Roadha Mihaaru
"މައުމޫން ފަހަތަކަށް ނުޖެހޭ، އަޒުމެއް ވެސް ނުގުޑާނެ"

މައުމޫން ފަހަތަކަށް ނުޖެހޭ، އަޒުމެއް ވެސް ނުގުޑާނެ: އިދިކޮޅު

06 ޖޫން 2018

ޓެރަރިޒަމްގެ އަމަލެއް ހިންގަން އުޅުމުގެ ތުހުމަތުގައި ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވާ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އެންމެ ފިޔަވަޅެއް ވެސް ފަހަތަށް ޖެހިވަޑައިނުގަންނަވާ ކަމަށާއި އެ މަނިކުފާނުގެ އަޒުމަށް ކުޑަވެސް ގުޑުމެއް ނާންނާނެ ކަމަށް، ގުޅިފައިވާ އިދިކޮޅު ޕާޓީތަކުން ރޭ ބުނެފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ޓެރަރިޒަމްގެ އަމަލެއް ހިންގަން އުޅުމުގެ ތުހުމަތުގައި ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވާ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އެންމެ ފިޔަވަޅެއް ވެސް ފަހަތަށް ޖެހިވަޑައިނުގަންނަވާ ކަމަށާއި އެ މަނިކުފާނުގެ އަޒުމަށް ކުޑަވެސް ގުޑުމެއް ނާންނާނެ ކަމަށް، ގުޅިފައިވާ އިދިކޮޅު ޕާޓީތަކުން ރޭ ބުނެފި އެވެ.

މިދިޔަ ފެބްރުއަރީ 1 ގައި ސުޕްރީމް ކޯޓުން ނެރުނު އަމުރަށް ފަހު، ފެބްރުއަރީ 5 ވަނަ ދުވަހުގެ ރޭ ހައްޔަރު ކުރި މައުމޫން ޖަލަށް ލާފައި ހުންނަތާ 120 ދުވަސްވުމާ ގުޅިގެން ޕާޓީތަކުން ނެރުނު ބަޔާނެއްގައި ބުނީ މައުމޫންގެ ހަމައެކަނި ކުށަކީ ގައުމު ބިނާ ކުުރުމުގެ މަސައްކަތުގައި ދެމިހުންނެވުމާއި ރައްޔިތުންނަށް ގާނޫނުއަސާސީން ލިބޭ ހައްގުތައް ކަށަވަރުކޮށް ދިނުމަށް އިސްލާހީ މަސައްކަތުގައި އަމަލީ ގޮތުން ބައިވެރިވެވަޑައިގަތުން ކަމަށެވެ.

ބަޔާނުގައި ބުނި ގޮތުގައި އެއްވެސް ހުކުމެއް ނެތި މައުމޫން ބަންދުކޮށްގެން ރައީސް އަބްދުﷲ ޔާމީނަށް ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވިދާނެ ކަމަށް ގަބޫލުކުރުމަކީ ކުށް ހީއެކެވެ. އަދި އިދިކޮޅު ފަރާތްތަކުން ކުރާ އިސްލާހީ މަސައްކަތްތައް ހުއްޓާލެވިދާނެ ކަމަށް ދުށުމަކީ މޮޔަ ކަމެއް ކަމަށް ބަޔާނުގައިވެ އެވެ.

"އަނިޔާވެރިކަމާއި، ފަސާދަ އާއި ކޮރަޕްޝަނުން ރައްޔިތުންގެ ތާއީދާއި ލޯބި ލިބިދާނެކަމަށް ދުށުމަކީ ވެސް ސިޔާސީ ގޮތުން ކުފޫ ހަމަނުވާކަން އަންގައިދޭ ކަމެކެވެ،" އިދިކޮޅު ޕާޓީތަކުގެ ބަޔާނުގައިވެ އެވެ.

މައުމޫންގެ މައްޗަށް ޓެރަރިޒަމްގެ ދައުވާގެ އިތުރުން، ފުލުހުންނަށް ފޯނު ނުދެއްވި ކަމަށް ބުނެ، އަދުލު އިންސާފު ގާއިމު ކުރަން ހުރަސް އެޅުމުގެ ދައުވާ ކުރެ އެވެ. މައުމޫންގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ ކުރަނީ 2013 ވަނަ އަހަރުން ފެށިގެން ގާނޫނާ ހިލާފަށް ސަރުކާރު ވައްޓާލަން އުޅުއްވި ކަމަށް ބުނެ އެވެ.

ނަމަވެސް، އިދިކޮޅު ޕާޓީތަކުން ބުނި ގޮތުގައި 2013 ވަނަ އަހަރުން ފެށިގެން މައުމޫން ކުރެއްވި މަސައްކަތްޕުޅަކީ ރައީސް ޔާމީނަށް ކެމްޕެއިން ކޮށްދެއްވުމަށް އެކި ރަށްރަށަށް ވަޑައިގަތުމެވެ. އެހެންވެ، މައުމޫންގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލީ ރައީސް ޔާމީނަށް ރިޔާސީ އިންތިހާބު ކާމިޔާބު ކޮށްދެއްވުމަށް މަސައްކަތްޕުޅު ކުރެއްވުމުން ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.

މައުމޫންގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ ކުރީ އެއްވެސް އަސާސެއް ނެތް، ދޮގު ތުހުމަތެއް ކުރުމަށް ފަހު ކަމަށާއި ދައުވާގައި ހުރީ ހަދަހަދައިގެން ދައްކާފައިވާ ހިޔާލީ ވާހަކަތަކެއް ކަމަށް އެ ބަޔާނުގައިވެ އެވެ. ދައުވާ ކުރުމުގެ ބޭނުމަކީ ދިވެހިންގެ ހިތުގައި މައުމޫނަށް ދެވިފައިވާ އިހްތިރާމާއި ގަދަރާއި ލޯބި ކޮންމެވެސް ގޮތަކުން ނެތިކޮށްލުން ކަމަށް ވެސް ގުޅިފައިވާ ޕާޓީތަކުގެ ބަޔާނުގައިވެ އެވެ.

އިދިކޮޅު ބަޔާނުގައި ބުނި ގޮތުގައި ސަރުކާރަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ރައްޔިތުންގެ ތާއީދު އެއްވެސް މިންވަރަކަށް ހޯދިފައިނުވުމާއި ކުރިމަގުގައި އެ ތާއީދު ލިބިގެންދާނެ އެއްވެސް މަގެއް ނެތުމެވެ. މި ހަގީގަތް ފެނުމުން ސަރުކާރުގެ އަނިޔާވެރިކަމާއި ކޮރަޕްޝަނާއި އަދި ފަސާދައިގެ ވާހަކަތައް ހާމަކުރާ ކޮންމެ މީހަކު ޖަލަށްލަމުންދާ ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ.

އިދިކޮޅު ޕާޓީތަކުން ނެރުނު ބަޔާނުގައި ވަނީ މައުމޫނާއި އަނެއް ތިން ލީޑަރުން ގުޅިވަޑައިގެން ފެއްޓެވި މަސައްކަތް ނިންމާލައްވާނީ ދިވެހިންނަށް ކާމިޔާބު ހޯދުމަށް ފަހު ކަމަށް ބުނެފަ އެވެ. އަދި މައުމޫނާއި ހައްޔަރުކޮށްފައި ތިބި ހުރިހާ ސިޔާސީ ބޭފުޅުން ދޫކޮށްލުމަށް ބަޔާނުގައި ވަނީ ގޮވާލައިފަ އެވެ.