Roadha Mihaaru
ނިއު އާއި ތިމަރަފުށިން މިރޭ ލީގު ހުޅުވައިދެނީ

ނިއު އާއި ތިމަރަފުށިން މިރޭ ލީގު ހުޅުވައިދެނީ

28 ޖޫން 2018

އެސްޓީއޯ މިނިވަން ޗެމްޕިއަންޝިޕްގެ ތަށި ހޯދި ތ. ތިމަރަފުށިން ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ކުޅޭ ފުރަތަމަ މެޗުގައި މިރޭ ނިއު ރޭޑިއަންޓާ ބައްދަލުކުރާއިރު ފާހަގަކޮށްލަން ޖެހޭ ކަމެއް އެބައޮތެވެ. އެ ރަށު ޓީމުގައި ހިމެނޭ ބިދޭސީ ހަތަރު ކުޅުންތެރިން ފިޔަވައި ބާކީ ތިބި ހުރިހާ ކުޅުންތެރިންނާއި އޮފިޝަލުން ނިސްބަތްވަނީ އެ ރަށަށެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

އެސްޓީއޯ މިނިވަން ޗެމްޕިއަންޝިޕްގެ ތަށި ހޯދި ތ. ތިމަރަފުށިން ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ކުޅޭ ފުރަތަމަ މެޗުގައި މިރޭ ނިއު ރޭޑިއަންޓާ ބައްދަލުކުރާއިރު ފާހަގަކޮށްލަން ޖެހޭ ކަމެއް އެބައޮތެވެ. އެ ރަށު ޓީމުގައި ހިމެނޭ ބިދޭސީ ހަތަރު ކުޅުންތެރިން ފިޔަވައި ބާކީ ތިބި ހުރިހާ ކުޅުންތެރިންނާއި އޮފިޝަލުން ނިސްބަތްވަނީ އެ ރަށަށެވެ.

މިނިވަން ޗެމްޕިއަންޝިޕްގެ ފައިނަލުގައި 2016 ވަނަ އަހަރު ބ. އޭދަފުށި އަތުން ބަލިވިއިރު، އަލުން އާ ހިތްވަރަކާ އެކު ނުކުމެ ތިމަރަފުށިން މި ފަހަރުގެ މިނިވަން ޗެމްޕިއަންޝިޕް ކާމިޔާބުކުރީ ށ. ފޯކައިދޫގެ މައްޗަށް 3-0 އިން ކުރިހޯދައިގެންނެވެ.

ޕްރިމިއާ ލީގުގައި ވާދަކުރާ ތިމަރަފުށީ ޓީމަށް އިތުރުކޮށްފައިވަނީ މާލޭގައި އުޅޭ އެ ރަށުގެ ކުޅުންތެރިންނަށް ހާއްސަކޮށްގެން ބޭއްވި ޓްރަޔަލްތަކަކަށް ފަހު އެވެ. އެ ޓީމާ މާލެ އިން ގުޅުނު ކުޅުންތެރިންގެ ތެރޭގައި ކުރިން ފުރަތަމަ ޑިވިޝަނާއި ދެ ވަނަ ޑިވިޝަންގެ ކްލަބްތަކަށް އަދި ޒުވާން ގައުމީ ޓީމަށް ކުޅުނު ކުޅުންތެރިން ހިމެނެ އެވެ.

މި މުބާރާތުގައި ވެސް ތިމަރަފުށީ ޓީމުގެ ކޯޗަކަށް ހުންނާނީ އެ ޓީމަށް ކުރިން ކުޅުނު އަދި މިނިވަން ޗެމްޕިއަންޝިޕްގެ ތަށި ހޯދައިދިން ކޯޗު އިބްރާހިމް އާމިރު އެވެ. އޭނާގެ ކެޕްޓަންކަމުގައި ކުރިން އެ ޓީމުން ވަނީ އަތޮޅު މުބާރާތާއި ޒޯން ކާމިޔާބުކޮށްފަ އެވެ. ކޯޗިންގައި ވެސް އޭނާ މަސައްކަތްކޮށްފައިވަނީ ތިމަރަފުށީގަ އެވެ.

ޓީމުގެ މެނޭޖަރު އިބްރާހިމް ސަނާހު ބުނީ ތިމަރަފުށިން މި ފަހަރުގެ ޕްރިމިއާ ލީގުގައި ފުރަތަމަ ކަނޑައެޅި ޓާގެޓަކީ ގަދަ އަށެއްގެ ތެރޭގައި ހިމެނި ދެ ވަނަ ބުރަށް ދިއުން ކަމަށެވެ.

"މިހާރު ފޯމެޓް އިން ގޮތުން ފުރަތަމަ ގަދަ އަށް ޓީމުގެ ތެރޭގައި ހިމެނިގެން ދެ ވަނަ ބުރަށް ދިއުން ޓާގެޓަކީ. މިނިވަން ޗެމްޕިއަންޝިޕުން އައި ހަތަރު ޓީމަށް ވުރެން މަތިން ނިންމުމަކީ ވެސް ޓާގެޓެއް. ގަދަ އަށެއްގެ ތެރޭގައި ހިމެނިގެން އެކަން ހާސިލްވެވޭނެ ކަމަށް މި ބަލަނީ،" ސަނާހު ބުންޏެވެ.

