21 ޖުލައި 2016
އެކުގައި ވަރަށް ގުޅިގެން ކުރި މަސައްކަތުން އިންތިހާބު ކާމިޔާބުވެ ވެރިކަން ވެސް ލިބުނެވެ. އެ ވެރިކަމަށް ދެ އަހަރު ވެގެން ދިޔަ އިރު، އެ ގުޅުން ހީނަރުވާން ފެށި އެވެ. ތިން އަހަރު ފުރެން ދާއިރު، ޕާޓީގެ ރައީސާއި ޕާޓީގެ މުސްތަޝާރާ ދެމެދު ގުޅުން މި އޮތީ ވަރަށް ބޮޑަށް ހީނަރުވެފަ އެވެ. މަޝްވަރާ ކުރައްވަން ޕާޓީގެ ރައީސް އެދިވަޑައިގަންނަވާތާ އެތައް މަހެއް ވީ އިރު ވެސް، ގައުމުގެ ރައީސް "ކަހާ ތަން ހިރުވާ ވެސް ނުލައްވަ" އެވެ. މި ދައްކަނީ ދުރު ދެ މީހެއްގެ ވާހަކައެއް ނޫނެވެ. އެއްބަފާ ދެބެންގެ ވާހަކަ އެވެ.
އެކުގައި ވަރަށް ގުޅިގެން ކުރި މަސައްކަތުން އިންތިހާބު ކާމިޔާބުވެ ވެރިކަން ވެސް ލިބުނެވެ. އެ ވެރިކަމަށް ދެ އަހަރު ވެގެން ދިޔަ އިރު، އެ ގުޅުން ހީނަރުވާން ފެށި އެވެ. ތިން އަހަރު ފުރެން ދާއިރު، ޕާޓީގެ ރައީސާއި ޕާޓީގެ މުސްތަޝާރާ ދެމެދު ގުޅުން މި އޮތީ ވަރަށް ބޮޑަށް ހީނަރުވެފަ އެވެ. މަޝްވަރާ ކުރައްވަން ޕާޓީގެ ރައީސް އެދިވަޑައިގަންނަވާތާ އެތައް މަހެއް ވީ އިރު ވެސް، ގައުމުގެ ރައީސް "ކަހާ ތަން ހިރުވާ ވެސް ނުލައްވަ" އެވެ. މި ދައްކަނީ ދުރު ދެ މީހެއްގެ ވާހަކައެއް ނޫނެވެ. އެއްބަފާ ދެބެންގެ ވާހަކަ އެވެ.
ދެ ބޭފުޅުންގެ ދެމެދުގައި މިއަދު އޮތީ ވަރަށް ބޮޑު ބީރައްޓެހި ކަމެއް އުފެދިފައި ކަން، ދެ ބޭފުޅުން ވިދާޅު ނުވިޔަސް މިއަދު އެންމެނަށް އެނގެ އެވެ. އެކަމުގެ އެންމެ ބޮޑު ހެއްކަކީ، ރިއާސީ ދެ ވަނަ ދައުރަކަށް ކުރިމަތިލެއްވުމަށްޓަކައި ޕާޓީގެ ޓިކެޓް ދެއްވާތޯ ކޮއްކޯފުޅު އެދިވަޑައިގަތުމުން، ބޭބޭފުޅު އެކަމަށް ތާއީދު ނުކުރައްވާ މޭރުމަކުން ވާހަކަފުޅު ދައްކަވަމުން ގެންދެވުމެވެ. އެއާ އެކު ޕާޓީގެ އެންމެ މުހިންމު ގުނަން ކަމުގައިވާ ގައުމީ މަޖިލިސް (ކައުންސިލް)ގެ ބައެއް މެންބަރުން ރައީސް މައުމޫންގެ ކޮޅަށް އެރުއްވި އިރު އަނެއް ބަޔަކު ތިބީ ރައީސް ޔާމީނާ އެކުގަ އެވެ.
