Roadha Mihaaru
ސޮލާހުއްދީން ބިލްޑިންގް ތަޅާލައި އާ އިމާރާތެއް އަޅަނީ

ސޮލާހުއްދީން ބިލްޑިންގް ތަޅާލައި 10 ބުރީގެ އިމާރާތެއް އަޅަނީ

21 މާޗް 2018

މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ)ގެ ފެކަލްޓީ އޮފް އިންޖީނިއަރިން ސައިންސް އެންޑް ޓެކްނޮލޮޖީ ހިންގަމުން އަންނަ ސޮލާހުއްދީން ބިލްޑިންގް ތަޅާލައި އެ ތަނުގައި 10 ބުރީގެ އިމާރާތެއް އަޅަން ނިންމާފައިވާ ކަމަށް އެ ޔުނިވާސިޓީން މިއަދު ބުނެފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ)ގެ ފެކަލްޓީ އޮފް އިންޖީނިއަރިން ސައިންސް އެންޑް ޓެކްނޮލޮޖީ ހިންގަމުން އަންނަ ސޮލާހުއްދީން ބިލްޑިންގް ތަޅާލައި އެ ތަނުގައި 10 ބުރީގެ އިމާރާތެއް އަޅަން ނިންމާފައިވާ ކަމަށް އެ ޔުނިވާސިޓީން މިއަދު ބުނެފި އެވެ.

ބިލަބޮންގް ސްކޫލު ކުރިމަތީގައި ހުންނަ އެ އިމާރާތުގެ ސިޑި ކައިރިން ޝީޓުން ބައެއް އިއްޔެ ވެއްޓުނީ އެތަން މަރާމާތުކުރަން ވެގެން ސިމެންތިގަނޑު ކޮށަމުން ދަނިކޮށެވެ. މި ހާދިސާއާ ގުޅިގެން އެތަން ބޭނުންކުރުން ވަގުތީ ގޮތުން ވަނީ ހުއްޓާލައިފަ އެވެ.

މީގެ ކުރިން ފެކަލްޓީ އޮފް އިސްލާމިކް ސްޓަޑީޒް ހިންގި އެ އިމާރާތަށް 30 އަހަރަށް ވުރެ ގިނަ ދުވަސް ވެއްޖެ އެވެ. އެތަނުގެ 12 ކްލާސް ރޫމްގައި 400 އަށް ވުރެ ގިނަ ދަރިވަރުން ކިޔަވަމުން އާދެ އެވެ.

އެމްއެންޔޫގެ ވައިސް ޗާންސެލަރު ޑރ. އަލީ ފަވާޒް ޝަރީފް މިއަދު ވިދާޅުވީ އާ އިމާރާތުގެ ކުރެހުމުގެ މަސައްކަތް ނިންމައި ހުއްދަ ހޯދަން ކަމާ ބެހޭ ފަރާތްތަކަށް ފޮނުވުމުގެ ކަންތައް ކުރަމުން އަންނަ ކަމަށެވެ. އެކަމަކު އެ މަޝްރޫއުއަށް ބޭނުންވާ ފައިސާ ހޯދަން ދަތިތަކެއް ހުރި ކަމަށް ވިދާޅުވި އެވެ.

"ފައިނޭންސް ހޯދުމަކީ އެހާ ފަސޭހަ ކަމެއް ނޫން. އެ ޑިލޭތައް އަޅުގަނޑުމެންގެ އުޅޭތީ އަދި އެ މަސައްކަތް ނުފެށި އުޅެނީ،" ފަވާޒް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ބާ އިމާރާތުގެ މަރާމާތުގެ މަސައްކަތްތަކެއް ކުރިއަށް ގެންދަނީ ރައްކާތެރިކަން ބޮޑުކުރާށެވެ.

ސޮލާހުއްދީން އިމާރާތް: އެތަނަށް 400 އަށް ވުރެ ގިނަ ކުދިން ކިޔަަވަން ދޭ.-- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

ސޮލާހުއްދީން އިމާރާތް: އެތަނަށް 400 އަށް ވުރެ ގިނަ ކުދިން ކިޔަަވަން ދޭ.-- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

"މަރާމާތުގެ މަސައްކަތްތަކެއް މި ފެށީ، މިހާރު ހުރި ބިލްޑިން އެތަނުގައި މީހުން އުޅެވޭ ވަަރަށް ސޭފްކުރަން،" އޭނާ ވިދާޅުވި އެވެ.

ޝީޓުން ބައެއް ވެއްޓުނީ، ފަވާޒު ވިދާޅުވި ގޮތުގައި، "ކޮށަން ފެށި ހިސާބުން ސިމެންތި ގަނޑު ނައްޓައިގެން" ގޮސްގެންނެވެ.

ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެފައި ވަނީ އިންޖީނިއަރިން ފެކަލްޓީގެ އިމާރާތް ރައްކާތެރި ނޫން ކަމަށާއި އެހެންވެ އެތަން ހުސްކުރަން ރަސްމީކޮށް މިއަދު އަންގަވާނެ ކަމަށެވެ.

ފަވާޒު ވިދާޅުވި ގޮތުގައި އެ އިމާރާތް ބޭނުންކުުރުން ވަގުތީ ގޮތުން ހުއްޓާލިއަސް ދަރިވަރުންގެ ކިޔެވުމަށް އަަސަރެއް ނުކުރާނެ އެވެ. އެގޮތުން އެހެން ފެކަލްޓީތަކުގެ ކްލާސްރޫމްތަކުގައި އެ ދަރިވަރުންގެ ކްލާސްތައް ނަގަމުން އަންނަ ކަމަށް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ 10 ބުރީގެ އިމާރާތް އެޅިއްޖެ ނަމަ ޔުނިވަސިޓީގެ ޖާގައިގެ ދަތިކަމަށް ހައްލެއް އަންނާނެ ކަމަށެވެ.

އެމްއެންޔޫގެ ބައެއް ފެކަލްޓީތައް ހިންގާ އިމާރާތްތައް ބާވުމުގެ މައްސަލަ މީގެ ކުރިން ވެސް ވަނީ ދިމާވެފަ އެވެ. އެގޮތުން ބާ ޖަމާލުއްދީންގެ އިމާރާތް ވަނީ 2015 ގައި ހައުސިން މިނިސްޓްރީގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ.