Roadha Mihaaru
ޑެންގީ ފެތުރުން ވަނީ އެއްވަރެއްގައި ހިފެހެއްޓިފައި

ޑެންގީ ފެތުރުން ވަނީ އެއްވަރެއްގައި ހިފެހެއްޓިފައި: އެޗްޕީއޭ

24 މެއި 2018

ރާއްޖޭގައި މި ދުވަސްވަރު ހަލުވިކަމާ އެކު ޑެންގީ ހުން ފެތުރެމުން ދިޔަ ނަމަވެސް، ބަލި ފެތުރޭ މިންވަރު މިހާރު ހުރީ އެއްވަރެއްގައި ހިފަހެއްޓިފައި ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ރާއްޖޭގައި މި ދުވަސްވަރު ހަލުވިކަމާ އެކު ޑެންގީ ހުން ފެތުރެމުން ދިޔަ ނަމަވެސް، ބަލި ފެތުރޭ މިންވަރު މިހާރު ހުރީ އެއްވަރެއްގައި ހިފަހެއްޓިފައި ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ބުނެފި އެވެ.

އެތަނުން ނެރުނު ބަޔާނެއްގައި ބުނީ މިއީ ވިއްސާރަ ވެސް ދުވަސްވަރަކަށް ވާތީ، ކުރިއަށް އޮތް ދުވަސްތަކުގައި ޑެންގީ ހުން ފެތުރުމުގެ ފުރުސަތު އެބަ އޮތް ކަމަށެވެ. އެހެންވެ އެކަމަށް ސަމާލުވުމަށް އެޗްޕީއޭ އިން އިލްތިމާސް ކުރެ އެވެ.

އެގޮތުން މަދިރިން ރައްކާތެރިވުމަށް ކުރެވި ދާނެ ކަންތައްތައް ކުރުމަށް އެ އިދާރާ އިން ވަނީ އިރުޝާދު ދީފަ އެވެ.

އެޗްޕީއޭ އިން ބުނީ އަދިވެސް އަރިދަފުސް ރޯގާ އިންފްލުއެންޒާ ފެތުރުން ދަށްވަމުން ނުދާ ކަމަށެވެ. އެގޮތުން ފާއިތުވި ދެ ހަފުތާގެ ތެރޭގައި މި ބަލިތައް މާލޭގައި އިތުރުކަން ފާހަގަ ކުރެވިފައިވާ އިރު، އަތޮޅުތަކުގައި ޑެންގީ ހުން އިތުރު ކަމަށް ވެސް ބުންޏެވެ.

ސަމާލުކަން ދޭންވީ ކަންތައްތައް:

- އަރިދަފުސް ރޯގާ ޖެހިއްޖެ ނަމަ ކެއްސައި ކިނބިހި އަޅާއިރު ރުމާ/ޓިޝޫ އިން އަނގަމަތި ނިވާކުރުން. - އާންމު ސާފުތާހިރު ކަމަށް އިސްކަން ދިނުން. - ރޯގާ ޖެހިފައިވާ ނަމަ ކުޑަކުދިންނާ ދުރުހެލިވެ އުޅުން.

- ހުން އައިސް ރޯގާ ޖެހިއްޖެ ނަމަ ވީހާ ވެސް ގިނައިން ދިޔާތަކެތި ބޭނުން ކުރުން. - ޕެރަސެޓަމޯލް ފިޔަވައި އެހެން ބޭހެއް ބޭނުން ނުކުރުން. - މަދިރިން ރައްކާތެރިވުން.

- ބަލިވެގެން ޑޮކްޓަރަށް ދައްކާއިރު، ބަލިމީހާއާ އެކު ވީހާ މަދު މީހުން ހޮސްޕިޓަލަށް ދިއުން.

- ދުންފަތުގެ ދުމުން ކުޑަކުދިން ރައްކާތެރި ކުރުމަށް ގޭ ތެރޭގައި ދުންފަތުގެ އިސްތިއުމާލު ނުކުރުން.

- ބަލި ޖެހުމުން ނުރައްކާވުމުގެ ފުރުސަތު ބޮޑު މީހުންގެ ތެރެއިން އުމުރުން ފަސް އަހަރުން ދަށުގެ ކުދިން، މާބަނޑު މީހުންނާއި އުމުރުން ދޮށީ މީހުންނާއި ދިގު މުއްދަތަކަށް ފަރުވާ ކުރާ މީހުން އިންފުލުއެންޒާ އިން ރައްކާތެރިވުމަށް ވެކްސިން ޖެހުން.