އެއީ ޕީޕީއެމްގެ ފުރަތަމަ އެޕިސޯޑެވެ. ދެން އޮތީ ދެ ވަނަ އެޕިސޯޑެވެ. ޕާޓީ މިހާރު އޮތް ހާލަތުން ފެށިގެން ގޮސް 2018ގެ ރިއާސީ އިންތިހާބާ ހަމައަށް ކަން ހިނގައިގެންދާނެ ގޮތެވެ. މިއީ ކިހިނެއް ކޮން ގޮތަކަށް ހިނގައިފާނެ ކަމެއް ކަމަށް އަންދާޒާ ކޮށްލަން ވެސް އުނދަގުލެވެ. ނަމަވެސް ސިޔާސީ ލަފާ ކުރުންތަކެއް އެބަ ހުއްޓެވެ.
ސިޔާސީ ބޭފުޅުން ބޮޑަށް ބުރަވާ ގޮތުގައި ޑީއާރްޕީ ބައިބައިވެ ޒެޑް-ޑީއާރްޕީ އުފެދުނު ގޮތަށް ޕީޕީއެމްގެ ބަޔަކު ގޮވައިގެން ރައީސް މައުމޫން އެހެން ޕާޓީއެއް އުފެއްދެވުމުގެ ފުރުސަތު ކުޑަ އެވެ. އަދި ޑީއާރްޕީގެ ތެރެއިން ވަކިވެގެން ޕީއޭ އުފެއްދި ގޮތަށް، ރައީސް ޔާމީން އެހެން ޕާޓީއެއް އުފެއްދެވުމަކީ ވެސް ދުރު ކަމެކެވެ. ނަމަވެސް މިއިން ކޮންމެ ކަމެއް ވެސް ވެދާނެ އެވެ.
"މި ހާލަތުގައި މައުމޫން އެހެން ޕާޓީއެއް އުފައްދަވާނެ ހެން ވަރަށް ހީނުވޭ. އެ ފުރުސަތު ވަރަށް ކުޑައޭ ދަންނަވާނީ. އޭގެ ބަދަލުގައި އަޅުގަނޑަށް ލަފާކުރެވޭ ގޮތުގައި ޕީޕީއެމްގެ ތެރޭގައި އޮތް މައްސަލަ ހައްލު ނުވެއްޖެ ނަމަ، އެންމެ ބޮޑު ވަރަކަށް ވެސް މައުމޫން ކުރައްވާނެ ހެން ހީވާ ކަމަކީ، ކުރިން އެ މަނިކުފާނު އުފެއްދެވި ޑީއާރްޕީއާ ގުޅިވަޑައިގަތުން. މިހާރު ޑީއާރްޕީ ގޮވައިގެން އުޅުއްވާ ކާނަލް ވަރަށް ބޭނުންވާ ކަމެއް އެއީ،" ޑީއާރްޕީގެ ހަރަކާތްތަކުގައި އިސް ސަފުގައި އުޅުއްވުމަށް ފަހު މިހާރު ޖުމްހޫރީ ޕާޓީގައި އުޅުއްވާ ބޭފުޅަކު ވިދާޅުވި އެވެ.
ރައީސް ޔާމީން ސަރުކާރުގެ ފުރަތަމަ ޓްރާންސްޕޯޓް މިނިސްޓަރު އަމީން އިބްރާހީމް ވެސް އެކަމަށް އެއްބަސްވެ ވަޑައިގަންނަވަ އެވެ.
ޕީޕީއެމް ކައުންސިލް ބައްދަލުވުމަށް ފަހު، ރައީސް ޔާމީން ފެކްޝަންގެ ބޭފުޅުން ނޫސްވެރިންނާ ބައްދަލު ކުރައްވަނީ.
