Roadha Mihaaru
ޖުމްހޫރީ ޕާޓީގެ ކޮންގްރެސް ޖޫން 28، 29 ގައި

ޖުމްހޫރީ ޕާޓީގެ ކޮންގްރެސް ޖޫން 28، 29 ގައި

29 މެއި 2018

ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ތިން ވަނަ ކޮންގްރެސް އަންނަ ޖޫން މަހުގެ 28 އަދި 29 ގައި ޕެރަޑައިސް އައިލެންޑް ރިސޯޓުގައި ބޭއްވުމަށް އެ ޕާޓީގެ ކައުންސިލުން ފާސްކޮށްފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ތިން ވަނަ ކޮންގްރެސް އަންނަ ޖޫން މަހުގެ 28 އަދި 29 ގައި ޕެރަޑައިސް އައިލެންޑް ރިސޯޓުގައި ބޭއްވުމަށް އެ ޕާޓީގެ ކައުންސިލުން ފާސްކޮށްފި އެވެ.

އެ ޕާޓީގެ އޮފީސް އަދި މައި ޖަގަހަ މ. ކުނޫޒުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު ސަމީރު ވިދާޅުވީ ޖުމްހޫރީ ޕާޓީގެ ކޮންގްރެސް ބޭއްވުމަށް ދަރުބާރުގެ ހޯދުމަށް މަސައްކަތް ކުރި ނަމަވެސް، ދަރުބާރުގެ ނުލިބުނު ކަމަށެވެ.

އަންނަ މަހުގެ 24 އިން 30 އަށް ދަރުބާރުގެ ދިނުމަށް އެދި ހައުސިން މިނިސްޓްރީ އަށް ފޮނުވި ސިޓީ އަށް އެ މިނިސްޓްރީން ޖަވާބު ނުދޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"ޖަވާބު ލިޔުމުން ދިނުމަށް އެދުނަސް، އެ މިނިސްޓްރީ (ހައުސިން މިނިސްޓްރީ) އިން ބޭފުޅަކު ފޯނުން ގުޅާފައި ވިދާޅުވީ ތިޔަ ބޭފުޅުންނަށް އެ ތަން (ދަރުބާރުގެ) ދޫކުރެވެން ނެތޭ،" ސަމީރު ވިދާޅުވި އެވެ.

ދަރުބާރުގެ ނުލިބުމާ ގުޅިގެން ސަރުކާރުގެ ސްކޫލެއް ލިބޭތޯ މަސައްކަތް ކުރުމުން، އެ ފުރުސަތު ވެސް ޖުމްހޫރީ ޕާޓީ އަށް ނުދިން ކަމަށް ސަމީރު ވިދާޅުވި އެވެ. އަދި ވިލާ ކޮލެޖްގައި ކޮންގްރެސް ބާއްވަން ބޭނުންނުވީ ސަރުކާރުން އެ ކޮލެޖާ މެދު ފިޔަވަޅު އަޅާފާނެތީ ކަމަށް އޭނާ ވިދާޅުވި އެވެ.

އެހެންވެ، ޖޭޕީގެ ކޮންގްރެސް އެންމެ ފަހުން ބޭއްވުމަށް ނިންމީ، އެ ޕާޓީގެ ލީޑަރު އަދި ވިލާ ގްރޫޕްގެ ޗެއާމަން ގާސިމް އިބްރާހިމްގެ ޕެރެޑައިސް އައިލެންޑް ރިސޯޓުގަ އެވެ.

އިލެކްޝަންސް ކޮމިޝަނަށް ފާޑު ކިޔައި، ސަމީރު ވިދާޅުވި ގޮތުގައި ކޮމިޝަނުން ޖޭޕީ އަށް ދޭން ޖެހޭ 2.4 މިލިއަން ރުފިޔާ "އެތިކޮޅުކޮޅުން" ދެމުން ގެންދިއުމަކީ ސިޔާސީ ޕާޓީގެ ގާނޫނާ ހިލާފު ކަމެކެވެ.

އެހެންވެ، ޖޭޕީގެ ހަރަކާތްތައް ހިންގުމަށް ދަތިތަކެއް ހުރި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ސަމީރު ވިދާޅުވީ މި އަހަރުގެ ރިޔާސީ އިންތިހާބުގައި ކޯލިޝަން ކެންޑިޑޭޓެއްގެ ގޮތުގައި ޖޭޕީގެ ކެންޑިޑޭޓެއް ކަނޑައަޅައިފި ނަމަ، އަމަލު ކުރާނެ ގޮތެއް ޖޭޕީގެ ކޮންގްރެސްގައި ނިންމާނެ ކަމަށެވެ. ޖޭޕީން ކުރިން ބުނި ގޮތުގައި، އެ ޕާޓީން ރިޔާސީ އިންތިހާބަށް ނުކުންނާނީ ގާސިމާ އެކުގަ އެވެ.

އެކަމަކު، ގާސިމްގެ މައްޗަށް ތިން އަހަރު ދުވަހުގެ ޖަލު ހުކުމެއް އޮތުމާއި އުމުރުން 65 އަހަރު ވެފައިވާތީ، ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ގާސިމަކަށް ނެތެވެ. އެކަމަކު، ޖޭޕީން ތަކުރާރުކޮށް ބުނަމުން އަންނަނީ ފެބްރުއަރީ 1ގެ ހުކުމާ ގުޅިގެން ގާސިމް މިނިވަންވެފައިވާ ކަމަށާއި އޭނާ އަށް އިންތިހާބުގައި ކުރިމަތިލެއްވޭނެ ކަމަށެވެ.