Roadha Mihaaru
"ހައްޔަރުކުރާ މެމްބަރުން މަޖިލީހަށް ގެންދާކަށް ނުޖެހޭ"

ހައްޔަރުކުރާ މެމްބަރުން މަޖިލީހަށް ހާޒިރު ކޮށްދޭކަށް ނުޖެހޭނެ: އޭޖީ

20 މާޗް 2018

ޖިނާއީ ކުށުގެ ތުހުމަތުގައި ހައްޔަރުކުރާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން މަޖިލީހުގެ ޖަލްސާތަކާއި ކޮމެޓީތަކަށް ހާޒިރުކޮށްދޭން ނުޖެހޭނެ ކަމަށް ދައުލަތުން ސުޕްރީމް ކޯޓުގައި މިއަދު ބުނެފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ޖިނާއީ ކުށުގެ ތުހުމަތުގައި ހައްޔަރުކުރާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން މަޖިލީހުގެ ޖަލްސާތަކާއި ކޮމެޓީތަކަށް ހާޒިރުކޮށްދޭން ނުޖެހޭނެ ކަމަށް ދައުލަތުން ސުޕްރީމް ކޯޓުގައި މިއަދު ބުނެފި އެވެ.

އެޓާނީ ޖެނެރަލްގެ ފަރާތުން ސުޕްރީމް ކޯޓުގައި މިއަދު އެގޮތަށް ބުނީ ފަނޑިޔާރުންގެ ގާނޫނަށް ގެނައި އިސްލާހު ބާތިލްކުރަން މަޖިލީހުގެ އިދިކޮޅު ތިން މެމްބަރެއްގެ ފަރާތުން ހުށަހެޅި މައްސަލައިގެ ޝަރީއަތުގަ އެވެ. އެ އިސްލާހު ބާތިލްކުރަން އެ ތިން މެމްބަރުންގެ ފަރާތުން ފާހަގަކުރާ އެއް ސަބަބަކީ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ހައްޔަރުކުރި މަޖިލީހުގެ ފަސް މެމްބަރަކު މަޖިލީހަށް ހާޒިރުނުކޮށް އެ އިސްލާހަށް ވޯޓަށް އެހުމެވެ.

އެ ނުކުތާއަށް ޖަވާބު ދެވުމުން ދައުލަތުން ބުނިގޮތުގައި ބަންދުގައި ތިބޭ މެމްބަރުން މަޖިލީހަށް ހާޒިރުކޮށްދޭން ޖެހޭނެ ކަމަށް މަޖިލީހުގެ ގަވާއިދުގެ 205 ވަނަ މާއްދާގައި ބުނެފައި އޮތަސް، އެ މާއްދާގެ ބާރު މިހާރު ވަނީ ކެނޑިފަ އެވެ. ސަބަބެއްގެ ގޮތުން ދައުލަތުން ބުނީ ބަންދުގައި ތިބޭ މެމްބަރުން މަޖިލީހަށް ހާޒިރުކޮށްދޭންޖެހޭ ގޮތަށް އޮތް، މެމްބަރުންގެ އިމްތިޔާޒްތަކާއި ބާރުތަކުގެ ގާނޫނުގެ 16 ވަނަ މާއްދާ 2013 ގައި ސުޕްރީމް ކޯޓުން ބާތިލްކޮށްފައި އޮތުމެވެ.

ގާނޫނުގެ އެ މާއްދާ ބާތިލްކޮށްފައި އޮތުމުން، މަޖިލީހުގެ ގަވާއިދުގެ 205 ވަނަ މާއްދާއަކީ މިހާރު ބާތިލް މާއްދާއެއް ކަމަށް ދައުލަތުން ބުންޏެވެ.

ދައުލަތުގެ އެ ވާހަކައަށް ރައްދު ދެއްވަމުން ތިން މެމްބަރުންގެ ވަކީލް އިބްރާހިމް ރިފްއަތު ވިދާޅުވީ ސުޕްރީމް ކޯޓުން ބާތިލްކުރި އިމްތިޔާޒް ގާނޫނުގެ 16 ވަނަ މާއްދާ އާއި މަޖިލީހުގެ ގަވާއިދުގެ 205 ވަނަ މާއްދާއަކީ އުޑާއި ބިމާހާ ތަފާތު ދެ މާއްދާ ކަމަށެވެ. އިމްތިޔާޒް ގާނޫނުގެ 16 ވަނަ މާއްދާގައި އޮތީ ހުކުމް ތަންފީޒުކުރާ މެމްބަރުންނާއި ކުށުގެ ތުހުމަތުގައި ހައްޔަރުކުރާ މެމްބަރުން ވެސް ހިމެނޭ ގޮތަށް މަޖިލީހަށް ހާޒިރުކޮށްދޭން ޖެހޭ ގޮތަށް ކަމަށާއި އެކަމަކު ގަވާއިދުގައި އޮތީ ތުހުމަތުގައި ހައްޔަރުކުރާ މީހުން ހާޒިރު ކޮށްދޭން ޖެހޭ ގޮތަށް ކަމަށް ރިފްއަތު ވިދާޅުވި އެވެ.

ކުށެއްގެ ތުހުމަތު ކުރެވުމަކީ ކުށެއް ސާބިތުވުން ނޫންކަން ފާހަގަކުރައްވައި، ރިފްއަތު ވިދާޅުވީ ތުހުމަތެއްގައި ހައްޔަރު ކޮށްފައި ހުއްޓަސް މަޖިލީހަށް ހާޒިރުކޮށްދޭން ޖެހޭނެ ކަމަށެވެ.

ދައުލަތުން އެގޮތަށް ބުނުމުން ފަނޑިޔާރުންގެ ބެންޗުން ވަނީ އެކަމާ ގުޅިގެން ދައުލަތާ ސުވާލު ކުރިމަތި ކުރައްވައިފަ އެވެ. އެގޮތުން، ކުށުގެ ވެށިން ހައްޔަރުކުރާ މެމްބަރުންނާއި އެ ނޫން ގޮތަށް ތުހުމަތެއްގައި ހައްޔަރުކުރާ މެމްބަރުން މަޖިލީހަށް ހާޒިރުކޮށް ދިނުމާ ބެހޭ އުސޫލު ތަފާތުކޮށް، ގަވާއިދު އިސްލާހު ނުކޮށް އޮތީ ކީއްވެގެންތޯ ބެންޗުން ސުވާލު ކުރެއްވި އެވެ.

ޖަވާބުގައި ދައުލަތުން ބުނީ މިހާރު އޮތް ހާލަތަށް ބަލާއިރު، މަޖިލީހުގެ ގަވާއިދުގެ އެ މާއްދާ ބާތިލްވެފައިވާ ކަމަށް ދެކެނީ ކަމަށެވެ.

އެ މައްސަލާގެ އަޑުއެހުންތައް ސުޕްރީމް ކޯޓުން މިއަދު ނިންމާލާފައިވާއިރު، ދެން އޮންނާނީ އެ މައްސަލައިގެ ހުކުމް އިއްވުމެވެ.