Roadha Mihaaru
އޮބާމާގެ އާމަންޑް ފަރިއްކުޅުއްވުމުގެ އާދަ!

އޮބާމާގެ އާމަންޑް ފަރިއްކުޅުއްވުމުގެ އާދަ!

01 އޯގަސްޓް 2016

ކެމްޕެއިން ތެރޭގައާއި ދަތުރުފުޅުތަކުގައި އަދި ވައިޓް ހައުސްގައި ވެސް އެމެރިކާގެ ރައީސް ބަރަކް އޮބާމާ ފަރިއްކުޅުއްވާތަން ވަރަށް ގިނައިން ޓީވީތަކުން ފެނެ އެވެ. އަދި މައުލޫމާތު ލިބޭ ގޮތުގައި އޮބާމާ އަކީ ވަރަށް އަޚްލާގު ރަނގަޅު ބޭފުޅެކެވެ.

ފާތުމަތު އަނީސާ ފާތުމަތު އަނީސާ

ކެމްޕެއިން ތެރޭގައާއި ދަތުރުފުޅުތަކުގައި އަދި ވައިޓް ހައުސްގައި ވެސް އެމެރިކާގެ ރައީސް ބަރަކް އޮބާމާ ފަރިއްކުޅުއްވާތަން ވަރަށް ގިނައިން ޓީވީތަކުން ފެނެ އެވެ. އަދި މައުލޫމާތު ލިބޭ ގޮތުގައި އޮބާމާ އަކީ ވަރަށް އަޚްލާގު ރަނގަޅު ބޭފުޅެކެވެ.

އެމެރިކާގެ އެންމެ ބާރުގަދަ ވެރިމީހާ ރޭގަނޑު މާލަސްވަންދެން އަވަހާރަފުޅު ނުލައްޕަވާ އުޅުއްވަން ޖެހޭ ފަހަރު ފަހަރު ސްނެކްސް އެއްގެ ގޮތުގައި ފަރިއްކުޅުއްވަނީ ކޯންޗެއް ހެއްޔެވެ؟

އޮބާމާ "ޓުޑޭ ޝޯ"ގެ ހޯސްޓް ސަވާނާ ގުތުރޫ އާ ވާހަކަފުޅު ދައްކަވަނީ

އޮބާމާ "ޓުޑޭ ޝޯ"ގެ ހޯސްޓް ސަވާނާ ގުތުރޫ އާ ވާހަކަފުޅު ދައްކަވަނީ

އެމެރިކާގެ ޚަބަރުތައް އާއްމުކޮށް ކިޔާ މީހަކަށް ނަމަ އޮބާމާ ރޭގަނޑު ފަރިއްކުޅުވާ އެއްޗެއް އޮޅިފައެއް ނޯންނާނެ އެވެ. އެ ގައުމުގެ ނޫސްތަކުން ބުނަނީ އޮބާމާ ކޮންމެ ރެއަކުވެސް ހަތް އާމަންޑް ފަރިއްކުޅުއްވާ ކަމަށެވެ.

ނިއުޔޯކް ޓައިމްސްގައިވާ ރިޕޯޓެއްގައިވާ ގޮތުން އޮބާމާ އާމަންޑް ފަރިއްކުޅުއްވާކަން އެނގުނީ ވައިޓް ހައުސްގެ ބޮޑު ކައްކާ ސޭމް ކާސްގެ ފަރާތުންނެވެ.

ކޮންމެ ރެއަކުވެސް ލޮނު ލައިގެން ރޯސްޓްކޮށްފައި އޮންނަ ހަތް އާމަންޑް ފަރިއްކުޅުއްވުމަކީ އޮބާމާ ގެންގުޅުއްވާ އާދައެއް ކަމަށް އެ ނޫހަށް ކާސް ދީފައިވާ އިންޓަވިއު އެއްގައި ބުނެފައި ވެއެވެ.