"އާ ޕާޓީއެއް ރާއްޖޭގެ މާހައުލުގައި ހަދާކަށް މައުމޫންގެ އެނާޖީ މިހާރު ހުރިހެނެއް ހިޔެއް ނުވޭ. ވަރަށް އުމުރުން ވެސް ދުވަސް ވެފައި، ވަރަށް މަސައްކަތް ވެސް ކުރައްވައިފި، ހިދުމަތް ވެސް ކުރައްވައިފި. އެހެންނެއް ނޫން، މިހާރު ވެސް އޮތް ޕާޓީއެއް ނަގައި ކޮޅަށް ޖެހުމުގައި، މައުމޫނާ ބައިވެރިވާ ބަޔަކާ އެކުގައި ކޮންމެވެސް ކާމިޔާބެއް ލިބިދާނެ. އެހާ ހިސާބަށް ދިޔައިމަ ޑީއާރްޕީ ނެގުމުގެ މަސައްކަތެއް ކުރައްވަފާނެ ކަންނޭނގެ. އެ ގޮތަށް ބޮޑަށް ބެލެވެނީ،" އަމީން ވިދާޅުވި އެވެ.
ޕީޕީއެމް މިހާރު އޮތް ހާލަތާއި ރާއްޖޭގެ ސިޔާސީ މަސްރަހު އޮތް ގޮތަށް ބަލާއިރު، ޕާޓީ ދެ ބައި ކޮށްލުމަކީ ރައީސް ޔާމީނަށް ވެސް އަދި ރައީސް މައުމޫނަށް ވެސް މަސްލަހަތު ހުރި ގޮތެއް ނޫނެވެ. ފުރަތަމަ ކަމަކީ ޕާޓީގެ މުހިންމު ގުނަންތަކުގައި ތިބި މެންބަރުންގެ ފިކުރަށް ބަލާއިރު، ސިޔާސީ ޝަހުސެއްގެ ގޮތުގައި ޕީޕީއެމް ލިބޭނީ ރައީސް ޔާމީނަށެވެ. ނަމަވެސް އާންމު މެމްބަރުންގެ ފިކުރަށް ބަލާއިރު، ގިނައީ މައުމޫންގެ ސަޕޯޓަރުންނެވެ. މިއީ ދެބަސްވެވެން ނެތް ހަގީގަތެވެ.
މިދިޔަ ބުދަ ވިލޭރޭ އޮތް ކައުންސިލް ބައްދަލުވުމަށް ފަހު ރައީސް މައުމޫން ނުކުމެވަޑައިގެން ސަޕޯޓަރުންނަށް ސަލާމް ކޮށްލައްވަަނީ
އެހެންކަމުން މައުމޫން ނުހިމެނޭ ގޮތަށް އާ ޕާޓީއެއް އުފައްދަވާ ހާލަތުގައި ވެސް، ރައީސް ޔާމީނަށްޓަކައި އެ ޕާޓީއާ ގުޅެން ތިބީ ކިހާ މީހުންނެއްތޯ ސުވާލުކޮށްލަން ޖެހެ އެވެ. އެއީ ރާއްޖޭގައި އޮތީ ސިޔާސީ މައިގަނޑު ދެ ފިކުރު ކަމަށް ވާތީ އެވެ. އެއީ މައުމޫންގެ ފިކުރާއި ކުރީގެ ރައީސް ނަޝީދުގެ އެމްޑީޕީ ފިކުރެވެ.
"މައުމޫން އަތުން ޕާޓީ އަތުލަން ބޭނުމިއްޔާ ޔާމީނަށް އެކަން ކުރެއްވިދާނެ. ޔާމީން ނަންގަވާނީ ވަރަށް ވަރުގަދަ ޑިސިޝަންތަކެއް. އެ ޑިސިޝަންތަކާ އެކު ޕާޓީ އަތުލެވިދާނެ. އެކަމަކު ޕާޓީގެ މެމްބަރުންނެއް ޔާމީނަކަށް ނުހޯދޭނެ. ގާނޫނީ ގޮތުން ޕާޓީ އަތުލެވިދާނެޔޭ ޔާމީނަށް، އެކަމަކު ޕާޓީގެ މެމްބަރުންނެއް ޔާމީނަކަށް ނުގެންދެވޭނެޔޭ. އެއީ ކައުންސިލްގެ މެޖޯރިޓީ އޮތުމުންނާއި ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ގާނޫނެއް ފާސްކޮށްގެން ވެސް އެކަން ކޮށްފާނެ،" އަމީން ވިދާޅުވި އެވެ.
