Roadha Mihaaru
މަތިންދާބޯޓު ހަވާލު ނުކުރެވެނީ ލިޔުން ބަލައިނުގަންނާތީ

މަތިންދާބޯޓު ހަވާލު ނުކުރެވެނީ ރާއްޖޭން ލިޔުން ބަލައިނުގަންނާތީ: އިންޑިއާ

09 އެޕްރީލް 2018

އިންޑިއާގެ ޑޯނިއާ މެރިޓައިމް ސަވަޔަލެންސް މަތިންދާބޯޓު ރާއްޖެ ނުގެނެވިގެން އުޅެނީ އެކަމާ ގުޅޭ ރަސްމީ ލިޔުންތައް ރާއްޖެ އިން ބަލައިނުގަންނާތީ ކަމަށް އިންޑިއާ އިން މިއަދު ބުނެފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

އިންޑިއާގެ ޑޯނިއާ މެރިޓައިމް ސަވަޔަލެންސް މަތިންދާބޯޓު ރާއްޖެ ނުގެނެވިގެން އުޅެނީ އެކަމާ ގުޅޭ ރަސްމީ ލިޔުންތައް ރާއްޖެ އިން ބަލައިނުގަންނާތީ ކަމަށް އިންޑިއާ އިން މިއަދު ބުނެފި އެވެ.

އިންޑިއާ ސަރުކާރުން ވަނީ ދިވެހި އަސްކަރިއްޔާ އަށް ދެ ހެލިކޮޕްޓަރެއް ދީފަ އެވެ. ދިވެހި ސިފައިން ތަމްރީނު ކުރެވެން ދެން، އެ ހެލިކޮޕްޓަރުތައް އޮޕަރޭޓް ކުރަނީ އިންޑިއާގެ ކަނޑުގެ ސިފައިންނެވެ.

އެކަމަކު، އޭގެ ތެރެއިން އެއް ހެލިކޮޕްޓަރު އަނބުރާ ފޮނުވާލާފައި، މަތިންދާބޯޓެއް ދިނުމަށް ދެ ގައުމުން އެއްބަސްވެފައިވާ ކަމަށް ދިވެހި ސަރުކާރުގެ އޮފިޝަލަކު ވަނީ ވިދާޅުވެފަ އެވެ. އަދި އެ ހެލިކޮޕްޓަރު ފޮނުވާލަނީ ދިވެހި ސިފައިންގެ ބައިވެރިވުމެއް ނެތި އޮޕަރޭޝަންތައް ހިންގާތީ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

ޓައިމްސް އޮފް އިންޑިއާ އަށް ދެއްވި އިންޓަވިއުއެއްގައި އިންޑިއާ ސަރުކާރުގެ އޮފިޝަލަކު ވިދާޅުވީ ލެޓާ އޮފް އެކްސްޗޭންޖާ މެދު ރާއްޖެ އިން ގޮތެއް ނުނިންމާތާ ދެ އަހަރުވެފައިވާ ކަމަށެވެ.

"ފުރަތަމަ ކަމަކަށް ލެޓާ އޮފް އެކްސްޗޭންޖާ މެދު ގޮތެއް ނިންމުމުން ހޭންގަރެއް ހަދައި ޑޯނިއާ (މަތިންދާބޯޓު) ރާއްޖެ ގެނެވޭނީ. އެކަމަކު އެކަމާ މެދު ގޮތެއް ނުނިމި ދެ އަހަރު ވަނީ،" އޮފިޝަލް ވިދާޅުވި އެވެ.

އިންޑިއާ އިން ދިވެހި އަސްކަރިއްޔާ އަށް ހެލިކޮޕްޓަރެއް ފުރަތަމަ ދިނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި 2010 ގަ އެވެ. ގަން އެއާޕޯޓުގައި ބާއްވާފައި އޮންނަނީ އެ ހެލިކޮޕްޓަރެވެ. ފަހުން ހަދިޔާ ކުރި ހެލިކޮޕްޓަރު އޭޕްރީލް، 2011 ގައި ރާއްޖެ ގެނެސް، އޮޕަރޭޓް ކުރަނީ ލ. ކައްދޫ އެއާޕޯޓުގައި އިންޑިއާ ސަރުކާރުން ހަދައި ދީފައިވާ ހޭންގަރުގައި ބާއްވައިގެންނެވެ.

އިންޑިއާ އިން ރާއްޖޭގައި ދުއްވާ ދެ ހެލިކޮޕްޓަރުގެ ތެރެއިން ގަމުގައި އޮންނަ ހެލިކޮޕްޓަރު އޮޕަރޭޓް ކުރުމުގެ އެއްބަސްވުން އޮތީ ހަމަވެފަ އެވެ. އަދި ކައްދޫގައި އޮތް ހެލިކަޕްޓަރު އޮޕަރޭޓް ކުރުމުގެ އެއްބަސްވުން މި މަހު ހަމަވާނެ ކަމަށް ޓައިމްސް އޮފް އިންޑިއާގައި ބުނެފައިވެ އެވެ.

އިންޑިއާ އިން ހަދިޔާ ކުރި ދެ ހެލިކޮޕްޓަރު ވެސް އާއްމުކޮށް ބޭނުން ކުރަނީ ހާލު ދެރަ ބަލި މީހުން އުފުލާށެވެ.

ދެ ހެލިކޮޕްޓަރުގެ ތެރެއިން އެކަތި ގެންދަން ދިވެހި ސަރުކާރުން އެދިފައި މިވަނީ، ރާއްޖޭގެ ސިޔާސީ މަސްރަހު ހަލަބޮލިވެ، ރާއްޖެ-އިންޑިއާގެ ޚިޔާލު ތަފާތުވުން ބޮޑުވެފައި ވަނިކޮށެވެ. ރާއްޖޭގެ ސިޔާސީ ކަންކަމަށް ހައްލު ހޯދަން އެދި އިންޑިއާ އިން ހަރުކަށި، ބަޔާންތައް ނެރެފައިވާ މައްސަލައިގައި، ދިވެހި ސަރުކާރުން ހިތްހަމައެއް ނުޖެހެ އެވެ. ސަރުކާރުން ތަކުރާރުކޮށް ދޭ ޖަވާބަކީ، ބޭރުގެ ބާރުތަކާ އެކު ކިތަންމެ އެކުވެރި ގުޅުމެއް އޮތް ނަމަވެސް ރާއްޖޭގެ ކަންކަން އަމިއްލަ އަށް ނިންމަން ފުރުސަތު ދޭން ޖެހޭ ކަމަށެވެ.