ވެރިކަން ކުރާ ޕާޓީ، ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަހްމަދު ނިހާން، އިންޑިއާ އެތެރެވިޔަ ނުދީ އަނބުރާ ފޮނުވާލުމަކީ ކުޑަ ކަމެއް ނޫނެވެ؛ ރާއްޖެ އާއި އިންޑިއާގެ ޚާރިޖީ ގުޅުމާއި ސިޔާސީ ގޮތުން ބަލާއިރު ވެސް ސީރިއަސް މައްސަލަ އެކެވެ. ދިވެހި ދައުލަތުގެ އިސް ބޭފުޅަކާ ދޭތެރޭ އޮޅިގެން ނަމަވެސް މިފަދަ ބޮޑު ފިޔަވަޅެއް އިންޑިއާ އިން މިހާތަނަށް އަޅައިފައެއް ނުވެ އެވެ. މިހާ ބޮޑު ކަމެއް ހިނގިއިރު ވެސް ސަބަބު ސާފުކޮށް ނުދީ، "އެންމެ ގާތް ރަހުމަތްތެރިޔާ" އަދިވެސް އޮތީ ހިމޭނުންނެވެ.
07 ޖޫން 2018
ވެރިކަން ކުރާ ޕާޓީ، ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަހްމަދު ނިހާން، އިންޑިއާ އެތެރެވިޔަ ނުދީ އަނބުރާ ފޮނުވާލުމަކީ ކުޑަ ކަމެއް ނޫނެވެ؛ ރާއްޖެ އާއި އިންޑިއާގެ ޚާރިޖީ ގުޅުމާއި ސިޔާސީ ގޮތުން ބަލާއިރު ވެސް ސީރިއަސް މައްސަލަ އެކެވެ. ދިވެހި ދައުލަތުގެ އިސް ބޭފުޅަކާ ދޭތެރޭ އޮޅިގެން ނަމަވެސް މިފަދަ ބޮޑު ފިޔަވަޅެއް އިންޑިއާ އިން މިހާތަނަށް އަޅައިފައެއް ނުވެ އެވެ. މިހާ ބޮޑު ކަމެއް ހިނގިއިރު ވެސް ސަބަބު ސާފުކޮށް ނުދީ، "އެންމެ ގާތް ރަހުމަތްތެރިޔާ" އަދިވެސް އޮތީ ހިމޭނުންނެވެ.
މިއީ، އަނެއްކާވެސް ސަރުކާރާއި އިދިކޮޅު ފަރާތްތަކުން ކޯޅެން ލިބުނު އާ ފުރުސަތެކެވެ. މިކަމާ ގުޅިގެން، ސޯޝަލް މީޑިއާގައި ފެށުނު ބަހުސް ހޫނުވެ، ބޮޑު ޒުވާބަކަށް ވަނީ ބަދަލުވެފަ އެވެ. މި ޒުވާބު ހޫނުވީ ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ގެއްލިއްޖެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ އިދިކޮޅު ބައެއް މެމްބަރުންނާއި ނިހާންއާ ދެމެދު އެވެ.
މެމްބަރުން ތުހުމަތު ކުރާ ގޮތުގައި، ނިހާން އިންޑިއާ އަށް ނޭރުވީ އޭނާގެ ވެސް ބައިވެރިވުމާ އެކު، ސަރުކާރުން ރައްޔިތުންނަށް އަނިޔާވެރިވަމުން ދާތީ އެޅި ފިޔަވަޅެއްގެ ގޮތުންނެވެ. މި ވާހަކަތާ މެދު ހިތްހަމަޖެހިވަޑައިނުގެން ނިހާން ވަނީ، އެ މެމްބަރުންނަށް މި ދައުރަކު މަޖިލީހަށް ވަދެވަޑައިނުގެންނެވޭނެ ކަމަށް ވިދާޅުވެ އިންޒާރު ދެއްވައިފަ އެވެ. ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ އެ މެމްބަރުންނާ ގުޅޭ ގޮތުން ހުކުމް އިއްވުމުގެ މަރުހަލާގައި، އެ މައްސަލަ އޮތީ ސުޕްރީމް ކޯޓުގަ އެވެ.
