24 އެޕްރީލް 2018
އިންތިޚާބުވާ ޕާޓީން ވަކިކޮށްފި ނަމަ ނުވަތަ ވަކިވެއްޖެ ނަމަ މެމްބަރު ކަމުގެ ގޮނޑި ގެއްލޭ ގޮތަށް މަޖިލީހުން ފާސްކުރި އެންޓި ޑިފެކްޝަން ގާނޫނު ބާތިލް ކަމަށް ކަނޑައެޅެން ނެތް ކަމަށް ސުޕްރީމް ކޯޓުން މިއަދު ހުކުމް ކުރިއަސް 12 މެމްބަރުންގެ ގޮނޑި ނުގެއްލޭ ކަމަށް އިދިކޮޅު ޕާޓީތަކުން މިރޭ ބުނެފި އެވެ.
އިންތިޚާބުވާ ޕާޓީން ވަކިކޮށްފި ނަމަ ނުވަތަ ވަކިވެއްޖެ ނަމަ މެމްބަރު ކަމުގެ ގޮނޑި ގެއްލޭ ގޮތަށް މަޖިލީހުން ފާސްކުރި އެންޓި ޑިފެކްޝަން ގާނޫނު ބާތިލް ކަމަށް ކަނޑައެޅެން ނެތް ކަމަށް ސުޕްރީމް ކޯޓުން މިއަދު ހުކުމް ކުރިއަސް 12 މެމްބަރުންގެ ގޮނޑި ނުގެއްލޭ ކަމަށް އިދިކޮޅު ޕާޓީތަކުން މިރޭ ބުނެފި އެވެ.
އެންޓި ޑިފެކްޝަން ގާނޫނަކީ، ގާނޫނުއަސާސީއާ ޚިލާފަށް ފާސްކުރި ގާނޫނެއް ކަމަށް ބުނެ ބާތިލްކުރަން ހުށަހެޅި މައްސަލަ ސުޕްރީމް ކޯޓުން ނިންމީ، އިދިކޮޅު ފަރާތްތަކާ ދެކޮޅަށެވެ.
އެ ގާނޫނުގައި ބުނެފައި ވަނީ މިދިޔަ އަހަރުގެ ޖުލައި 13 އިން ފެށިގެން އޭގައި ބުނާ ހާލަތެއް މެދުވެރިވެއްޖެ ނަމަ، އެކަން މަޖިލީހަށް އަންގާފައިވާ މެމްބަރުންގެ މައްޗަށް އެ އުސޫލުތައް ހިނގާނެ ކަމަށެވެ. އެ ބުނާ ހާލަތްތަކަކީ މަޖިލީހުގެ މެމްބަރަކު، ޕާޓީގެ ޓިކެޓުގައި އިންތިހާބުވުމަށް ފަހު، ޕާޓީން އަމިއްލަ އަށް ވަކިވުން، ވަކިކުރުން އަދި އެހެން ޕާޓީއަކާ ގުޅިއްޖެ ނަމަ، ގޮނޑި ގެއްލޭނެ ކަމަށް ބުނާ ހާލަތެވެ.
ސުޕްރީމް ކޯޓުގެ މި ނިންމުމާ ގުޅިގެން އިދިކޮޅު ޕާޓީތަކުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ވިދާޅުވީ ކޯޓުގެ ހުކުމާ އެކު ރައްޔިތުންގެ މަޖިލީހުގެ 12 މެމްބަރުންގެ ގޮނޑި ގެއްލިފައިވާ ކަމަށް ބުނެ ބައެއް ފަރާތްތަކުން ސުވާލު އުފައްދަމުންދާ ކަމަށެވެ. އެކަމަކު، މިއަދުގެ ހުކުމުން އެއްވެސް މެމްބަރެއްގެ ގޮނޑި ނުގެއްލޭ ކަމަށް އޭނާ ތަކުރާރުކޮށް ވިދާޅުވި އެވެ.
"އެ ގާނޫނަކާ، ރައްޔިތުންގެ މަޖިލީހުގެ 12 މެމްބަރުންގެ ގޮނޑިއާ އެއްވެސް ގުޅުމެއް ނެތް. ފުރަތަމަ ކަމަކަށް އެ ގާނޫނަށް އަމަލުކުރަން ފަށާނެ ކަމަށް ބުނެފައި މިވަނީ 13 ޖުލައި 2017 އިން ފެށިގެން. އެކަމަކު މި ދެންނެވި 12 މެމްބަރުން ވަނީ އޭގެ މާކުރިން ޕީޕީއެމުން ކެނޑި ލިއުންތައް އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައި،" އިބޫ ވިދާޅުވި އެވެ.