އެންމެ ގޯސް ހާލަތަކަށް ވާނީ، މައުމޫންގެ ތާއީދާ ނުލައި ރައީސް ޔާމީން ވެރިކަމުގެ ދެ ވަނަ ދައުރަކަށް ކުރިމަތި ލެއްވުމެވެ. ވޭތުވެ ދިޔަ ދެ އިންތިހާބަށް ބަލާއިރު ވެސް، އަދި ރާއްޖޭގެ އާންމު ރައްޔިތުންގެ ސިޔާސީ ފިކުރު ބެހިފައިވާ ގޮތަށް ބަލާއިރު ވެސް، ފުރަތަމަ ބުރުން އިންތިހާބު ކާމިޔާބު ކުރުމަކީ ވަރަށް ދުރު ކަމެކެވެ. އަދި އަމުދުން މައުމޫނާއި ގާސިމް އިބްރާހީމްގެ ތާއީދާ ނުލައި އިންތިހާބު ކާމިޔާބު ކުރުމަކީ މުސްތަހީލު ކަމެކޭ ވެސް ބުނެވިދާނެ އެވެ.
ދެ ވަނަ އެޕިސޯޑް ނިމުމަކަށް އަންނަ އިރު، ކުރިމަތިވާނީ ލޭގެ ގުޅުމެވެ. އެއީ ރައީސް ޔާމީނާއި މައުމޫންގެ އެއްބަފާކަމުގެ ގުޅުމެވެ. އެ ގުޅުމުގެ މެދަށް އެއްވެސް ކަމެއް ހުރަސްވާކަށް އޭގެ ތެރެއިން އެއްވެސް ބޭފުޅަކު ބޭނުންފުޅެއް ނުވާނެ އެވެ. ހަމަ ގައިމު ވެސް، ރާއްޖޭގެ އިދިކޮޅު ހުރިހާ ސިޔާސީ ފަރާތްތައް އެއްކޮޅަށް އަރައި ރައީސް ޔާމީން ބަލިކޮށް ވެރިކަމުން ބޭރުކޮށްލާ ތަން ބަލަން ހުންނަވަން މައުމޫންގެ ލަގޮނޑި އަށް ކެތް ކުރެއްވޭނެ ބާވަ އެވެ؟
"ސިޔާސީ ކަންކަމުގައި އެންމެ ބޮޑު ކާމިޔާބަކީ އާއިލީ ގުޅުން. އެ ގުޅުން ބޮޑުވުން ފުޅާވުން. އާއިލާގެ ސަޕޯޓް ނުލިބި ސިޔާސީ ކަންތައްތަކުގައި ކާމިޔާބެއް ވަރަށް ނުލިބޭނެ. އެހެންވީމާ ޔާމީން އެކި ގޮތްގޮތުން މަސައްކަތް ކުރައްވާނެ ހަމަ އެންމެ ފަހު މިނެޓަށް ވެސް މައުމޫންގެ އޮންބޯޑް ކުރައްވަން. އެހެންވީމާ ޔާމީންގެ ކޮޅަށް މައުމޫން ގެނައުމަކީ ވަރަށް ބޮޑަށް އެކަށީގެންވާ ކަމެއް،" އަމީން ވިދާޅުވި އެވެ.
"އެހެން ހުރިހާ ކަމަކަށް ވުރެ ވެސް އެކަށީގެންވާ ކަމެއް މައުމޫން، ޔާމީނަށް ތާއީދު ކުރެއްވުމަކީ. އެއީ ނުވާނެ ކަމެއް ނޫން. ކިތަންމެ ވަރަކަށް މިއަދު މި ހަނގުރާމަ ކުރިއަށް ދިޔަސް ހަމަ އެންމެ ފަހު މިނެޓްގައި ޔާމީނަށް މައުމޫން އެ ތާއީދު ނުދެއްވާނެ ކަމަކަށް ބަލައިގެން ނުވާނެ. ދެއްވުން ކައިރީ ވެސް، އެހެން މީހަކަށް މައުމޫން ތާއީދު ކުރެއްވުމަށް ވުރެ."