އާމަންޑްއަކީ ސިއްހަތަށް ވަރަށް ފައިދާހުރި އެއްޗެއްކަމާއި ބެލެންސްޑް ޑައެޓެއްގައި އާމަންޑް ހިމެނުމުން ގިނަ ގުނަ ފައިދާ އެމީހަކަށް ކުރާނެކަން ވަރަށް ގިނަ މީހުން ދަނެ އެވެ. ނަމަވެސް ނިއު ޔޯކް ޓައިމްސްގައިވާ ރިޕޯޓު ކިޔާފައި ގިނަ ބައެއްގެ ހިތުގައި އުފެދުނު ސުވާލަކީ ހަތް އާމަންޑް ފަރިއްކުޅުއްވަނީ ކީއްވެ ހެއްޔެވެ؟ ނަންބަރު ހަތެއް މިއީ ކިހިނެއް އައި އަދަދެއް ހެއްޔެވެ؟

ކޮންމެ ރެއަކުވެސް އޮބާމާ އިށީނދެވަޑައިގެން އިންނަވައިގެން ބަރާބަރު ހަތް އާމަންޑް ގުނުއްވައިގެން ފަރިއްކުޅުއްވަނީ ހެއްޔެވެ؟ ހަތް އާމަންޑް ކެއުމަށްފަހު އިތުރަށް ބަނޑުހައިފުޅު ވެއްޖެނަމަ އޮބާމާ ފަރިއްކުޅުއްވަނީ ކޯޗެއް ހެއްޔެވެ؟ އޮބާމާއަކީ އަޚުލާގު ރަނގަޅު ބޭފުޅަކަށް ވާތީ ކެއުމުގެ ކަންތައްތައް ވެސް ގެންދަވާނީ ވަރަށް ބަރާބަރަށް ކަމަށް ގިނަ ބަޔަކު އުންމީދު ކުރެ އެވެ. ނަމަވެސް ހަމަ އެކަހަލަ އަޖައިބުވާ ވަރުގެ ކަމެއް އޮބާމާ ކުރައްވާފާނެ ހެއްޔެވެ؟ ކޮންމެ ރެއަކު އެންމެ ހަތް އާމަންޑް ކެއުމުން އެމީހެއްގެ ސިއްހަތު ބަރާބަރު ވެދާނެ ހެއްޔެވެ؟ މި ރިޕޯޓު ކިޔާފައި ގިނަބައެއްގެ ހިތަށް މިކަހަލަ ވަރަށް ގިނަ ސުވާލު އަރައިގެން ސޯޝަލް މީޑިއާގައި އެ ސުވާލުތައް ކޮށްފައި ވެއެވެ.

ސަވާނާ ގުތުރީގެ ޓުވީޓް

މި ސުވާލުތަކުގެ ޖަވާބު ދެއްވާފައިވަނީ ވެސް ޚުދް އޮބާމާ އެވެ. "ޓުޑޭ ޝޯ" އަށް އޮބާމާ ދެއްވާފައިވާ އިންޓަވިއު އެއްގައި މިކަން ދިމާވި ގޮތް ވިދާޅުވެ ދެއްވާފައި ވެއެވެ. އަދި ގުނައިގެން ހަތް އާމަންޑް ފަރިއްނުކުޅުއްވާ ކަމަށް ވެސް އޮބާމާ ވިދާޅުވި އެވެ.

ނަޓްސް ފަރިއްކުޅުއްވަން އޮބާމާ ގެންގުޅުއްވާ އާދަ އާ ބެހޭ ގޮތުން މި ޝޯގެ ހޯސްޓް ސަވާނާ ގުތުރީ ސުވާލު ކުރުމުން އޮބާމާ ވިދާޅުވީ އެ ވާހަކަ ދެކެވެން ފެށީ އެއް ރެއަކު އަނބިކަނބަލުން މިޝޭލް އާއި ބޮޑުކައްކާ ސޭމް ކާސް އާ ދެބޭފުޅުން އޮބާމާގެ އަޚުލާގު ރަނގަޅު ވާހަކަ ދައްކަވަމުން އޮބާމާ ޕޮޓޭޓޯ ޗިޕްސް އެއްޗެހި ފަރިއްނުކުޅުއްވާ ވާހަކަ އާއި ކޭކުކޮޅެއްގެ މިންވަރުވެސް ފަރިއްނުކުޅުއްވާ ވާހަކަ ބޮޑުކައްކާ ވިދާޅުވުމުން މިޝޭލް ސަމާސާއަކަށް އޮބާމާ ރޭގަނޑު ފަރިއްކުޅުއްވަނީ ހަތް އާމަންޑޭ ވިދާޅުވި ކަމަށެވެ.