އެހެންކަމުން، އެ މެމްބަރުންގެ މައްޗަށް އެ ގާނޫނު ނުހިނގާނެ ކަމަށާއި އެންޓި ޑިފެކްޝަން ގާނޫނުގެ ދަށުން އެއްވެސް މެމްބަރެއްގެ ގޮނޑި ގެއްލޭނެ ހަމައެއް ނެތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އިބޫ ވިދާޅުވި ގޮތުގައި މެމްބަރުންގެ ގޮނޑިއާ ގުޅޭ ގޮތުން ފެބުރުއަރީ 1 ގައި ސުޕްރީމް ކޯޓުން ވަނީ އަމުރެއް ވެސް ނެރެފަ އެވެ. ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުން ސޮއި ކުރައްވައި ނެރުއްވި އަމުރުގައި ރައްޔިތުންގެ މަޖިލީހުގެ އެއްވެސް މެމްބަރެއްގެ ގޮނޑި ނުގެއްލޭނެ ކަމަށް ކަނޑައަޅާފައިވާ ކަން ފާހަގަކުރައްވައި އިބޫ ވިދާޅުވީ އެ އަމުރު އަދިވެސް ދެމިއެބައޮތް ކަމަށެވެ.
ދައުލަތުގެ ބަންޑާރަ ނައިބުގެ އެދުމަކަށް އެ އަމުރަށް އަމަލުކުރުން މަޑުޖައްސާފައި އޮތް ކަމަށާއި އެކަމުގައި ގޮތެއް ކަނޑައަޅާނީ ވެސް ސުޕްރީމް ކޯޓުން ކަމަށް ވިދާޅުވި އެވެ.
ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައެޅި މެމްބަރުންނަކީ ރާއްޖޭގެ 60،000 ރައްޔިތުން ތަމްސީލްކުރާ ބަޔަކަށް ވާތީވެ، އިންސާފުވެރިކަމާ އެކު ވީހާވެސް އަވަހަށް އެ މައްސަލައިގައި ގޮތެއް ކަނޑައަޅައިދޭން ވެސް އިބޫ ގޮވާލެއްވި އެވެ.
ޖުމްހޫރީ ޕާޓީގެ ފަރާތުން ވާހަކަ ދެއްކެވި، ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން ވިދާޅުވީ އެންޓި ޑިފެކްޝަންގެ ގާނޫނު ބާތިލް ނުކުރަން ނިންމައި ސުޕްރީމް ކޯޓުން އިއްވި ހުކުމާ މެދު ޕާޓީތަކުން ދެރަވެ ހިތާމަކުރާ ކަމަށެވެ. އެހެން ނަމަވެސް ރައީސް އަބްދުﷲ ޔާމީން އަމަލުކުރައްވާ އުސޫލުން، ސުޕްރީމް ކޯޓުން ހުކުމެއް އިއްވުމުން އެއާދެކޮޅަށް ކަންތައްތަކެއް އިދިކޮޅުން ނުހިންގާނެ ކަމަށް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އިދިކޮޅުން އެ މައްސަލަ ސުޕްރީމް ކޯޓަށް ވެއްދީ ރައްޔިތުންގެ މަޖިލީހުގެ ޕީޕީއެމްގެ މެމްބަރުންގެ ގޮތުގައި، ކަސްތޮޅު އެޅިފައި ތިބި މެމްބަރުން މިނިވަންކުރުމަށެވެ. އެކަމަކު، ސުޕްރީމް ކޯޓުގެ ނިންމުން އައީ އެ މެމްބަރުން މިނިވަންވާ ގޮތަށް ނޫން ކަމަށް ވިދާޅުވި އެވެ.
އަލީ ހުސެއިން ވިދާޅުވީ އިދިކޮޅުގައި ތިބި އެއްވެސް މެމްބަރަކު ރައީސް ޔާމީނާ ގުޅިވަޑައިނުގަންނަވާނެ ކަމަށެވެ. އެހެންކަމުން، އެންޓި ޑިފެކްޝަންގެ ގާނޫނުއް ވުޖޫދަށް ގެނައުމުގެ އަސްލު ގުޅިފައި ވަނީ ވެސް އެމަނިކުފާނު އަރިހުގައި ތިއްބެވި މެމްބަރުން ކަސްތޮޅު އަޅުވަން ކަމަށް ވެސް ވިދާޅުވި އެވެ.
ސުޕްރީމް ކޯޓުގެ މިއަދުގެ ޝަރީއަތުގައި، ރައްޔިތުންގެ މަޖިލީސް އުވާލުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާ އަށް ލިބިގެންވާ ކަމަށް ފަނޑިޔާރުން ވިދާޅުވި ކަމަށް ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ކަމަށާއި އެއީ ހަގީގަތެއް ނެތް ވާހަކައެއް ކަމަށް އަލީ ހުސެއިން ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި މިސާލެއްގެ ގޮތުން ފަނޑިޔާރުން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގައި މަރުތަޅު އެޅުމުން، ބައެއް ގައުމުތަކުގައި، ރައްޔިތުންގެ މަޖިލީސް އުވާލުމުގެ އިޚްތިޔާރު ވެރިންނަށް ލިބިގެންވާ ކަމަށެވެ.
