Roadha Mihaaru
ފާރިސަށް ދޫނިދޫގައި އަނިޔާކުރާ މައްސަލަ އެޗްއާރުސީއެމަށް

ފާރިސް އަށް އަނިޔާ ކޮށްގެން ތަހުގީގު ހިންގާ މައްސަލަ އެޗްއާރުސީއެމުން ބަލަނީ

18 މާޗް 2018

ދޫނިދޫގައި ބަންދު ކޮށްފައިވާ، ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހްމަދު ފާރިސް މައުމޫނަށް އަނިޔާ ކޮށްގެން ތަހުގީގު ހިންގާ މައްސަލަ ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އިން ބަލަން ފަށައިފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ދޫނިދޫގައި ބަންދު ކޮށްފައިވާ، ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހްމަދު ފާރިސް މައުމޫނަށް އަނިޔާ ކޮށްގެން ތަހުގީގު ހިންގާ މައްސަލަ ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އިން ބަލަން ފަށައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކަށް ރިޝްވަތު ދިން ކަމުގެ ތުހުމަތުގައި ތިން ވަނަ ފަހަރަށް ބަންދު ކޮށްފައިވާ ފާރިސްގެ ވަކީލުން ވިދާޅުވީ، ތަހުގީގުގެ ނަމުގައި އޭނާއާ މެދު އަމަލު ކުރަމުން ދަނީ ވަރަށް އަނިޔާވެރިކޮށް ކަމަށެވެ. ރިޝްވަތުގެ ދައުވާގައި، ފާރިސްއާ ދެކޮޅަށް އެއްވެސް ހެއްކެއް ނުފެނުމުން، ބާރުގެ ބޭނުންކޮށް ސަރުކާރު ވައްޓާލަން އުޅުމުގެ ތުހުމަތުކޮށް ތަހުގީގު ހިންގަން ފެށީ ވެސް ގާނޫނާ ޚިލާފަށް ކަމަށް ވަކީލުން ވިދާޅުވި އެވެ.

"ވަކީލާ އެކު ނޫނީ، ތަހުގީގު ކުރިއަށް ގެންދަން ފާރިސް ދެކޮޅު ހެދުމުން، އޭރު ހުންނެވި ގޮތަށް [ޓީޝާޓަކާއި ފައިވާނަކަށް ނާރުއްވައި ހުންނަވަނިކޮށް] ބިޑިއަޅުވައި ގަދަކަމުން ގޮޅިން ނެރުމުގެ ތެރޭގައި ބިންމައްޗަށް ވެއްޓި ކޮނޑުހުޅަށް އަނިޔާވީ. އޭގެ ފަހުން، މިހާރު އެ ވަނީ ކުރިން ހުންނެވި ގޮޅިން، އެއަށް ވުރެ ހާލަތު ދަށް ތަނަކަށް ބަދަލުކޮށްފައި،" ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދަރިކަލުން ފާރިސްގެ ވަކީލް، އިބްރާހިމް ޝަމީލް ވިދާޅުވި އެވެ.

ފަންކާއެއް އަދި ބޮތްކެއް ނެތް ގޮޅިއަކަށް ފާރިސް ބަދަލުކުރިއިރު، އޭނާ ކުރިން ހުންނެވި ގޮޅީގެ ހާލަތާ މެދު ވެސް އެޗްއާރުސީއެމުން ކަންބޮޑުވުން ފާޅުކޮށްފައިވާ ކަން ޝަމީލް ފާހަގަކުރެއްވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ފާރިސް އަށް އަނިޔާދެމުންދާ މައްސަލަ ބަލައިދޭން މިދިޔަ ހުކުރު ދުވަހު އެދިފައިވީ ނަމަވެސް މިހާތަނަށް އެ ކޮމިޝަނުން ފާރިސްއާ ބައްދަލުކުރި ކަމެއް ޔަގީނެއް ނުވެ އެވެ. މިއީ، ކަންބޮޑުވާ މައްސަލައެއް ކަމަށް ޝަމީލް ވިދާޅުވި އެވެ.

"ހުކުރު ދުވަހު ފާރިސްގެ ކޮނޑުހުޅަށް އަނިޔާވީ، އެކަމަކު ޑޮކްޓަރަށް ދެއްކީ ރޭގެ ވަގުތެއްގައި. އަޅުގަނޑުމެން ގަބޫލުކުރާ ގޮތުގައި، މިފަދަ މައްސަލަތަކަކީ ހުށަހަޅާ ވަގުތުން ފެށިގެން ހިއުމަން ރައިޓްސް އިން އަވަހަށް ބަލަން ޖެހޭ ކަންކަން،" އޭނާ ވިދާޅުވި އެވެ.

ޝަމީލް ވިދާޅުވީ މިދިޔަ އަހަރުގެ ޖުލައި މަހުން ފެށިގެން، ގާނޫނާ ޚިލާފު ބަންދެއްގައި ހުންނެވި ފާރިސްއާ މެދު އަމަލު ކުރަމުންދާ ގޮތާ މެދު އާއިލާ އާއި ވަކީލުންގެ ކަންބޮޑުވުން އިންތިހާ އަށް އެބައޮތް ކަމަށެވެ. މިކަމުގެ ނުތަނަވަސްކަން ބޮޑުވަނީ، މިދިޔަ ހުކުރު ދުވަހުން ފެށިގެން، ފާރިސްއާ މެދު އަމަލުކުރަމުންދާ ގޮތުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މުޅިން ވެސް ގާނޫނާ ޚިލާފު އަމަލުތަކެއް ފާރިސްއާ މެދު ހިންގަމުން މިދަނީ. ފާރިސް ގަބޫލު ކުރައްވާ ގޮތުގައި ބޭނުމަކީ ހިތްވަރު ބަލިކުރުން. އެކަމަކު ގާނޫނާ ޚިލާފު ކަންކަމަށް ދޫދެއްވަން ތައްޔާރަކަށް ނޫން ފާރިސް ހުންނެވީ،" ޝަމީލް ވިދާޅުވި އެވެ.

ފާރިސް އަށް ކުރި ރިޝްވަތުގެ ތުހުމަތުގެ މައްސަލަ ތަހުގީގު ކުރުމުގައި އިސްކޮށް އުޅުއްވި ދެ ފުލުހުން، އަލުން ފެށި ތަހުގީގުގައި އުޅުއްވުމަކީ ވެސް ވަކީލުންގެ ކަންބޮޑުވުން އޮތް މައްސަލައެކެވެ. ރިޝްވަތުގެ މައްސަލަ އަކީ ހެއްކެއް ނެތި، ފްރޭމް ކޮށްގެން އުޅޭ މައްސަލައެއް ކަން ކޯޓުގައި ސާބިތުވެފައިވާއިރު، އާ ތަހުގީގެއް ހިންގަނީ ވެސް ފާރިސް ފްރޭމް ކުރުމަށް ކަމަށް ބެލެވޭނެ ޖާގަ އެބައޮތް ކަމަށް ވެސް ވަކީލުން ވިދާޅުވި އެވެ.

ބޮޑުބޭބޭފުޅު ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ވައްޓާލަން އުޅުމުގެ ތުހުމަތުގައި ފާރިސްގެ އިތުރުން ބައްޕާފުޅު މައުމޫން ވެސް ވަނީ ހައްޔަރު ކޮށްފަ އެވެ.