Roadha Mihaaru
ހެރީގެ ކައިވެންޏަށް ޓެކްސް ފައިސާ ހަރަދުނުކުރަން އެދެނީ

ޕްރިންސް ހެރީގެ ކައިވެންޏަށް ރައްޔިތުންގެ ފައިސާ ހަރަދުކުރާތީ ޕެޓިޝަނެއް

19 މާޗް 2018

އިނގިރޭސިވިލާތުގެ ޕްރިންސް ހެރީ މެއި 19 ގައި ކައިވެނި ބައްލަވައިގަތުމަށް ތައްޔާރުވެ ވަޑައިގަންނަވާއިރު އެ ކައިވެންޏަށް ޓެކްސް ފައިސާ ހަރަދުކުރުން ހުއްޓާލުމަށް ގޮވާލައި ޕެޓިޝަނެއްގައި ސޮއިކުރަން ފަށައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އިނގިރޭސިވިލާތުގެ ޕްރިންސް ހެރީ މެއި 19 ގައި ކައިވެނި ބައްލަވައިގަތުމަށް ތައްޔާރުވެ ވަޑައިގަންނަވާއިރު އެ ކައިވެންޏަށް ޓެކްސް ފައިސާ ހަރަދުކުރުން ހުއްޓާލުމަށް ގޮވާލައި ޕެޓިޝަނެއްގައި ސޮއިކުރަން ފަށައިފި އެވެ.

ހެރީގެ ވާން އުޅޭ އަނބިމީހާ، ބަތަލާ މޭގަން މާކަލްގެ ވެޑިން ޑްރެސްގެ އަގު ބޮޑު ވާހަކަ އާއި ދެ މީހުންގެ ހަނީމޫން ދަތުރުގެ އަގުގެ ވާހަކަތަކާއި ކައިވެންޏާ ގުޅުން ހުރި އެހެން ކަންކަމަށް ކުރާ ހޭދަތަކުގެ ވާހަކަ ބައެއް މީހުންގެ މެދުގައި ބޮޑު ބަހުސަކަށް ވަނީ ވެފަ އެވެ.

"ރިޕަބްލިކް" ކިޔާ ކެމްޕޭނިން ގްރޫޕަކުން ކުރިއަށް ގެންދާ ޕެޓިޝަނަކީ ޕްރިންސް ހެރީގެ ކައިވެންޏަށް ރައްޔިތުންގެ ފައިސާ ހަރަދު ނުކުރަން ގޮވާލައި، ސޮއިކުރަމުން އަންނަ ޕެޓިޝަނެކެވެ. މީގައި މިހާތަނަށް 20،000 އަށް ވުރެ ގިނަ މީހުން ވަނީ ސޮއިކޮށްފަ އެވެ.

ހެރީގެ ކައިވެންޏާ ގުޅޭ ޓްވީޓެއް.

އެ ޕެޓިޝަނުގައި ބުނެފައި ވަނީ ޝާހީ އާއިލާ އިން ޕްރިންސް ހެރީގެ ކައިވެންޏަށް ރައްޔިތުންގެ ޓެކްސް ފައިސާ އިން ހަރަދު ކުރުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި ދެފުށް ފެންނަ ގޮތަކަށް ކައިވެނީގެ ހަރަދުތައް ހާމަކުރަން ޖެހޭނެ ކަމަށް ވެސް ބުނެފައިވެ އެވެ.

ޕެޓިޝަނުގައި ފާހަގަކޮށްފައިވާ ގޮތުގައި ރައްޔިތުންގެ ޓެކްސް ފައިސާ އިން "ބޭކާރު ގޮތުގައި" އެތަކެއް މިލިއަން ޕައުންޑެއް ހަރަދު ކުރުމަކީ ރައްޔިތުންގެ ފައިސާ އަށް ވެވޭނެ ހިޔާނާތެކެވެ. އެހެންވެ ޝާހީ އާއިލާގެ އަމިއްލަ ކަންކަމަށް ހޭދަކުރަން ޖެހޭނީ އެ އާއިލާގެ މީހުންގެ އަމިއްލަ ފައިސާ ކަމަށް ބުނެފައިވެ އެވެ.

"އަހަރެމެން އެންމެ ކަންބޮޑުވާ އެއް ކަމަކީ ކައިވެނީގެ ހަރަދު ސިއްރު ކުރާތީ،" ޕެޓިޝަނުގައި ބުންޏެވެ. "ރައްޔިތުންގެ ފައިސާ އިން އެހާ ބޮޑު ހޭދައެއް މި ކައިވެންޏަށް ކުރާނެ ކަމަށް ގަބޫލު ކުރެވޭތީ އޭގެ ތަފުސީލްތައް އެނގުމަކީ ރައްޔިތުންގެ ހައްގެއް."

ޕެޓިޝަނުގައި އިސްކޮށް ހުރި "ރިޕަބްލިކް" ގެ ޗީފް އެކްޒެކެޓިވް ގްރަހަމް ސުމިތު ދި އިންޑިޕެންޑެންޓް ނޫހަށް ބުނީ ޕެޓިޝަނުގެ މައިގަނޑު މަގުސަދަކީ ރައްޔިތުންގެ ޓެކްސް ފައިސާ "ހިތުހުރި ވަރަކަށް ތަޅައި ބުރުއްސަން ފުރުސަތު ނުދިނުން" ކަމަށެވެ. އަދި ޕެޓިޝަނުގެ ސަބަބުން އެދެވޭ ނަތީޖާއެއް ނުކުންނާނެ ކަމުގެ އުންމީދު ބޮޑު ކަމަށް ބުންޏެވެ.

ރިޕޯޓްތައް ބުނާ ގޮތުން 2011 ގައި އޮތް ޕްރިންސް ހެރީގެ ބޭބެ ޕްރިންސް ވިލިއަމާއި ކޭޓް މިޑްލްޓަންގެ ކައިވެންޏަށް ރައްޔިތުންގެ ޓެކްސް ފައިސާ އިން 20 މިލިއަނެއްހާ ޕައުންޑް ހަރަދުކޮށްފައިވެ އެވެ.