ބޭސްފަރުވާ އަށް ޗެންނާއީ އަށް ވަޑައިގަތުމުން، އެތަނުގެ އެއާޕޯޓުގައި ހަތަރު ގަޑިއިރު ހިފެހެއްޓުމަށް ފަހު، އަނބުރާ ފޮނުވާލި މައްސަލައިގައި ނިހާން ގެންދަވަނީ އަވަށްޓެރި އިންޑިއާ އަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ. އޭނާއާ ދޭތެރޭގައި އިންޑިއާގެ އިމިގްރޭޝަނުން އަމަލުކުރި ގޮތުންނެވެ. ޗެންނާއީ އަށް އެތެރެވުމުގެ ހުއްދަ ނުދިން ސަބަބު ސާފުކޮށް ނުދީ، އޭނާ ސިފަކުރެއްވި ގޮތުގައި، "ބުލީ ކުރީ" އެވެ.
މިކަމާ މެދު ނުރުހުން ފާޅުކުރެއްވީ އެއްވެސް ދިވެހިރައްޔިތަކާ މެދު އެ އަމަލު ތަކުރާރުވާން ބޭނުން ނުވާތީ ކަަމަށް ނިހާން ވިދާޅުވުމާ އެކު، އިންޑިއާ ދިފާއުކޮށް، އިދިކޮޅު ފަރާތްތަކުގެ ހުރިހާ ނުރުހުމެއް އަމާޒުކުރީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރަށެވެ.
ރައްޔިތުންގެ މަޖިލީހުން ވަކިވެފައިވާ ކަމަށް އީސީން ކަނޑައެޅި މެމްބަރުންތަކެއް ސުޕްރީމް ކޯޓު ބޭރުގައި. --ފޮޓޯ/މިހާރު
އެއްބަޔަކު ސިފަކުރި ގޮތުގައި، ނިހާން އިންޑިއާ އަށް އެތެރެވާން ހުރަސްއެޅުމަކީ އިންޑިއާ ސަރުކާރުން، އެޅި "ވަރުގަދަ ފިޔަވަޅެކެ"ވެ. މި ފިޔަވަޅު ކުރިއަށް އޮތް ތަނުގައި ސަރުކާރުގެ ބައެއް އިސްވެރިންނާ ދޭތެރޭގައި އަޅާނެ ކަމަށް އެ މީހުން ލަފާ ކުރެ އެވެ.
ޓުވިޓާގައި މި ބަހުސް ހޫނުވެ، ބަހުގެ ހަމަލާތައް ބަދަލުކުރަން ފެށީ، "ޕާސްޕޯޓުތައް ހިފަހައްޓައި އެތައް ބަޔަކަށް ދަތުރު ނުކުރެވޭ ގޮތް ހެދުމުން، އަތް ޖަހަން ހުރި މީހަކު އިންޑިއާ އަށް އެތެރެނުވެވުމުން ދެފައި ތަޅާފައި ރޮއިގަތް މަންޒަރު ފެނިއްޖެ" ކަމަށް މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު ވިދާޅުވުމުންނެވެ.
PP thah hifahattaa, ethah bayakah dhathuru nukurevey goy hadhaa, ayyjahan huri meehaku, #India ah access nulibuneema dhefai thalhaafa roigayy manzar mi fenuny!
— Mohamed Ameeth (@MohamedAmeeth) June 6, 2018
Miadhu ethah bayaka aniyaa dhee ayy'jahan thibefa, maadhamaa mi meehun jalah dhaanjehuneema ulhegannaany kihinakunbaa!?
އަމީތުގެ ޓުވީޓް.
FYI @MohamedAmeeth Varah Saafu koh bunefaivaane INDIA ah Neyruvumakun Asareh nukuraa kan. Dhogu vaahaka nufathuraa thikuraa kameh kureveytho balaa! https://t.co/X0KawTGYDn
— Ahmed Nihan (@ahmed_nihan) June 6, 2018
އަމީތަށް ރައްދު ދެއްވައި ނިހާން ކުރެއްވި ޓުވީޓް.
ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު އަލީ ޝާހް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އިންޑިއާ އަށް އެތެރެވުމުގެ ހުއްދަ ނުދިނުމުން ނިހާން ޝަކުވާ ކުރައްވާއިރު، މަޖިލީހުގެ ބައެއް މެމްބަރުންނަށް ރާއްޖޭގައި އެ ހާލަތު ކުރިމަތި ކުރުވާފައިވާ ކަމަށެވެ. މިސާލު ދައްކަވަމުން ވިދާޅުވީ، ކާށިދޫ ދާއިރާގެ މެމްބަރު ފައިސަލް ނަސީމްގެ ދަރިފުޅުގެ ބޭސްފަރުވާ އަށް ރާއްޖެ އިން ބޭރަށް ވަޑައިގަތުމަށް މި ސަރުކާރުން ހުރަސްއެޅި ކަމަށެވެ. އެއާ އެކު އަމީތުގެ ކާފަގެ ޖަނާޒާގައި ބައިވެރިވެވަޑައިގަތުމަށް އޭނާ އަށް ދާދި ފަހުން ބޭރަށް ފުރާވަޑައިނުގެންނެވުނުއިރު، އަދާލަތު ޕާޓީގެ މީޑިއާ ކޮމެޓީގެ ރައީސް އަލީ ނަޒީރުގެ ދަރިފުޅުގެ ގާތަށް، ރާއްޖެ އިން ބޭރަށް ވަޑައިގަތުމަށް ވެސް މި ސަރުކާރުން ހުރަސްއެޅި ކަމަށެވެ.
ކުށެއް ނެތި އެތައް ބަޔަކު ޖަލަށް ލާފައިވާ ކަމަށާއި އެކަންކަން ނިހާނަށް އެނގިވަޑައިގަންނަވާތޯ ވެސް ޝާހް ސުވާލު ކުރެއްވި އެވެ.
އޭނާ ވިދާޅުވީ ރާއްޖޭގެ ގާނޫނީ ނިޒާމް ހަލާލުކޮށް، އަނިޔާވެރިކަން އިސްކޮށް، އެތައް ބަޔަކަށް ނުހައްގު އަނިޔާ ލިބެމުން ދަނީ ނިހާން މެންގެ ސަބަބުން ކަމަށެވެ. ގައުމަކުން އެޅި "ކުޑަ ފިޔަވަޅަކުން" ނިހާނަށް ވެސް ވަރަށް އަސަރުކޮށްފި ކަމަށާއި ދެން ފިޔަވަޅު އަޅާނީ މުޅި ދުނިޔެ އެކުވެގެން ކަމަށް އޭނާ ވިދާޅުވި އެވެ.
ނިހާނަށް އަމާޒު ކުރެއްވި ސުވާލުގައި ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސެއިން އެއްސެވީ، އިންޑިއާ އިން ކަނޑައަޅާފައި ހުންނެވި އެމްބެސެޑަރު އަކިލޭޝް މިޝްރާ ހުވަދު އަތޮޅަށް ވަޑައިގަތުމުން މަރުހަބާ ދެންނެވި ކައުންސިލަރުން ސަސްޕެންޑްކޮށް، އޭނާ އެ އަތޮޅުން ފޭބުމަށް މަޖުބޫރު ކުރިއިރު، މިފަދަ ފިޔަވަޅެއް އަޅާފާނެ ކަމަށް ނިހާންގެ ހިތްޕުޅަށް އަރާވަޑައިނުގަންނަވާތޯ އެވެ. އޭރު ވެސް ދުނިޔެ އިން އައީ، ރާއްޖޭގައި ހިންގާ ވައްކަމާއި އަނިޔާވެރި އަމަލުތަކަށް ފާރަލަމުން ކަމަށް ސައުދު ވިދާޅުވި އެވެ.
