Roadha Mihaaru
އިތުބާރާ އެކު ދިރާގަށް ކާމިޔާބު އަހަރެއް

އިތުބާރާ އެކު ދިރާގުން 2017 ނިންމާލީ ކާމިޔާބުކަމާ އެކު

16 މެއި 2018

ރާއްޖޭގެ އެންމެ ދުވަސްވީ މުވާސަލާތީ ޚިދުމަތްދޭ ކުންފުނީގެ 29 ވަނަ އަހަރީ އާންމު ޖަލްސާ މިދިޔަ ހޯމަ ދުވަހުގެ ރޭ، ކުރުނބާ މޯލްޑިވްސްގައި ބޭއްވި އިރު، މިދިޔަ އަހަރުގެ ކާމިޔާބީތައް ވަނީ ހިއްސާ ކޮށްފަ އެވެ. އަދި 100 އަށް ވުރެ ގިނަ ހިއްސާދާރުން ބައިވެރިވި ޖަލްސާ ނިމުނީ ހިއްސާދާރެއްގެ އެއްވެސް ޝަކުވާއެއް ނެތި، ހުށަހެޅި ހުރިހާ ކަންކަން ފާސްވެގެންނެވެ.

އަލީ ޝިނާން އަލީ ޝިނާން

ރާއްޖޭގެ އެންމެ ދުވަސްވީ މުވާސަލާތީ ޚިދުމަތްދޭ ކުންފުނީގެ 29 ވަނަ އަހަރީ އާންމު ޖަލްސާ މިދިޔަ ހޯމަ ދުވަހުގެ ރޭ، ކުރުނބާ މޯލްޑިވްސްގައި ބޭއްވި އިރު، މިދިޔަ އަހަރުގެ ކާމިޔާބީތައް ވަނީ ހިއްސާ ކޮށްފަ އެވެ. އަދި 100 އަށް ވުރެ ގިނަ ހިއްސާދާރުން ބައިވެރިވި ޖަލްސާ ނިމުނީ ހިއްސާދާރެއްގެ އެއްވެސް ޝަކުވާއެއް ނެތި، ހުށަހެޅި ހުރިހާ ކަންކަން ފާސްވެގެންނެވެ.

އެ ޖަލްސާގައި އާންމުކުރި ތަފާސްހިސާބުތަކުން ދައް ކާގޮތުން، ދިރާގުން މިދިޔަ އަހަރު 2.6 ބިލިއަން ރުފިޔާގެ ވިޔަފާރި ކުރި އިރު، އޭގެ ތެރެއިން 898 މިލިއަނަކީ ސާފު ފައިދާ އެވެ. މިއީ އޭގެ ކުރީ އަހަރުތަކާ އަޅާ ބަލާއިރު ހުރިހާ ގޮތަކުން ވެސް ބޮޑެތި އަދަދުތަކެކެވެ.

އަހަރީ އާންމު ޖަލްސާ އިން ފާސްކޮށްފައިވަނީ، ދިރާގުގެ ބޯޑުން ހުށަހެޅި ގޮތަށް ސާފު ފައިދާގެ ގޮތުގައި ލިބުނު 898 މިލިއަން ރުފިޔާ އެއްކޮށް ބެހުމަށެވެ. އެއީ ވަކިވަކިން ބަލާ ނަމަ ކޮންމެ ހިއްސާ އަކަށް 11.81ރ. އެވެ. އަދި ކޮންމެ ހިއްސާ އަކަށް އެ ލިބެނީ 14.8 ޕަސެންޓުގެ ފައިދާ އެކެވެ.

ހިއްސާގެ ފައިދާ ދިރާގުން ބަހަނީ އަހަރަކު ދެ ފަހަރު، ދެ ބަޔަކަށް ބަހާލައިގެންނެވެ. އެއީ އިންޓަރިމް ޑިވިޑެންޑާއި ފައިނަލް ޑިވިޑެންޑެވެ. އެގޮތުން މިދިޔަ އަހަރު އިންޓަރިމް ޑިވިޑެންޑުގެ ގޮތުގައި ކޮންމެ ހިއްސާ އަކަށް 5.96ރ. ލިބުނުއިރު، ފައިނަލް ޑިވިޑެންޑަކަށް ލިބުނީ 5.85ރ. އެވެ. ކޮންމެ ހިއްސާ އަކަށް ފައިދާގެ ގޮތުގައި 11.81ރ. ލިބެނީ އެ ދެ ބައި އެއްކޮށްލުމުންނެވެ.

