Roadha Mihaaru
ބޭރުގައި އުޅޭ ދިވެހިން މިއަދު އީދު ކުރަން އަންގައިފި

ރާއްޖޭން ބޭރުގައި އުޅޭ ދިވެހިން ވެސް މިއަދު އީދު ކުރަން އަންގައިފި

15 ޖޫން 2018

ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހިން ވެސް މިއަދު އީދުކުރަން އިސްލާމިކް މިނިސްޓްރީން އަންގައިފި އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހިން ވެސް މިއަދު އީދުކުރަން އިސްލާމިކް މިނިސްޓްރީން އަންގައިފި އެވެ.

ތިރީސް ރޯދަ ފުރިހަމަ ކުރުމަށް ފަހު މިއަދު ރާއްޖޭގައި އީދު ދުވަސް ފާހަގަކުރަމުން އަންނައިރު ދުނިޔޭގެ ބައެއް އެހެން ގައުމުތަކުގައި ރޯދަ ހިފަން ފަށާފައި ވަނީ ރާއްޖެއަށް ވުރެ ފަހުންނެވެ. ސްރީ ލަންކާ އާއި ބަންގްލަދޭޝް ފަދަ ގައުމުތަކަށް މިއަދު މިއީ ރޯދަ މަހުގެ 29 ވަނަ ދުވަހެވެ.

އެކަމަކު ރާއްޖެއިން ބޭރުގައި ގާއިމްކޮށްފައިވާ ދިވެހި އެމްބަސީތަކަށް އިސްލާމިކް މިނިސްޓްރީން އަންގާފައިވަނީ މިއަދަކީ ޝައްވާލް މަހުގެ 1 ވަނަ ދުވަސް ކަމަށް "އިސްލާމީ ހުރިހާ ގައުމަކުން" ނިންމާފައި ވާތީ މިއީ އީދުކަމަށް ހަމަޖެއްސުމަށެވެ.

ސްރީ ލަންކާގައި ދިރިއުޅޭ ދިވެހިން މިއަދު ވަނީ އެމްބަސީގައި އީދު ނަމާދު ވެސް ކޮށްފަ އެވެ.

މިއީ ބޭރުގައި އުޅޭ ދިވެހިން ވަކި ދުވަހެއްގައި އީދުކުރަން އިސްލާމިކް މިނިސްޓްރީން އެންގި ފުރަތަމަ ފަހަރު ކަމަށްވެ އެވެ. މީގެ ކުރިން ބޭރު ގައުމުތަކުގައި އުޅޭ ދިވެހިން އާންމުކޮށް އީދު ކަމަށް ބަލަނީ އެ ގައުމުތަކަށް އީދު ވާ ދުވަހު އެވެ.

އިސްލާމިކް މިނިސްޓްރީްނ އެމްބަސީތައް މެދުވެރިކޮށް ދިވެހިންނަށް އަންގާފައި ވަނީ އެ ގައުމުތަކުގައި އުޅޭ ދިވެހިން 29 ރޯދަ ހަމަކުރުމަށް މި މަހުގެ ކޮންމެވެސް ދުވަހެއްގައި ރޯދަ ހިފުމަށެވެ.

ރާއްޖޭގައި މި އަހަރު ރޯދަ ހިފަން ފެށީ، އިތުބާރު ހުރި ފަލަކީ ހިސާބަށް ބިނާކޮށްގެންނެވެ. އެއީ މެއި 15 ވަނަ ދުވަހުގެ އިރު އޮއްސުމުގެ ކުރިން އައު ހަނދު އުފަންވެފައިވާ ކަމާއި، އެ ދުވަހު ހަނދު އޮއްސެނީ އިރު އޮއްސުމަށް ފަހުގައި ކަން އިތުބާރު ހުރި ފަލަކީ ހިސާބުން ސާބިތު ވާތީ އެވެ. ސައޫދީ އަރަބިއްޔާ އާއި އިސްލާމީ ގިނަ ގައުމުތަކަށް ވެސް އެ ދުވަހުގެ އިރު އޮއްސުމަށް ފަހުގައި، ހަނދު ފެންމަތީގައި ހުންނާނެ ކަން ފަލަކީ ހިސާބުން ކަށަވަރު ވިޔަސް، އެ ދުވަހުގެ އިރު އޮއްސުމަށް ފަހު ހަމަ ލޮލަށް ހަނދު ފެނިފައިނުވާތީ، އެ ގައުމުތަކުން ރޯދަ ހިފަން ފެށީ މެއި 17 ވީ ބުރާސްފަތި ދުވަހު އެވެ.