ތިމަރަފުށީ ޓީމުގެ ކޯޗު އިބްރާހިމް އާމިރު. -- ފޮޓޯ: ނިޝާން އަލީ/ މިހާރު

ތިމަރަފުށީ ޓީމުގެ ކޯޗު އިބްރާހިމް އާމިރު. -- ފޮޓޯ: ނިޝާން އަލީ/ މިހާރު

ތިމަރަފުއްޓަށް ނިސްބަތްވާ ބައެއް ކުޅުންތެރިން މި ވަގުތު ފުރަތަމަ ޑިވިޝަނާއި ގައުމީ ޓީމުގައި ވެސް އަންނަނީ ކުޅެމުންނެވެ. އޭގެ ތެރޭގައި މާޒިޔާ އަށް ކުޅެމުން އަންނަ މުހައްމަދު އިރުފާން (އިރޭ)، މުޖުތާޒް މުހައްމަދު (މުޖޭ)، އާދަމް ނާސިހު (އާދަންނާ)ގެ އިތުރުން ވިކްޓަރީ އަށް ކުޅޭ އަހުމަދު ވިސާމް (ޖެެރާޑް) އަދި އިބްރާހިމް ހަމްދާން ހިމެނެ އެވެ. މީގެ ތެރެއިން ވިސާމް ވަނީ ކުރިން ގައުމީ ޓީމަށް ކުޅެފަ އެވެ. އަދި އެންމެ ފަހުން ނެގި ގައުމީ ޓީމުގެ ސްކޮޑުގައި މުޖޭ އާއި އިރޭ ހިމެނުނެވެ.

"އަޅުގަނޑުމެން މި ފަހަރު ރަށުގެ ކުޅުންތެރިންނަށް ބޮޑަށް ޓީމު ހާއްސަކުރީ ވެސް ބޮޑު މަގުސަދެއް އޮވެގެން. އެއީ ގައުމީ ފެންވަރަށް އިތުރު ކުޅުންތެރިން ގެންގޮސްދޭން. އެއީ އިރޭ އާއި މުޖޭ މެން އެ ތިބި ލެވެލަށް އިތުރު ޒުވާން ކުޅުންތެރިން ގެންގޮސްދިނުމުގެ ގޮތުން،" ސަނާހު ބުންޏެވެ.

އޭނާ ބުނީ އެސްއޯއީގެ ސަބަބުން ލިބެން ޖެހޭ ފައިސާގެ ކަންތައްތައް ހަމަނުޖެހެތީ މުބާރާތަށް ޕްރެކްޓިސްތައް ކުރެވުނު ނަމަވެސް އެންމެ ރަނގަޅަށް ތައްޔާރުނުވެވޭ ކަމަށެވެ.

"އެސްއޯއީގެ ތެރެއިން އަދި އެއްބަސްވުމުގައި ސޮއިނުކުރެވޭތީ ފައިސާގެ ދަތިކަން ވަރަށް ބޮޑަށް ވަނީ ކުރިމަތިވެފައި. ދެން އަޅުގަނޑުމެން ހުރިހާ ހަރަދެއް ކަހަލަ ގޮތަކަށް މި ކުރަނީ އެކި ގޮތްގޮތުން ރައްޔިތުންގެ މަސައްކަތުން ހޯދި ފައިސާ އިން. ދެން މީގައި ވާގޮތަކީ ހުރިހާ ހަރަދެއް އޭގެން ކުރެވޭނެ ފުރުސަތެއް ނޯވޭ. ރަނގަޅު ބިދޭސީ ކުޅުންތެރިން ވެސް ލިބިފައި އޮއްވައި މި ޖެހެނީ އެ ކުޅުންތެރިން ނުގެނެސް މި ކޮޅުގައި ކުޅެފައި ތިބި ކުޅުންތެރިން އަނެއްކާ ވެސް ހޯދަން،" ސަނާހު ބުންޏެވެ.

އޭނާ ބުނީ އުއްމީދުކުރަނީ ވީހާ ވެސް އަވަހަށް ސްޕޮންސަޝިޕް ކަންތައްތައް ހައްލުވެގެން މާލީ ދަތިކަމުން އަރައިގަނެވޭނެ ކަމަށެވެ.

ތިމަރަފުށީގެ އިތުރުން މިނިވަން ޗެމްޕިއަންޝިޕުން ދިވެހި ޕްރިމިއާ ލީގަށް އައި ބ. ފެހެންދޫ އާއި ފ. ނިލަންދޫ އަދި ށ. ފޯކައިދޫ އަށް ވެސް ވަނީ އެސްއޯއީ އިން ލިބެން ޖެހޭ ފައިސާ ނުލިބޭތީ މާލީ ދަތިކަމާ ކުރިމަތިލާން ޖެހިފަ އެވެ.

ޕްރިމިއާ ލީގުގެ ފުރަތަމަ މެޗުގައި މިރޭ ތިމަރަފުއްޓާއި ނިއު ރޭޑިއަންޓް ކުޅޭ މެޗު ފަށާނީ 9 ޖަހާއިރު އެވެ.