ދިރާގުގެ އަހަރީ އާންމު ޖަލްސާގައި ބައިވެރިވި ހިއްސާދާރުން.-- ފޮޓޯ: ހުސައިން ވަހީދު/މިހާރު

ދިރާގުގެ އަހަރީ އާންމު ޖަލްސާގައި ބައިވެރިވި ހިއްސާދާރުން.-- ފޮޓޯ: ހުސައިން ވަހީދު/މިހާރު

ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި މުވާސަލާތީ ޚިދުމަތްދޭ ކުންފުނިން ބުނީ މާލީ ގޮތުންނާއި އެހެނިހެން ގޮތްގޮތުން ވެސް މިދިޔަ އަހަރަކީ އެ ކުންފުންޏަށް ވަރަށް ކާމިޔާބު އަހަރެއް ކަމަށެވެ. އެގޮތުން، ދިރާގުގެ މޯބައިލް ކަސްޓަމަރުންގެ އަދަދު ނުވަ ޕަސެންޓް އިތުރުވެ، ފިކްސްޑް ބްރޯޑްބޭންޑް ކަސްޓަމަރުންގެ އަދަދު 18 ޕަސެންޓަށް އިތުރުވެފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ.

މިދިޔަ އަހަރު ދިރާގުން ވަނީ އެ ކުންފުނީގެ ލޯގޯ އާއި ކުލަ އަދި ޝިއާރު ވެސް ބަދަލުކޮށްފަ އެވެ.

ދިރާގުގެ ޗެއާމަން މުހައްމަދު އަޝްމަލީ ވިދާޅުވީ، އެ ރީބްރޭންޑިން އިން ދިރާގަކީ ޒަމާނީ ދިރިއުޅުމުގެ ވައްޓަފާޅި ކުރިއަރުވައި ނުވަތަ "ލައިފްސްޓައިލް ޑްރައިވަން" ދުނިޔޭގެ ފެންވަރުގެ ޑިޖިޓަލް ސާވިސަސް ޕްރޮވައިޑަރެއްކަން ކަށަވަރުކޮށްދޭ ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި، ދިރާގުގެ މައިގަނޑު ކުލަ އަކަށް އޮރެންޖް ކުލަ ހަމަޖެއްސީ ޒަމާނީ ވިސްނުމާއި އުޖާލާ މުސްތަގުބަލަކާއި އެކުވެރިކަން ރަމްޒުކޮށްދޭ ގޮތަށް ބަދަލު ކުރުމަށެވެ. އަޝްމަލީ ވިދާޅުވީ، ކުންފުނީގެ އާ ޝިއާރު "ޓޭކް އޮން ޓުމޯރޯ" ނުވަތަ "މުސްތަގްބަލަށް ފުރިހަމަ އަށް ތައްޔާރު" އިން ހާމަ ވަނީ ކުރިއަރަމުން އަންނަ ޑިޖިޓަލް ޓެކްނޮލޮޖީއާ އެކު، އާންމުންގެ ދިރިއުޅުމަށް އަންނަ ހަލުވި ބަދަލުތަކަށް ދިރާގު ފުރިހަމަ އަށް ތައްޔާރުވެފައިވާ ކަމެވެ.

