02 ޖުލައި 2018
މާލެ އަތޮޅުގައި އިތުރު އާ ރިސޯޓެއް އިއްޔެ ހުޅުވައިފި އެވެ.
މާލެ އަތޮޅުގައި އިތުރު އާ ރިސޯޓެއް އިއްޔެ ހުޅުވައިފި އެވެ.
މިފަހަރު މާލެ އަތޮޅުގައި ހުޅުވީ ރާއްޖޭގެ ކުންފުންޏެއް ކަމަށްވާ އެޓްމޮސްފިއާ ހޮޓެލްސް އެންޑް ރިސޯޓުން ކ. އަކިރިފުށީގައި ހެދި 137 އެނދުގެ ރިސޯޓެވެ. މިއީ އެ ކުންފުނިން ހިންގާ ހަތަރު ވަނަ ރިސޯޓެވެ.
"އޯ ބްލޫ ސިލެކްޓް އެޓް ސަންގެލި"ގެ ނަމުގަ ހެދި ރިސޯޓު ހުޅުވުމަށް ފަހު، އިއްޔެ އައި ފުރަތަމަ ޓޫރިސްޓަށް އެ ރިސޯޓުގެ މުވައްޒަފުން ވަނީ ސަގާފީ ނެށުންތަކާއި މިޔުޒިކާއެކު ހޫނު މަރުހަބާއެއް ކިޔައިފަ އެވެ.
ކ. އަކިރިފުށީގައި ހެދި އޯބްލޫ ސިލެކްޓް ސަންގެލި ރިސޯޓް ހުޅުވުމަށްފަހު އިއްޔެ އައި ފުރަތަމަ ޓޫރިސްޓަށް މަރުހަބާ ކިޔަނީ. ފޮޓޯ: އޯބްލޫ ސިލެކްޓް ސަންގެލި
މާލެ އިން ފުރައިގެން 50 މިނެޓުން ސްޕީޑް ލޯންޗްގައި ދެވޭ ހިސާބުގައި އޮންނަ ރިސޯޓަކީ ޑައިވް ކުރަން ހިތްގައިމު ސަރަހައްދެއްގައި އޮންނަ އަކިރިފުށީގެ މޫދު ކޮޓަރިތަކާއި އެއްގަމު ކޮޓަރިތަކެއް ހަދާފައިވެ އެވެ.
މާލެ އަތޮޅުގެ ހުޅަނގު އުތުރުގައި އޮންނަ ރިސޯޓުގައި 39 ބީޗް ވިލާ އާއި ޕޫލަކާ އެކު ހުންނަ 14 ޑިލަކްސް ބީޗް ވިލާ އާއި 45 ވޯޓާ ވިލާ އާއި ޕޫލާ އެކު ހަދާފައިވާ 26 ވޯޓާ ވިލާ ހިމެނެ އެވެ. އަދި ޕޫލާއެކު ހަދާފައިވާ ހަތް ބީޗް ފެމެލީ ސުއިޓް އަދި ޕޫލާ އެކު ހަދާފައިވާ ހަ ހަނީމޫން ވޯޓާ ސުއިޓް ހުރެ އެވެ.
އެ ރިސޯޓުގައި ހަނީމޫނަށް އަންނަ މީހުންނަށް ހާއްސަކޮށްގެން ހަނީމޫން ޕޫލަކާއެކު ސުއިޓެއް އެ ރަށުގެ ފަޅު ތެރޭގައި އޮންނަ ދޮންވެލި ފިނޮޅަކާ ގުޅުވައިގެން ހަދާފައިވެ އެވެ. އަދި އެ ތަނުގައި ތިބޭއިރު ހަނދުވަރު ރޭތަކުގައި އުޑުމަތީގެ ރީތި މަންޒަރުތައް ފެންނާނެ ކަމަށް ވެސް އެ ރިސޯޓުގެ ވެބްސައިޓްގައި ބުނެފައިވެ އެވެ.
ކ. އަކިރިފުށީގައި ހެދި އޯބްލޫ ސިލެކްޓް ސަންގެލި ރިސޯޓް ހުޅުވުމަށްފަހު އިއްޔެ އައި ފުރަތަމަ ޓޫރިސްޓަށް މުވައްޒަފުން މަރުހަބާ ކިޔަން ތައްޔާރުވެގެން. ފޮޓޯ: އޯބްލޫ ސިލެކްޓް ސަންގެލި
އެ ރިސޯޓުގައި ތަފާތު އެކި ސަރަހައްދުތަކުގެ ކެއުންތައް ލިބޭ ރެސްޓޯރަންޓާއި ސްޕާ އަދި ޖިމް ވެސް ހުރެ އެވެ. އޭގެ އިތުރުން ޑައިވިން އާއި ސްނޯކްލިން އަށް ޝައުގުވެރިވާ ޓޫރިސްޓުންނަށް އެ ފުރުސަތު ވެސް އޮންނާނެ ކަމަށް ވެބްސައިޓްގައި ބުނެފައިވެ އެވެ.
އެޓްމޮސްފިއާ ކުންފުނިން، އޯ ބްލޫ ބައި އެޓްމޮސްފިއާ ހެލެނގެލި އާއި އެޓްމޮސްފިއާ ކަނިފުށި އަދި އޯޒެން ބައި މާދޫގެ ނަމުގައި ވެސް ރިސޯޓެއް ހިންގަ އެވެ.
އެންމެ ބޮޑު ޓޫރިޒަމް ޕްރޮމޯޝަން އޮންނާނީ އަންނަ އަހަރު
1.5 މިލިއަން ޓޫރިސްޓުން، އަމާޒަށް ބާކީ ފަސް ލައްކަ
ރިސޯޓްތައް ރީޑިވަލޮޕް ކުރަން ދޭ މުއްދަތަށް ބަދަލުތަކެއް
ބޮލިފުށި ރިސޯޓުގެ ވެރިޔާ ޝަރީފް އަވަހާރަވެއްޖެ
ޝަންގްރިއްލާ ރިސޯޓު ހުޅުވޭނެ ތާރީހެއް ކަނޑައަޅަނީ
ނުހެދި ހުރި ރިސޯޓުތަކާ މެދު ގޮތްތަކެއް ކަނޑައަޅައިފި
ލަގްޒަރީ ޓޫރިޒަމަށް އަލުން އޮފުއެރުވުން: ވިސްނަންވެއްޖެ
ނުހެދި ހުރި ރަށްތަކަށް ފައިސަލް ދަތުރުކުރައްވަނީ
"ނުހެދި ހުރި 25ވަރަކަށް ރަށުގައި ރިސޯޓު ހުޅުވާނަން"
ބުލީއަކަށް ނުގުޑާނެ، ފައިސަލް ހުރީ ގަދަކޮށް