24 ޖޫން 2018
"އެދޭ ނަމަ ލޯބިވާންވީ ވެސް ހިތަށް ކުޅަދާނަ މިންވަރަކުން. އަދާވަތް ތެރިވިޔަސް ވާންވީ ހިތަށް ކުޅަދާނަ މިންވަރަކުން"
"އެދޭ ނަމަ ލޯބިވާންވީ ވެސް ހިތަށް ކުޅަދާނަ މިންވަރަކުން. އަދާވަތް ތެރިވިޔަސް ވާންވީ ހިތަށް ކުޅަދާނަ މިންވަރަކުން"
މިއީ މިދިޔަ ހުކުރު ދުވަހު ޖުމްހޫރީ ޕާޓީން ބޭއްވި ތިން ވަނަ ކޮންގްރެސްގައި އެޕާޓީގެ ލީޑާޝިޕުން، ލަވައެއްގެ ތެރެއިން، ދިން މެސެޖެވެ.
ކޮންގްރެސްގެ އެޖެންޑާ ފުރަތަމަ އޮތީ އެޕާޓީގެ ލީޑާޝިޕްގެ ފަރާތުން، ނައިބް ލީޑަރު އަމީން އިބްރާހިމާއި އަބްދުﷲ ކަމާލުއްދީން އާއި ޑރ. ހުސައިން ރަޝީދު ހަސަން ވާހަކަ ދައްކަވާ ގޮތަށެވެ. އަދި ކުރީގެ ނައިބު ރައީސް މުހައްމަދު ޖަމީލާއި ޖޭޕީގެ ރައީސްކަމަށް އަލަށް އިންތިހާބުވި އަލީ ވަހީދު ވެސް ވާހަކަ ދައްކަވަން އޮތެވެ.
ނަމަވެސް ފަހުން އިއުލާންކުރީ އެ ބޭފުޅުން ވާހަކަދެއްކެވުމުގެ ބަދަލުގައި ތަފާތު ގޮތަކަށް މެސެޖެއް ދޭން ނިންމި ވާހަކަ އެވެ. އެއާ އެކު އަޑުގަދަކޮށް ޖަހަން ފެށީ މަރުހޫމް މުހުތާރު ފަހްމީ ހެއްދެވި ޅެމަކަށް މަރުހޫމް ނައިފަރު ދޮހޮއްކޮ ކިޔާފައިވާ "އެދޭ ނަމަ ލޯބިވާންވީ ވެސް" އެވެ.
ޕެރަޑައިސް އައިލެންޑް ރިސޯޓުގައި އޮތް ޖޭޕީގެ ތިން ވަނަ ކޮންގްރެސްގައި އެ ލަވަ ޖަހަން ފެށުމުން ކޮންގްރެސްގެ 400 އެއްހާ ބައިވެރިން އަތްތިލަބަޑި ޖަހަން ފެށި އެވެ. ފަސް މިނެޓުގެ އެލަވަ ނިމުނު އިރުވެސް ބައެއް މީހުން ތިބީ ހެމުން އަތްޖަހާށެވެ.
ޖޭޕީ ކޮންގްރެސް ނިންމުމުގެ ހަފްލާގެ ތެރެއިން -- ފޮޓޯ: އަހުމަދު ނިޝާތު/މިހާރު
ޖޭޕީގެ އިސް ވެރިޔަކު ވިދާޅުވީ އެ ޕާޓީން މިހާތަނަށް ތަޖުރިބާކުރީ އެ ލަވާގައި ބުނާ ފަދަ ކަންކަމެވެ. އެހެންކަމުން އަނެއްކާވެސް ރިޔާސީ އާ އިންތިހާބަކަށް ކުރިމަތިލާ އިރު އެހެން ބަޔަކާ ކޯލިޝަނަކަށް ދާން ޖެހޭނީ، އެ ލަވާގައި ބުނާ ފަދަ ހައްދެއްގެ ތެރޭގައި ކަމަށް އޭނާ ވިދާޅުވި އެވެ.
އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމަށް ކުރިމަތިވެވަޑައިގަންނަވާ ހިތްދަތިކަމަށް ބަލާއިރު، ޖޭޕީގެ ބައެއް މެމްބަރުން ބުނަނީ، ގާތް ކުރައްވައިގެން ގެންގުޅުއްވި ބައެއް މީހުން އޭނާއަށް ކެހިދީފައިވާ ކަމަށެވެ. އަދި ހިތަށް ކެތްނުކުރެވޭ ވަރަށް ބައެއް މީހުންގެ "އަދާވަތްތެރިކަން" ބޮޑުވެފައިވާ ކަމަށް ވެސް، ޖޭޕީގެ ބައެއް މީހުން ގަބޫލުކުރެ އެވެ.
ލަވާގައި ބުނާ އެއް ވާހަކަ އަކީ "ރަނގަޅު ގެރި، ބަކަރި ވެސް އެ އެއްޗިއްސަށް ކާންދޭ މީހާ ދަންނަ ކަމަށެ"ވެ. އަދި ހެޔޮ ކަމެއް ކޮށްދިނީމާ އޭގެ ބަދަލެއް ލިބެން ޖެހޭ" ކަމަށް އެލަވައިގައި ބުނެ އެވެ. ކޮންގްރެސްގައި ބައިވެރިވި ޖޭޕީގެ ބައެއް މެމްބަރުން، ލަވައިގެ އެ ބައި އަމާޒުކުރީ މިހާރުގެ އެކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދަށެވެ.
ޖޭޕީއަށް ލިބުނު ފުރުސަތެއްގައި ސައީދު މިނިސްޓަރުކަމަށް ވަޑައިގެންނެވި އިރު ކުރިންސުރެ އޭނާ މަސައްކަތްކުރައްވަމުން ގެންދެވީ ގާސިމްގެ ކުންފުނި ވިލާގަ އެވެ. ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ގާސިމަށް އެތައް އަނިޔާއެއް ދޭ އިރު ސަރުކާރުގެ ދިފާއުގައި ސައީދު އުޅުއްވާތީ ޖޭޕީގެ ބައެއް މެމްބަރުން ހިތްހަމައެއް ނުޖެހެ އެވެ.
މި ފަހަރުގެ ކޮންގްރެސްގައި ޖެޕީގައި ގިނަ ދުވަސް ވަންދެން ތިބި ބައެއް މީހުންނަށް ވަނީ ނާކާމިޔާބީއާ ކުރިމަތިވެފަ އެވެ. އޭގެ ބަދަލުގައި ޕާޓީއާ އަލަން ގުޅިވަޑައިގެންނެވި ބޭފުޅުން އެކި މަގާމުތަކަށް ހޮވިވަޑައިގަތެވެ. މިސާލަކަށް ޑެޕިއުޓީ ލީޑަރުގެ މަގާމަށް ޖޭޕީގެ އިސް ބޭފުޅެއް ކަމަށްވާ އަދި ކުރީގެ މިނިސްޓަރު އަބްދުﷲ ކަމާލުއްދީން ވާދަކުރެއްވިޔަސް ވޯޓުން ކާމިޔާބު ހޯއްދެވީ ދާދި ފަހުން ޕާޓީއާ ގުޅިވަޑައިގެންނެވި ރައީސް އޮފީހުގެ ކުރީގެ މިނިސްޓަރު އަބްދުﷲ އަމީނާއި، ކުރީގެ ޑިޕިއުޓީ ޕޮލިސް ކޮމިޝަނަރު މުހައްމަދު ފަޔާޒު (އެފްއޭ) އެވެ. އަލަށް އުފެއްދި ރައީސްގެ މަގާމަށް ހޮވިވަޑައިގަތީ ވަރަށް ފަހުން ޕާޓީއާ ގުޅިވަޑައިގެންނެވި އަލީ ވަހީދެވެ.
"ގާސިމް އަބަދުވެސް ހައްދަވާ ގޯހަކީ ވަފާތެރިން ބާކީކޮށް އަލަށް އަންނަ މީހުންނަށް އިސްކަން ދިނުން. މިފަހަރު ވެސް ކަން ކުރީ އެގޮތަށް،" ޖޭޕީގެ ކައުންސިލްގެ މެމްބަރަކު، ނަން ނުޖަހަން ޝަރުތުކުރައްވާ، ވިދާޅުވި އެވެ.
ނައިފަރު ދޮހޮއްކޮގެ ލަވަ ޖަހަން ފެށުމާ އެކު ޖޭޕީގެ މެމްބަރުން ވަރަށް ފޯރި ނެގި އެވެ. އެކަމަކު ހަގީގަތަކީ ކުރިން ހިތަށް ވެސް ނާރާ ގޮތްގޮތަށް އަދި ގަބޫލުކުރަން ވެސް ދަތި ހާލަތަކަށް ސިޔާސީ ކަންކަން ބަދަލުވަމުން ދާކަމެވެ.
ރަނިން މޭޓު ނުދެއްކި ލަސްވަނީ!
"ސިޔާސީ ދާއިރާއަށް ނުކުތީ ސިޔާދަށް އަނިޔާ ދޭތީ"
ޖޭޕީގެ ކޮންގްރެސްގެ ނުރަސްމީ ބައްދަލުވުންތައް ފަށައިފި
އިދިކޮޅު ކެންޑިޑޭޓެއް ދައްކާނީ ކޮން އިރަކުން؟
"ގާސިމްގެ މުދަލަށް އަރައިގަންނަނީ ކޯޓު މެދުވެރިކޮށް"
ބަދަލަކަށް މިފަހަރު މައުމޫން، ކާމިޔާބު ވާނެތަ؟
ކޮލަމް ފަސް މިނެޓް: ރައްޔިތުން އަދިވެސް ބަލަނީ ފޮޓޯ
ގާސިމަށް ކުރި ބޮޑެތި ތުހުމަތު ޕީޕީއެމުން ދިފާއުކޮށްފި
ގާސިމްގެ ފިނި ރައްދު: ރައީސް ގޯހޭ ބުނެވިއްޖެތޯ؟
ނަޝީދާ ނުލައި އެމްޑީޕީ ދެމިއެއް ނޯންނާނެ: ގާސިމް