ދިރާގު އަހަރީ އާންމު ޖަލްސާގައި އެ ކުންފުނީގެ ބޯޑު މެމްބަރުން ބައިވެރިވަނީ.-- ފޮޓޯ: ހުސައިން ވަހީދު/މިހާރު

ދިރާގު އަހަރީ އާންމު ޖަލްސާގައި އެ ކުންފުނީގެ ބޯޑު މެމްބަރުން ބައިވެރިވަނީ.-- ފޮޓޯ: ހުސައިން ވަހީދު/މިހާރު

މިދިޔަ އަހަރު ދިރާގުން މުޅިން އާ ޑިޖިޓަލް ޚިދުމަތްތައް ތައާރަފްކޮށް އަދި ދިރާގު ހައި ސްޕީޑް ފައިބާ ބްރޯޑްބޭންޑްގެ ޚިދުމަތް މާލެ ސަރަހައްދުން ބޭރަށް ފުޅާކުރުމުގެ މަސައްކަތް ވަރަށް ކާމިޔާބުކަމާ އެކު ފަށައި، މާލޭގެ އިތުރުން، 20 ރަށަކަށް އެ ޚިދުމަތް ތައާރަފް ކޮށްފައިވާ ކަމަށް އެ ކުންފުނިން ވަނީ ބުނެފަ އެވެ.

އޭގެ އިތުރުން ދިރާގު ޕޭ، ދިރާގު ޓީވީ އަދި ދިރާގު މޯބައިލް އެޕްލިކޭޝަންގެ ޚިދުމަތްތައް ތައާރަފް ކުރީ ވެސް މިދިޔަ އަހަރެވެ.

ދިރާގުން ކަސްޓަމަރުންނަށް ދޭ ތަފާތު ޚިދުމަތްތަކަށް ވެސް އިންގިލާބީ ބަދަލުތަކެއް ވަނީ ގެނެސްފަ އެވެ. އެގޮތުން ކަސްޓަމަރުންގެ ބޭނުންތަކަށް ބެލުމަށް ފަހު، ބޮޑެތި ބަދަލުތަކާ އެކު ފަރުމާކޮށް، ރާއްޖޭގެ ހުރިހާ ނެޓްވޯކަކަށް މުޅިން ހިލޭ ގުޅޭ، އެސްއެމްސް ކޮށް އަދި ކަސްޓަމަރުން ބޭނުން އަދަދަކަށް ޑޭޓާ ކަނޑައެޅޭނެ ގޮތަކަށް މުޅިން އާ ޕޯސްޓްޕެއިޑް ޕްލޭން ތަކެއް ވަނީ ތައާރަފްކޮށްފަ އެވެ. އަަަދި ޒުވާނުންނަށް އަމާޒުކޮށްގެން "މަމެން"ގެ ނަމުގައި ޑިޖިޓަލް ޕްރީޕެއިޑުގެ ޚިދުމަތް ވެސް ވަނީ ފަށައިފަ އެވެ.

ރާއްޖޭގެ މުޅި އާބާދީ އަށް މޯބައިލް ބްރޯޑްބޭންޑްގެ ޚިދުމަތް ފުރަތަމަ ފަހަރަށް 2015 ގައި ފޯރުކޮށްދިނުމަށް ފަހު، މޯބައިލް ނެޓްވޯކް ހަރުދަނާ ކުރުމުގެ ގޮތުން ދިރާގުގެ 4ޖީ އެލްޓީއީގެ ޚިދުމަތް އާބާދީގެ ބޮޑު ބަޔަކަށް ވަނީ ދީފަ އެވެ. އަދި ރާއްޖޭގައި ފޯރުކޮށްދޭ އެންމެ ހަލުވި އިންޓަނެޓް ސްޕީޑް، 100 އެމްބީޕީއެސްގެ ފައިބާ ބްރޯޑްބޭންޑްގެ ޚިދުމަތް ރާއްޖޭގެ 38 ރަށެއްގައި ތައާރަފްކޮށް އެ ރަށްރަށުގެ 65 ޕަސެންޓް ގޭބިސީ އަށް އެ ޚިދުމަތް ވަނީ ފޯރުކޮށްދީފަ އެވެ.

މިދިޔަ އަހަރެކޭ އެއްގޮތަށް މި އަހަރު ވެސް ވާނީ މުހިންމު އަދި ތާރީޚީ އަހަރަކަށް ކަމަށް ދިރާގުން ބުނެ އެވެ. އަދި މި އަހަރަކީ، ދިރާގަށް ފަޚުރުވެރި 30 އަހަރު ފުރޭ އަހަރަށެވެ.