Roadha Mihaaru
މޭގަން މާކަލްގެ ވެޑިން ޑްރެސްގެ އަގަކީ 8 މިލިއަން

މޭގަން މާކަލްގެ ވެޑިން ޑްރެސްގެ އަގަކީ 8.5 މިލިއަން ރުފިޔާ

10 މާޗް 2018

މެއި މަހުގެ 19 ގައި އޮންނަ، ޕްރިންސް ހެރީ އާއި ބަތަލާ މޭގަން މާކަލްގެ ކައިވެންޏަށް އިނގިރޭސި ޝާހީ އާއިލާ ތައްޔާރުވަމުން އަންނަ އިރު، މިހާރު މީޑިއާތަކުގައި އެންމެ ހޫނުކޮށް ދައްކާ އެއް ވާހަކައަކީ ކައިވެނީގެ ހަފުލާގައި މޭގަން މާކަލް ބޭނުން ކުރާ ކައިވެނީގެ ހެދުމުގެ އަގުގެ ވާހަކަ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މެއި މަހުގެ 19 ގައި އޮންނަ، ޕްރިންސް ހެރީ އާއި ބަތަލާ މޭގަން މާކަލްގެ ކައިވެންޏަށް އިނގިރޭސި ޝާހީ އާއިލާ ތައްޔާރުވަމުން އަންނަ އިރު، މިހާރު މީޑިއާތަކުގައި އެންމެ ހޫނުކޮށް ދައްކާ އެއް ވާހަކައަކީ ކައިވެނީގެ ހަފުލާގައި މޭގަން މާކަލް ބޭނުން ކުރާ ކައިވެނީގެ ހެދުމުގެ އަގުގެ ވާހަކަ އެވެ.

ވެޑިން ޑްރެސްގެ ޑިނައިޒަކާ ބެހޭ ގޮތުން ދެކެވޭ ވާހަކަތައް ވެސް ގިނަ އެވެ. ކުރިން އަޑު އަރާފައި އޮތް ގޮތުން 36 އަހަރުގެ ބަތަލާގެ ކައިވެނީގެ ހެދުން ފަރުމާކުރާނީ މޭގަންގެ ގާތް އެކުވެރިއެއް ކަމަށްވާ ކެނެޑާގެ މަޝްހޫރު ބްރައިޑަލް ސްޓައިލިސްޓް ޖެސިކާ މުލްރޯނީ އެވެ.

އެކަމަކު ރިޕޯޓްތައް ބުނާ ގޮތުން ވެޑިން ޑްރެސްގެ ޑިޒައިނަރަކު އަދިވެސް ރަސްމީކޮށް ނުނިންމަ އެވެ. އެ ލިސްޓަށް އަންނަ މަޝްހޫރު ޑިޒައިނުންގެ ތެރޭގައި ޕްރިންސް ވިލިއަމްގެ އަނބިކަނބަލުން ކޭޓް މިޑްލްޓަންގެ ވެޑިން ޑްރެސް ފަރުމާ ކުރި އެލެގްޒެންޑާ މެކްކްއީން ސާރާ ބާޓަން އާއި ރޮލަންޑް މުރޭ އަދި ރާލްފް އެންޑް ރުސޯ ހިމެނެ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން މޭގަންގެ ވެޑިން ޑްރެސްގެ އަގު 400،000 ޕައުންޑަށް އަރަ އެވެ. އެއީ ދިވެހި ރުފިޔާ އިން ނަމަ 8،580،300.00ރ. އެވެ. އެހެންވެ މި ހެދުންވެގެން ދާނީ ޝާހީ އާއިލާގެ ކައިވެންޏެއްގައި މިހާތަނަށް ބޭނުންކުރާ އެންމެ އަގު ބޮޑު ވެޑިން ޑްރެސްއަށެވެ.

ރިޕޯޓްތައް ބުނާ ގޮތުން ޕްރިންސް ހެރީގެ ބޭބެ ޕްރިންސް ވިލިއަމާއި ކޭޓްގެ 2011 ގެ ކައިވެނީ ހަފުލާގައި ކޭޓް ބޭނުން ކުރި އެލެގްޒެންޑާގެ ވެޑިން ޑްރެސްގެ އަގަކީ 250،000 ޕައުންޑް (5،360،870.9ރ.) އެވެ. އެ ހެދުމާއި މޭގަންގެ ވެޑިން ޑްރެސްގެ އަގު އަޅާކިޔާ ނަމަ 150،00 ޕައުންޑް (3217403.79ރ.) އަގު ބޮޑެވެ.

ކޭޓް 2011 ގެ ކައިވެނީގެ ހަފުލާގައި ބޭނުން ކުރި ވެޑިން ޑްރެސްއާ އެކު.

ކޭޓް 2011 ގެ ކައިވެނީގެ ހަފުލާގައި ބޭނުން ކުރި ވެޑިން ޑްރެސްއާ އެކު.

ވެޑިން ޑްރެސްގެ އަގާ އެކު ދެކެވޭ އަނެއް ވާހަކައަކީ ހެރީ އާއި މޭގަންގެ ހަނީމޫންގެ ހަރަދުގެ ވާހަކަ އެވެ. ދެ މީހުންގެ ހަނީމޫނަށް އެކަނި ވެސް 120،000 ޕައުންޑް ހަރަދު ކުރާނެ ކަމަށްވެ އެވެ.

މެއި މަހުގެ 19 ވަނަ ދުވަހު ކައިވެނީގެ ހަފުލާ ކުރިއަށް ދާނީ ވިންސާ ކާސްލްގެ ސެއިންޓް ޖޯޖް ޗަޕެލްގައި އެ ދުވަހު އިނގިރޭސިވިލާތުގެ ގަޑިން މެންދުރު 12:00 ގަ އެވެ. އެއީ ރާއްޖޭ ގަޑިން ހަވީރު 5:00 އެވެ.

މި ކައިވެނީގެ ހަފުލާށް އިންތިޒާރު ކުރާ ގިނަ ބަޔަކު މިހާރު އެންމެެ ބަލައިލަން ކެތްމަދުވެފައި ތިބީ، މޭގަންގެ ވެޑިން ޑްރެސް އެވެ. އޭނާއަކީ އަބަދު ވެސް ވަރަށް ސްޓައިލިޝް ތަރިއަކަށްވާތީ، ކައިވެނީގެ ހެދުން އާދައިގެ އެއްޗަކަށް ނުވާނެކަން އެއީ ޔަގީން ކަމެކެވެ.