ތިމަރަފުށީ ދާއިރާގެ މެމްބަރު މުހައްމަދުު މުސްތޮފާ ވިދާޅުވީ ރައްޔިތުންނަށް އަނިޔާވެރިވުމަށް ފަހު ބައިނަލްއަގުވާމީ މުޖުތަމައަށް ފިލައިގެން ނޫޅެވޭނެ ކަމަށެވެ. ނިހާން ހިމެނިވަޑައިގަންނަވާ ގޮތަށް ސަރުކާރުގެ އިސްވެރިން މުޅި ދުނިޔެ އަށް ފަޟީހަތް ވެފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް ވިދާޅުވި ގޮތުގައި، ނިހާން އިންޑިއާ އަށް އެތެރެވާން ހުއްދަ ނުދީ ފޮނުވާލުމަކީ، ބައިނަލްއަގުވާމީ މުޖުތަމައުގައި މި ސަރުކާރު ބަލިކަށިވެ ނިކަމެތިވަމުންދާ ކަމުގެ ހެއްކެކެވެ.
މެމްބަރުންގެ ވާހަކަތަކަށް ރައްދު ދެއްވަމުން، ނިހާން ސިފަކުރެއްވި ގޮތުގައި، އޭނާ އަށް އަމާޒުކުރި ފާޑުކިއުންތަކުގެ ފަހަތުގައި އޮތީ ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ގެއްލުވައިލި މައްސަލައިގައި އުފެދުނު ރުޅިވެރިކަމެވެ. ކުރުކޮށް ޖަވާބު ދެއްވަމުން ނިހާން ވިދާޅުވީ "ގޮނޑި ގެއްލުނީ، ބަޣާވާތްކޮށް، ގޮނޑި ވިއްކާލުމުން" ކަމަށެވެ. އެކަމުގައި އޭނާގެ މައްސަލައެއް ނެތް ކަމަށް ވިދާޅުވި އެވެ.
އެއާއެކު، އެ މެމްބަރުންނަށް މި ދައުރުގައި ރައްޔިތުންގެ މަޖިލީހަށް ވެންނެވުމުގެ ފުރުސަތެއް ނެތް ކަމަށް ވިދާޅުވެ، ދެއްވީ އިންޒާރެކެވެ؛
"ހަރާމް ބަޣާވާތެއް ކުރަން، ރައްޔިތުންގެ މަޖިލީސް މެމްބަރު ކަމުގެ ގޮނޑި ވިއްކި ޓީމަށް މެމްބަރުކަން ގެއްލުނީ މަށާ ހުރެއެއް ނޫން. ކިތަންމެ ރޮއި ހޭރުނަކަސް، ދެން އެ ގޮނޑިތަކެއް މި ދައުރަކު ނުލިބޭނެ. އިރާދަކުރެއްވިއްޔާ އަދި ފަހުން ވެސް ނުލިބޭނެ،" ނިހާން ވިދާޅުވި އެވެ.
Haraam Bagaawaatheh kuran, Raiyyithunge Majlis Membaru kamuge Gondi vikki team ah Membaru kan gellunee mashaa hure eh noon. Kithanmme Roe heyrunakas dhen e gondi thakeh mi dhauraku nulibeyne, Iraadha kurehvviyaa adhi fahun ves nulibeyne.
— Ahmed Nihan (@ahmed_nihan) June 6, 2018
ނިހާން ކުރެއްވި ޓުވީޓް.
މި އިންޒާރަށް ދެއްވި ރައްދުގައި، މުސްތަފާ ވިދާޅުވީ "ހަރާމް، ބަޣާވާތެއް ކުރަން އުޅުނީ 12 މެމްބަރުންނެއް ނޫން" ކަމަށެވެ. އެ ބަޣާވާތް ކުރުމުގައި ނިހާން ހިމެނިވަޑައިގަންނަވާ ކަމަށް ރައީސް ޔާމީން ތުހުމަތު ކުރައްވާ ކަމަށާއި ރައީސް އަވަހާރަކޮށްލަން "ފިނިފެންމާ" ލޯންޗުކޮޅުގައި ގޮއްވާލުމުން، ނިހާން އެކަން ފާހަގަކުރެއްވިން ނޫންތޯ މުސްތޮފާ އެއްސެވި އެވެ.