ޕީޕީއެމުން އެންމެ ފަހުން ބޭއްވި ކައުންސިލް ބައްދަލުވުމުގައި މައުމޫނާއި ބައެއް މެމްބަރުން.
މިހާރުގެ ހޫނުގަނޑު ޕީޕީއެމްގެ ފުރާޅު ދަށުން ހިހޫ ނުކުރެވި، މައުމޫނަށް ޔާމީނާ ގާތް ނުވެވޭ ދަރަޖަ އަށް ކަންތައް ހިނގައްޖެ ހާލަތެއްގައި ނޫނީ، ޔާމީން ވެރިކަމަށް ކުރިމަތިލައްވާ ހާލަތެއްގައި އެހެން މީހަކަށް މައުމޫން ތާއީދުކުރެއްވުމަކީ ނާދިރު ކަމެއް ކަމަށް އަމީން ގަބޫލު ކުރައްވަ އެވެ.
"އެ ހިސާބަށް ގޮސްގެން މައުމޫންގެ ތާއީދު އަނބުރާ ގެންނަވައިފާނެ. އެކަމަކީ އެއީ ވަރަށް ނާދިރު ކަމެއް. އެކަމަކު އެއީ ނުވާނެ ކަމެއް ވެސް ނޫން. ސިޔާސީ މައިދާނުގައި ނުވާނެ ކަމެއް ނުހުންނާނެ. އެކަމަކު މައުމޫންގެ ސަޕޯޓާ ނުލައި ޔާމީން އިންތިހާބެއް ކާމިޔާބު ކުރައްވަން ނުވިސްނަވާ، ނުވާނެ އެކަމެއް،" އަމީން ވިދާޅުވި އެވެ.
ރައީސް ޔާމީންގެ ދެ ވަނަ ދައުރަކަށް ތާއީދު ނުކުރައްވާނެ ކަމަކަށް، މައުމޫން މިހާތަނަށް ވެސް ވިދާޅެއް ނުވެ އެވެ. ޚިޔާލު ތަފާތުވާ ހަމައެކަނި ހިސާބަކީ، ޕްރައިމަރީއަކާ ނުލައި އިންތިހާބީ ޓިކެޓް ދިނުމަށް ރައީސް ޔާމީން އެދިވަޑައިގަތުމެވެ.
ޕާޓީގެ އުސޫލު އޮންނަ ގޮތުން ވެރިކަމުގައި ހުންނަވާ ބޭފުޅަކު ދެ ވަނަ ދައުރަކަށް ކުރިމަތިލައްވާ ހާލަތުގައި، އެ މަގާމަށް ޕާޓީގެ ތެރެއިން ވާދަ ކުރާނެ އިތުރު މީހަކު ނެތިއްޔާ އެ މީހަކަށް ޓިކެޓް ލިބޭނެ އެވެ. ނަމަވެސް އިތުރު މީހަކު ރިއާސީ ޓިކެޓަށް ވާދަ ކުރަން ބޭނުންވާ ނަމަ، އެ ކަމާ މެދު ގޮތެއް ނިންމެން އޮތީ ޕާޓީގެ ކޮންގްރެސް އިންނެވެ.
