Roadha Mihaaru
ގާސިމްގެ ވީޑިއޯ، ފޭސްބުކުން ޑިލީޓްކޮށްލައިފި

ގާސިމްގެ ވީޑިއޯ، ފޭސްބުކުން ޑިލީޓްކޮށްލައިފި

19 ޖޫން 2018

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް، އޭނާގެ ފޭސްބުކް ޕޭޖް މެދުވެރިކޮށް މިއަދު ދެއްވި ވީޑިއޯ މެސެޖު ޑިލީޓްކޮށްލައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް، އޭނާގެ ފޭސްބުކް ޕޭޖް މެދުވެރިކޮށް މިއަދު ދެއްވި ވީޑިއޯ މެސެޖު ޑިލީޓްކޮށްލައިފި އެވެ.

ޖަރުމަނުން ހިމާޔަތް ހޯއްދަވައިގެން އެ ގައުމުގައި ދިރިއުޅުއްވާ ގާސިމްގެ ވީޑިއޯ ޑިލީޓްކޮށްފައިވަނީ، ލައިވްކޮށް ދެއްވި އެ ވީޑިއޯ މެސެޖު ނިމުނުތާ ގިނަ އިރުތަކެއް ނުވަހީނެވެ. އެ ބަޔާން ދެއްވަމުން ގާސިމް ވަނީ ޖުމްހޫރީ ކޯލިޝަންގެ ކެބިނެޓް ވެސް އިއުލާނުކުރައްވައިފަ އެވެ.

އިދިކޮޅު އެންމެ ބޮޑު ޕާޓީ، އެމްޑީޕީ ނުހިމަނައި އިއުލާނުކުރެއްވި އެ ކެބިނެޓާ ގުޅިގެން އިދިކޮޅު ފަރާތްތަކުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ޖުމްހޫރީ ކޯލިޝަންގައި ހިމެނޭ ބޭފުޅުންގެ ތެރޭގައި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ދެ ދަރިކަނބަލުން، ޔުމްނާ މައުމޫނާއި ދުންޔާ މައުމޫންގެ އިތުރުން އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ އާއި އެ ޕާޓީގެ ބައެއް އިސްބޭފުޅުން ހިމެނިވަޑައިގަންނަވަ އެވެ.

ނާދިރާގެ ޓްވީޓް: ރައީސް މައުމޫންގެ ފަރާތްޕުޅުން، އިދިކޮޅު ޕާޓީތަކުގައި މަޝްވަރާކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި

ގާސިމް އިއުލާނުކުރެއްވި ކެބިނެޓާ ގުޅިގެން، ރައީސް މައުމޫން ފެކްޝަންގެ ނައިބު ރައީސް އާމިނަތު ނާދިރާ ވިދާޅުވީ، އިދިކޮޅު ފަރާތްތަކުން އަދި ވެސް މަސައްކަތް ކުރަމުން އަންނަނީ އިދިކޮޅު ހަތަރު ޕާޓީ އެކުގައި ކަމަށެވެ. ޖޭޕީން ކުރި އިއުލާނަކީ މައުމޫނާއި އެމަނިކުފާނާއެކު މަސައްކަތް ކުރައްވާ ބޭފުޅުންނާ މަޝްވަރާ ކުރެވުނު ކަމެއް ނޫން ކަމަށް ނާދިރާ ވިދާޅުވި އެވެ.

ޖުމްހޫރީ ޕާޓީގެ ޗީފް ސްޕޯކްސްޕާސަން އަލީ ސޯލިހު ވިދާޅުވީ، ގާސިމްގެ ވީޑިއޯ މެސެޖު ޑިލީޓްކުރީ އެ ވީޑިއޯ އަޑުއެހުމުގައި އުނދަގޫތަކެއް ހުރުމުގެ ސަބަބުން ކަމަށެވެ. އެކަން ރަނގަޅުކޮށް ޕޭޖަށް ވީޑިއޯ އަޕްލޯޑުކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ވީޑިއޯ އަޑުއެހުމުގައި އުނދަގޫތަކެއް ހުރުމުން ޑިލީޓްކޮށްލީ. އެކަން ރަނގަޅުކޮށް ފަހުން ވީޑިއޯ އަޕްލޯޑުކުރެވޭނެ. ކެބިނެޓާ ގުޅިގެން ފާޅުކުރަމުންދާ ހިޔާލުތަކާއި ވީޑިއޯ ޑިލީޓްކުރުމާ އެއްވެސް ގުޅުމެއް ނެތް،" އަލީ ސޯލިހު ވިދާޅުވި އެވެ.

ޖުމްހޫރީ ކޯލިޝަންގެ ހިއުމަން ރިސޯސަސް އެންޑް ލޭބާ މިނިސްޓަރުގެ މަގާމަށް އައްޔަންކުރެއްވި ކަމާލުއްދީންގެ ޓްވީޓް

ޖުމްހޫރީ ކޯލިޝަންގެ ހިއުމަން ރިސޯސަސް އެންޑް ލޭބާ މިނިސްޓަރުގެ މަގާމަށް އައްޔަންކުރެއްވި އެ ޕާޓީގެ މެމްބަރު އަބްދުﷲ ކަމާލުއްދީން ވެސް ވިދާޅުވީ، އޭނާ އަކީ، އޭނާ ކައިރީގައި އެހުމެއް ނެތި ހަވާލުކުރާ މަގާމު ގަބޫލުކުރާ ހިތްވާ މީހެއް ނޫން ކަމަށެވެ.