Ganevunu nama hunaanee thibayfulhunaai eku!! Bagaavaathakee QA fudaalun! DRP in majlis ah hovifai party badhalun nukuran tho? Alhugadu adhi eves party akaai nugulhen!! Heyo dhuaa salaam!
— Ali Shaah (@MPShaah) June 6, 2018
ޝާހް ވިދާޅުވީ "ބަޣާވާތަކީ ގާނޫނުއަސާސީ ފުނޑާލުން" ކަމަށެވެ. އޭނާ ގަނެވުނު ނަމަ ހުންނާނީ، ނިހާންއާ އެކު ވެރިކަން ކުރާ ޕީޕީއެމްގައި ނޫންތޯ ޝާހް އެއްސެވި އެވެ.
"ޑީއާރުޕީން މަޖިލީސް އަށް ހޮވިފައި ޕާޓީ ބަދަލު ނުކުރަންތޯ؟ އަޅުގަނޑު އަދި އެއްވެސް ޕާޓީއަކާ ނުގުޅެން،" ޝާހް ވިދާޅުވި އެވެ.
ނިހާން، އިންޑިއާ އަށް ނޭރުވި މައްސަލައިގެ ޒުވާބުގައި، ގޯސްކޮށް ހިނގާފައިވާ ހުރިހާ ކަމެއްގެ ތުހުމަތު އެއް ބަޔަކު އަޅުވަނީ އަނެއް ބައެއްގެ ބޮލުގަ އެވެ. އިންޑިއާ އަށް ނިހާނަށް އެތެރެ ނުވެވުނު ސަބަބު އެ ގައުމުން ސާފުކޮށްދިނުމުން، މި ޒުވާބު މާ ފޯރިގަދަވާނެ ކަމަށް ބެލެވެ އެވެ.
ނިހާން، އިންޑިއާ އަށް އެތެރެވިޔަ ނުދިން މައްސަލާގައި، ރާއްޖޭގައި ހުންނަވާ އެ ގައުމުގެ ސަފީރު އަކިލެޝް މިޝްރާ މިދިޔަ އަންގާރަ ދުވަހު ރާއްޖޭގެ ފޮރިން މިނިސްޓްރީ އަށް ހާޒިރުކޮށްފައިވާއިރު، މިހާތަނަށް ވެސް ޖަވާބުދާރީ ވި ކަމެއް ނޭނގެ އެވެ. ނިހާން އިންޑިއާ އަށް ނޭރުވި ސަބަބު އަދިވެސް އިންޑިއާ ސަރުކާރުން ނާންގާ ކަމަށް ވެ އެވެ.
މާރިޔާގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅައިފި
އިންޑިއާއާ އެކު ބާއްވަނީ ފަޚުރުވެރި ގުޅުމެއް: އީވާ
އިންޑިއާ-ރާއްޖެ އެއްބަސްވުން ހަދަން ހެޔޮނުވާނެ: ގާސިމް
ރިފްއަަތަށް ކުރާ ތުހުމަތުތައް ސާފުކޮށްދޭން ގޮވާލައިފި
މަޖިލިސް ހޭލައިފި، ވަޒީރުންނަށް ސުވާލުތަކެއް!
މާލެއަށް ދެ ދާއިރާ އިތުރު ކުރަން ނިންމައިފި
އިންޑިއާ ސަފީރު، ފޮރިން މިނިސްޓްރީ އަށް ހާޒިރުކޮށްފި
12 މެންބަރުންނަށް މި ހަދަނީ ކިހިނެއް؟
އީސީ ދޮށަށް އެއްވާ މެމްބަރުންނަށް ފިޔަވަޅު އަޅައިދީ!
މިޝްރާ، ފޮރިން މިނިސްޓްރީ އަށް ހާޒިރުކޮށްފި