"އެހެން ނަމަވެސް ދިވެހިރާއްޖޭގެ ގާނޫނުއަސާސީގެ ދަށުން ރައީސުލްޖުމްހޫރިއްޔާ އަށް ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖިލީސް އުވާލެވިދާނެ ކަމަށް ދޭހަވާފަދަ ގޮތަކަށް އެއްވެސް ބަހެއް ސުޕްރީމް ކޯޓަކުން ވިދާޅެއް ނުވޭ،" އަލީ ހުސެއިން ވިދާޅުވި އެވެ.
މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު ވެސް ވިދާޅުވީ ސުޕްރީމް ކޯޓުގެ ހުކުމާއެކު 12 މެމްބަރުންގެ ގޮނޑިއެއް ނުގެއްލޭ ކަމަށެވެ. އިދިކޮޅުން އިންސާފަށް އެދި ކުރާ މަސައްކަތުގައި، ގޮންޖެހުންތައް ކުރިމަތިވި ނަމަވެސް އެ މަސައްކަތް ހުއްޓާލުމެއް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.
"އަދި އިންސާފު ލިބޭނެ ކަމަށް އަޅުގަނޑުމެން މިކުރާ އުއްމީދުތައް ވެސް ގެއްލުވައެއް ނުލެވޭނެ. އަޅުގަނޑުމެން އެ މަސައްކަތް ކުރިއަށް ގެންގޮސް ކާމިޔާބު ހޯދާނަން. ރާއްޖޭގެ 60،000 ރައްޔިތުންގެ ހައްގުތައް އިޔާދަކުރެވޭނެ،" އަމީތު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ރާއްޖޭގެ ކޯޓުތަކުން އިންސާފުވެރިކަމާއި އަދުލުވެރިކަމާ އެކު ހައްގަށް ހުކުމް ކުރަން ޖެހެ އެވެ. އޭނާ ވެސް ހިމެނޭގޮތުން ހުށަހަޅާފައިވާ 12 މެމްބަރުންގެ ގޮނޑީގެ މައްސަލައިގައި ވީހާވެސް އަވަސް، އިންސާފުވެރި ހުކުމެއް އިއްވައިދޭން ވެސް ސުޕްރީމް ކޯޓަށް އިލްތިމާސްކުރެއްވި އެވެ.
މަކުނުދޫ ދާއިރާގެ މެމްބަރު އަނާރާ ވިދާޅުވީ ގައުމުގައި ބޭއިންސާފު އަށަގަނެފައިވާއިރު، އެކަމަށް ހައްލު ހޯދުމުގެ ޒިންމާ ގާނޫނުއަސާސީން މަތިކޮށްފައި ވަނީ މިނިވަން މުއައްސަސާތަކާ ކަމަށެވެ. އެހެންކަމުން ރައްޔިތުންނަށް ހައްު ހޯދައިދިނުމަށް އެ މުއައްސަސާތަކުގެ ދައުރު ފުރިަހަމައަށް އަދާކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން މިދަނީ އުއްމީދާއެކު ކުރިއަށް. އިރާދަކުރެއްވިއްޔާ، ގުޅިފައިވާ ޕާޓީތަކުން، މި ގައުމުގެ ހިންގުމުގެ ނިޒާމް ހަރުދަނާކުރަން އަޅަން ޖެހޭ ފިޔަވަޅުތަކެއް ކުރަން ޖެހުނު ކޮންމެ ކަމެއް ކުރާނަން،" އަނާރާ ވިދާޅުވި އެވެ.
އެމްޑީޕީގެ މެމްބަރުންގެ އަދަދު ބައިލައްކައަށް އަރައިފި
ގަވައިދަށް ގެންނަ ބަދަލަށް ކޯޓުގެ ލަފަޔަށް އެދެފި
ލީޑަރުންގެ އެއްބަސްވުން "ސިއްރު"؟!
މައުމޫން، 12 މެމްބަރުންނާ ބައްދަލުކުރައްވައިފި
މަސީހު ވަކި ކުރަން ސޮއި ހޯދަން ފަށައިފި
ރައްޔިތުން އެންމެ ބޮޑަށް ބޭނުންވަނީ އިންސާފު: ފައިސަލް
"ވޯޓު ފޮށި ބަހައްޓަން ރިސޯޓުތަކުން ދެކޮޅެއް ނޫން"
ރަނިން މޭޓަކަށް ފައިސަލް ބަލައިގަތުމަށް ފާސްކޮށްފި
ޒަރޫރީ ހާލަތެއް ކުރިމައްޗެއް ނުވޭ، ވޯޓު ވާނީ ބާތިލް
ޖޭޕީން ދައްކާނީ ގަބޫލުކުރެވޭ ރަނިން މޭޓެއް: މާރިޔާ