ބޯހިމަނާފައިވަނީ 2014 ވަނަ އަހަރު އެވެ.