Roadha Mihaaru
މަދިރި މަދުކުރަން ގެންގުޅެންވީ ކުކުޅު

މަދިރި މަދުކުރަން ގެންގުޅެންވީ ކުކުޅު

23 ޖުލައި 2016

މެލޭރިއާ ފަތުރާ މަދިރީގެ ކިބައިން ސަލާމަތް ވާނެ ގޮތްތައް ހޯދަން ސައިންސްވެރިން ކުރަމުންދާ މަސައްކަތުގައި މިފަހަރު ދެނީ އާދަޔާ ހިލާފް ޚަބަރެކެވެ. ސައިންސްވެރިން ބުނަނީ މަދިރިއާ ހެދި ނުނިދިގެން އުޅޭ ނަމަ އެނދު ކައިރީގައި ކުކުޅެއް ބަހައްޓައިފި ނަމަ މަދިރިތައް ފިލާފާނެ ކަމަށެވެ. މަދިރިއަކަށް ވުރެ ކުކުޅެއްގެ އުނދަގޫ ބޮޑު ވެސް ވެދާނެ އެވެ. ސައިންސްވެރިންގެ ދައްކާ ވާހަކަ އަކީ ކޮބައިތޯ ބަލަން ހިނގާށެވެ.

ނިއުމަތުﷲ އިދުރީސް ނިއުމަތުﷲ އިދުރީސް

މެލޭރިއާ ފަތުރާ މަދިރީގެ ކިބައިން ސަލާމަތް ވާނެ ގޮތްތައް ހޯދަން ސައިންސްވެރިން ކުރަމުންދާ މަސައްކަތުގައި މިފަހަރު ދެނީ އާދަޔާ ހިލާފް ޚަބަރެކެވެ. ސައިންސްވެރިން ބުނަނީ މަދިރިއާ ހެދި ނުނިދިގެން އުޅޭ ނަމަ އެނދު ކައިރީގައި ކުކުޅެއް ބަހައްޓައިފި ނަމަ މަދިރިތައް ފިލާފާނެ ކަމަށެވެ. މަދިރިއަކަށް ވުރެ ކުކުޅެއްގެ އުނދަގޫ ބޮޑު ވެސް ވެދާނެ އެވެ. ސައިންސްވެރިންގެ ދައްކާ ވާހަކަ އަކީ ކޮބައިތޯ ބަލަން ހިނގާށެވެ.

މެލޭރިއާ ޖާނަލްގައި ޝާއިއުކޮށްފައިވާ، އިތިއޯޕިއާގައި ކުރި ދިރާސާގައި ބުނެފައި ވަނީ މަދިރި އިންސާނުންނާ ދިމާލަށް އަންނަނީ އިންސާނުންގެ ލޭގެ ރަހަޔަށް ކަމަށް ވާއިރު ކުކުޅުގެ ގައިން ދުވާ ވަހުން، އިންސާނުންނަށް އޮންނަ ޝައުގުވެރިކަން މަދިރީގެ ކިބައިން ނައްތާލާ ކަމަށެވެ.

ސްވިޑަން އާއި އިތިއޮޕިއާގެ ސައިންސްވެރިން ކުރި ދިރާސާއަށް ފަހު ބުނެފައި ވަނީ ލޭ ބޮއެ ބަނޑު ފުރައިގެން ތިބި މަދިރީގެ ލޭގެ ސާމްޕަލް ނަގައިގެން ބެލި އިރު އޭގެ ތެރެއިން ކުކުޅުގެ ލޭ ފެނުނީ 1200 މަދިރީގެ ތެރެއިން އެންމެ މަދިރިއެއްގެ ހަށިގަނޑުން ކަމަށެވެ.

މެލޭރިއާ ފެތުރެނީ އެ ބަލި ޖެހިފައިވާ މީހެއްގެ ގައިން މަދިރި ލޭ ބުއިމަށް ފަހު އެހެން މީހެއްގެ ގައިން ލޭ ބުއިމުންނެވެ.

މި ދިރާސާގައި އުޅުއްވި ސްވިޑިޝް ޔުނިވަސިޓީ އޮފް އެގްރިކަލްޗަރަލް ސައިންސަސްގެ ޕްރޮފެސަރެއް ކަމަށްވާ ރިކާޑް ވިދާޅުވެފައި ވަނީ ކުކުޅުގެ ގައިން ދުވާ ވަހުން މަދިރި އަށް އުނދަގޫވެ ދުރަށްދާކަން އެނގުމުން ބޮޑު ހައިރާންކަމެއް ލިބިވަޑައިގެން ކަމަށެވެެ.

"މިއީ މެލޭރިއާ ފަތުރާ މަދިރި ބައެއް ޖަނަވާރުތަކާ ގާތް ނުވާކަން ފުރަތަމަ ފަހަރަށް ހާމަވި ދިރާސާ،" ރިކާޑް ވިދާޅުވެފައިވެ އެވެ.

ލޭގެ ސާމްޕަލް ނެގި މަދިރިތަކުގެ ތެރެއިން އެންމެ ގިނައިން ފެނުނީ ގެރީގެ ގައިން ލޭ ބޮއެފައިވާ މަދިރި އެވެ. އެއީ 63 ޕަސެންޓެވެ. އިންސާނުންގެ ގައިން ލޭ ބޮއެފައި ވަނީ 20 ޕަސެންޓް މަދިރި އެވެ. އަދި ފަސް ޕަސެންޓް މަދިރީގެ ގައިން ފެނުނީ ބަކަރީގެ ލެ އެވެ. ކަންބަޅީގެ ގައިން 2.5 ޕަސެންޓް މަދިިރި ލޭ ބޮއެފައި ވާއިރު ކުކުޅުގެ ގައިން ލޭ ބޮއެފައި ވަނީ އެއް ޕަސެންޓް މަދިރި އެވެ.

އިންސާނުންނާއި ޖަނަވާރުން އެއް ތަނެއްގައި ތިބެފި ނަމަ އެތަނުން މަދިރީގެ ފުރަތަމަ ހޮވުމަކަށް ވަނީ އިންސާނުން ކަމަށް ވެސް ދިރާސާގެ ހޯދުންތަކުން ދައްކަ އެވެ. މިގޮތަށް ދިމާވެއްޖެ ނަމަ 69 ޕަސެންޓް މަދިރި ލޭ ބޮއެފައި ވަނީ އިންސާނުންގެ ގައިންނެވެ.

މަދިރިއަށް އުނދަގޫވާ މާއްދާތަކެއް ކުކުޅުގެ ހަށިގަނޑުގައި ހުންނަ ކަމަށާއި އޭގެ ހަތަރު މާއްދާއެއް ފާހަގަވެފައިވާ ކަމަށް ސައިންސްވެރިން ބުނެ އެވެ. އަދި ކުކުޅުގެ ފަތްތަކަކުގެ ސަބަބުން ވެސް މަދިރި ކުކުޅާ ދުރުހެލިވާކަން ފާހަގަވެފައިވެ އެވެ.