"ކޮންގްރެސް ބާއްވާ އިރު، ރަށްރަށުން މަންދޫބުންގެ ގޮތުގައި މުޅިންހެން އަންނާނީ ރައީސް ޔާމީން ފަޅީގެ ބޭފުޅުން. އެއީ ރަށްރަށުގައި މިހާރު ސަރުކާރުގެ މަގާމުތަކާއި ޕާޓީގެ އިސް މަގާމުތަކުގައި ގިނަ އިން ތިބޭނީ ޔާމީން ފެކްޝަންގެ މީހުން. ފަސްޓް ލޭޑީ އެ ގެންދަވަނީ ވަރަށް މޮޅަށް އެބައި ބަލަހައްޓަވަމުން. މެޑަމް ފާތުންގެ ގުޅުން ވަރަށް ބޮޑުވާނެ ރަށްރަށުގެ އިސް މީހުންނާ،" ރައީސް މައުމޫނާ އެކު ޑީއާރްޕީގައި އިސްކޮށް އުޅުއްވި ބޭފުޅަކު ވިދާޅުވި އެވެ.
"އެ ގޮތަށް ބަލާއިރު، ކޮންގްރެސްގެ ވެސް މެޖޯރިޓީ އޮންނާނެ ކަމަށް ބެލެވެނީ، ޔާމީންގެ ފެކްޝަނަށް. އެހެންވީމާ، ކޮންގްރެސްއާ ހަމައަށް ހިނގައްޖެއްޔާ، ޕްރައިމަރީއަކާ ނުލައި ޔާމީނަށް ޓިކެޓް ލިބިދާނެ."
މައުމޫން ގެންގުޅުއްވާ ހަމަތަކާއި ޑިޕްލޮމެޓިކް އުސޫލުތަކަށް ބަލާއިރު، ޕާޓީގެ ކޮންގްރެސް އިން ރައީސް ޔާމީނަށް ޓިކެޓް ދޭން ފާސްކޮށްފި ނަމަ، އެކަމާ ދެކޮޅު ހައްދަވައި ޔާމީނާ ދެކޮޅަށް ތެދުވެވަޑައިގެންފާނެ ކަމާ މެދު ބައެއް މީހުން ސުވާލު އުފައްދަ އެވެ. ކިތަންމެ ނުފޫޒަކާ ހުރެ ވިޔަސް، ކޮންގްރެސް އިން ވަކި ގޮތަކަށް ނިންމައިފި ނަމަ، އެ ގޮތަކަށް މައުމޫން ތާއީދު ކުރައްވާނެ ކަމަށް ބައެއް މީހުން މިހާރު ވެސް ގަބޫލުކުރެ އެވެ.
އެހެންވެއްޖެ ނަމަ ދެން ފެންނާނީ ދެ ބޭފުޅުންގެ ލޭގެ ގުޅުމަކީ ކާލާ މަންނަ އަށް ވުރެ ވެސް ވަރުގަދަ އެއްޗެއްގެ ގޮތުގަ އެވެ.
ސަރުކާރާ ގުޅުމަށް ޑީއާރުޕީން ޝައުގުވެރިކަންފާޅުކޮށްފި
އަދުރޭގެ ތުހުމަތު: މައުމޫން ވަނީ ހަރާންކޯރުވެފައި!
ރާއްޖޭގެ ސިޔާސީ ޕާޓީތަކުގެ ވިސްނުމާއި ފިކުރު
ދައުލަތުގެ މުސާރަ ނިންމައި ޕީޕީއެމަށް ފައިސާ ދޫކުރަނީ
ޕީޕީއެމް ވަރުގަދަކުރަން ނައިބު ރައީސަކަށް ޣައްސާން
ޕީޕީއެމް ސަލާމަތްވާން އޮތީ އިސްލާހީ އެޖެންޑާއަކުން!
މައުމޫނާ ޕީޕީއެމް ހަވާލުކުރަން ހުށަހެޅި މައްސަލަ ބާތިލް
ފައިސާ ދޫކުރުމުން ޕީޕީއެމްގެ ދަރަނި ދައްކާނެ:އަދުރޭ
ޕީއެންސީ ފޯމުތައް ސައްހަ ނުވެގެން އާ ފޯމު ހުށަހަޅައިފި
ޔާމީނަށް ޕީޕީއެމް ވެސް ދޫކޮށްލެވޭކަށް ނެތް!؟