Roadha Mihaaru
ހަބީބް ބޭންކުގެ ބްރާންޗެއް ހުޅުމާލޭގައި ހުޅުވަނީ

މާލެއިން ބޭރުގައި ހަބީބް ބޭންކުން ހުޅުވާ ފުރަތަމަ ބްރާންޗް ހުޅުމާލޭގައި

24 ޖުލައި 2016

ރާއްޖޭގައި ހިންގާ ޕާކިސްތާނުގެ ހަބީބް ބޭންކުގެ ބްރާންޗެއް ހުޅުމާލޭގައި ހުޅުވަން ނިންމައިފި އެވެ. މިއީ މާލެއިން ބޭރުގައި އެ ބޭންކުން ހުޅުވާ ފުރަތަމަ ބްރާންޗެވެ.

އަބްދުﷲ ޖަމީލު އަބްދުﷲ ޖަމީލު

ރާއްޖޭގައި ހިންގާ ޕާކިސްތާނުގެ ހަބީބް ބޭންކުގެ ބްރާންޗެއް ހުޅުމާލޭގައި ހުޅުވަން ނިންމައިފި އެވެ. މިއީ މާލެއިން ބޭރުގައި އެ ބޭންކުން ހުޅުވާ ފުރަތަމަ ބްރާންޗެވެ.

ހަބީބް ބޭންކުގެ ކަންޓްރީ މެނޭޖަރު ވާޖިދު އަލީ ޝާހް "މިހާރު" އަށް ވިދާޅުވީ އެ ބޭންކުގެ އާ ބްރާންޗް މިމަހުގެ 31 ވަނަ ދުވަހު ހުޅުމާލޭގައި ހުޅުވަން ނިންމާފައިވާ ކަމަށެވެ.

"އެތަނުގައި ހުޅުވާ ބްރާންޗުން އަޅުގަނޑުމެން މާލެއިން ދެމުން އަންނަ ހުރިހާ ހިދުމަތެއް ލިބެން ހުންނާނެ. މިއީ މާލެއިން ބޭރުގައި އަޅުގަނޑުމެން ހުޅުވާ ފުރަތަމަ ބްރާންޗް،" އޭނާ ވިދާޅުވި އެވެ.

ވާޖިދު ވިދާޅުވީ ހުޅުމާލޭގެ ބޮޑުމަގުގައި ހަދާފައިވާ ބްރާންޗުން ވެސް އެކައުންޓް ހުޅުވުމާއި އެނޫން ވެސް މާލީ ހިދުމަތްތައް ލިބެން ހުންނާނެ ކަމަށާއި އޭޓީއެމް ވެސް ބަހައްޓާފައިވާ ކަމަށެވެ.

"އަޅުގަނޑުމެން މިވަނީ ފާއިތުވި ދުވަސްތަކުގައި ރާއްޖޭގެ އިގްތިސާދު ކުރިއެރުވުމަށް ވަރަށް ގިނަ އެހީތަކެއް ފޯރުކޮށްދީފައި. އަދި މިދިޔަ ދުވަސްތަކުގައި ބޭންކުގެ ހިދުމަތްތައް ފުޅާކޮށް، ވަރަށް ބޮޑަށް ކުރިއަރާފައި މިވަނީ،" ވާޖިދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ބޭންކުގެ ގޮފި ރަސްމީކޮށް ހުޅުވުން އަންނަ އޮގަސްޓް މަހުގެ މެދުތެރޭގައި ބޭއްވުމަށް މަސައްކަތްކުރަމުން އަންނަ ކަމަށެވެ.

މާލޭގައި 1976 ވަނަ އަހަރު ހުޅުވި ބޭންކުގެ 25 ބްރާންޗް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހިންގަ އެވެ.