އޭގެ ފަހުން ބޮޑުކައްކާ ނިއު ޔޯކް ޓައިމްސް އަށް ދީފައިވާ އިންޓަވިއު އެއްގައި މި ވާހަކަ ބުނުމުން އެ ވާހަކަ މާ ވައިގައި ހިފާގޮތް ވީއެވެ. އަދި އެ ވާހަކަ ލިޔެފައިވާ ގޮތުން ހީވަނީ އޮބާމާ ކޮންމެ ރެއަކު ގުނުއްވައިގެން ހަތް އާމަންޑް ފަރިއްކުޅުއްވަނީހެން ކަމަށް ވެސް އޮބާމާ ހިނިފުޅުވަޑުވަމުން ވިދާޅުވެފައި ވެއެވެ.

އެމެރިކާގެ ރައީސް ބަރަކް އޮބާމާ އާއި އަނބިކަނބަލުން މިޝޭލް

އެމެރިކާގެ ރައީސް ބަރަކް އޮބާމާ އާއި އަނބިކަނބަލުން މިޝޭލް

އޮބާމާ ވިދާޅުވީ މި ރިޕޯޓު ކިޔާފައި އެމަނިކުފާނުގެ ވަރަށް ގިނަ އެކުވެރިން ވެސް ގުޅުއްވާ ހަތް އާމަންޑް އެއީ ތަންކޮޅެއް އަޖައިބު އަދަދެއް ނޫންތޯ ސުވާލު ކުރި ކަމަށެވެ.

ވައިޓް ހައުސް ދޫކޮށްލުމަށްފަހު ވެސް މިހާރު ފަރިއްކުޅުއްވާ ވަރަށް ކޮންމެ ރެއަކު ހަތް އާމަންޑް ނުވަތަ އެއަށް ވުރެ ގިނައިން ފަރިއްކުޅުއްވާނެތޯ ޖޯކަކަށް ހަދާފައި ގުތުރީ އަނެއްކާވެސް އޮބާމާ އާ ސުވާލު ކުރި އެވެ. ޖަވާބުގައި އޮބާމާ ހިނިފުޅުވަޑުވާލައްވާފައިވާ "ހަމަ ޔަގީނޭ" ވިދާޅުވި އެވެ.

މިކަމާގުޅޭ އިތުރު ތަފްސީލު ދެއްވަމުން އޮބާމާ ވިދާޅުވީ އާމަންޑް އަކީ ސްނެކްސް އަކަށް ކާން ވަރަށް ރަނގަޅު އެއްޗެއް ކަމަށާއި ހުރިހާ އެންމެންވެސް އާމަންޑް ކެއުމަށް އިރުޝާދު ދެއްވާ ކަމަށެވެ.

އޮބާމާގެ މި ވާހަކަފުޅުން ވިސްނުނީ އެންމެ އެއްޗެކެވެ. އާމަންޑަކީ ސްނެކްސް އެއްގެ ގޮތުގައި ރޭގަނޑު ކެއުމަށް ވަރަށް ރަނގަޅު އެއްޗެއް ކަމެވެ. ނަމަވެސް ހަތް އާމަންޑަށް ވުރެ ގިނައިން ކެއުމަކީ ހަމަ ޔަގީނުން ވެސް މައްސަލައެއް ޖެހޭނެ ކަމެއް ނޫނެވެ.