Roadha Mihaaru
ކައުންސިލަރުން ސާބިތުވެ ތިއްބަވާ: އަދާލަތު

ކައުންސިލަރުން އަނިޔާވެރިކަމާ ދެކޮޅަށް ސާބިތުވެ ތިއްބަވާ: އަދާލަތު ޕާޓީ

20 މާޗް 2018

ކައުންސިލަރުން ސަސްޕެންޑްކޮށް، ބައެއް ކައުންސިލްތައް އުވައިލާނެ ކަމުގެ އިންޒާރު ލޯކަލް ގަވަރްމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން ދެމުން ދާތީ އަދާލަތު ޕާޓީން އެކަން ކުށްވެރިކޮށްފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ކައުންސިލަރުން ސަސްޕެންޑްކޮށް، ބައެއް ކައުންސިލްތައް އުވައިލާނެ ކަމުގެ އިންޒާރު ލޯކަލް ގަވަރްމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން ދެމުން ދާތީ އަދާލަތު ޕާޓީން އެކަން ކުށްވެރިކޮށްފި އެވެ.

އެ ޕާޓީން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ ރައްޔިތުން ވޯޓް ދީގެން އިންތިހާބުކޮށްފައިވާ ކައުންސިލަރުން، އެއްވެސް އަސާސެއް ނެތި ނުހައްގުން ސަސްޕެންޑްކޮށް ސަލާމަތީ ބާރުތަކުގެ ދަށަށް ގެންދަން މަސައްކަތް ކުރާ ކަމަށާއި އެކަން ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށެވެ.

އެ ޕާޓީން ބުނީ ކައުންސިލްތައް ހިންގަން ހުރަސް އެޅުމަކީ ލާމަރުކަޒީ ގާނޫނުގެ ބާރު ވެސް ސަރުކާރުން ކަނޑުވާލައި، ގާނޫނުއަސާސީން ކަށަވަރު ކޮށްދީފައިވާ ރައްޔިތުންގެ ބާރުވެރިކަން ވެސް ރައީސް އަބްދުﷲ ޔާމީން ނިގުޅައިގަތުން ކަމަށެވެ.

"...އަނިޔާވެރިކަމުން މިންޖުވެ، ދިވެހި ދައުލަތުގެ ހިންގުން ރައްޔިތުން އިހުތިޔާރުކޮށް ގާނޫނުއަސާސީގައި އެކަށައަޅާފައިވާ ނިޒާމުގެ ތެރެ އަށް ގެނައުމަށް ދިވެހި ރައްޔިތުން ކުރަމުންދާ މަސައްކަތުގައި ބައިވެރިވެ ސާބިތުކަންމަތީ ދެމިތިބުމަށް ރާއްޖޭގެ ހުރިހާ ކަންކޮޅުތަކުގައި ތިބި ކައުންސިލަރުންނަށް އަދާލަތު ޕާޓީން ގޮވާލަމެވެ." ބަޔާނުގައި ބުންޏެވެ.

އަދާލަތު ޕާޓީ ބުނި ގޮތުގައި ސަރުކާރަށް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ގެއްލުމުން އެ ތަނުގެ ބާރު ކަނޑުވައިލުމުގެ އިތުރަށް ސަރުކާރު ބޭނުންވާ ގޮތަކަށް ހުކުމްތައް ނުނެރުމުން ރާއްޖޭގެ ސްޕްރީމް ކޯޓުގެ ދެ ފަނޑިޔާރަކު ވެސް ހައްޔަރުކޮށް، ޖުޑިޝަރީ ވެސް ފުނޑާލަން މަސައްކަތް ކުރަމުންދާ ކަމަށެވެ.