Roadha Mihaaru
މިހާރު ދުވަސް ކުރުހެން ހީވަނީ ކީއްވެ؟

މިހާރު ދުވަސް ކުރުހެން ހީވަނީ ކީއްވެ؟

19 ޖުލައި 2016

އުމުރުން ދުވަސްވީ މީހުންނަށް މިކަން ބޮޑަށް ފާހަގަވާނެ އެވެ. އެ މީހުންގެ ފުރާވަރުގެ ދުވަސްތަކުގެ ހަނދާން އާކުރަމުން ބުނާނީ މިހާރު ދުވަސް ނިމިގެންދާ ގޮތް ނުވެސް އެނގޭ ކަމަށެވެ. އޭރު ދުވަސް ވަރަށް ދިގު ކަމަށް އިހްސާސްކުރެވެ އެވެ. އެކަމަކު މިހާރު އޭގެ އިދިކޮޅެވެ.

ނިއުމަތުﷲ އިދުރީސް ނިއުމަތުﷲ އިދުރީސް

އުމުރުން ދުވަސްވީ މީހުންނަށް މިކަން ބޮޑަށް ފާހަގަވާނެ އެވެ. އެ މީހުންގެ ފުރާވަރުގެ ދުވަސްތަކުގެ ހަނދާން އާކުރަމުން ބުނާނީ މިހާރު ދުވަސް ނިމިގެންދާ ގޮތް ނުވެސް އެނގޭ ކަމަށެވެ. އޭރު ދުވަސް ވަރަށް ދިގު ކަމަށް އިހްސާސްކުރެވެ އެވެ. އެކަމަކު މިހާރު އޭގެ އިދިކޮޅެވެ.

ސައިކޮލޮޖިސްޓެއް ކަމަށްވާ ކްލައުޑިއާ ހާމަންޑްއާ ހަވާލާދީ "ސައިންޓިފިކް އެމެރިކަން" ގައި ބުނެފައި ވަނީ އުމުރުން ދުވަސްވާ ވަރަކަށް ވަގުތު އަވަސްވާހެން ހީވުމަކީ ވަގުތާ ގުޅޭ އެންމެ ބޮޑު އެއް އަޖައިބު ކަމަށެވެ. މިކަމާ ގުޅޭ ބައެއް މައުލޫމާތު ދާދި ފަހުން ހޯދިފައިވާ ކަމަށް އޭނާ ވިދާޅުވެފައިވެ އެވެ.

ސައިކޮލޮޖިސްޓުން ކަމަށްވާ މާކް ވިޓްމަން އާއި ސަންޑްރާ ލެނޯފް ވަނީ އުމުރުން 14 އަހަރާއި 94 އަހަރާ ދެމެދުގެ 499 މީހަކު ބައިވެރިކޮށްގެން މިކަމާ ބެހޭ ދިރާސާއެއް ކޮށްފަ އެވެ. ދިރާސާއިން އެނގުނު ގޮތުގައި އުމުރުން 40 އަހަރުން މަތީގެ މީހުން ވަނީ އެ މީހުން ކުޑައިރު ވަގުތު ހިނގީ ވަރަށް ލަހުން ކަމަށާއި އެކަމަކު ފުރާވަރަށް އެޅުމަށް ފަހު ވަރަށް ބާރަށް ވަގުތު ހިނގާ ކަމަށް އިހްސާސްވާ ކަމަށް ބުނެފަ އެވެ.

ކަމެއް ހިނގަމުން ދާއިރު އެކަމަކަށް ހޭދަވީ ވަގުތު ސިކުނޑިން ދެނެގަނެ އެވެ. އަދި ކަމެއްގައި ވަރަށް ބޮޑަށް މަޝްއޫލުވެގެން އުޅޭ ނަމަ ނުވަތަ ޝައުގުވެރިވާ ކަމެއް ކުރާ ނަމަ ވަގުތު ކުރުހެން ހީވެ އެވެ. މިސާލަކަށް ބުނާ ނަމަ، ވާހަކަ ފޮތެއް ކިޔަން އޮންނައިރު ވަގުތު ވަރަށް އަވަހަށް ނިމިގެން ދިޔަ ކަމަށް ހީވެދާނެ އެވެ. އެކަމަކު ފަހުން އެކަމާ ވިސްނާލައިފި ނަމަ ވަގުތު ހިނގީ ހަމަ އާދައިގެ ގޮތުގައި ކަމަށް ވިސްނޭނެ އެވެ.

އެއީ ކީއްވެގެން ހެއްޔެވެ؟ އާ ތަޖުރިބާތައް ދަސްކުރުމަށް ސިކުނޑި ޝައުގުވެރިވެ އެވެ. އެކަމަށް ސިކުނޑިން ވަރަށް ބޮޑަށް ސަމާލުކަންދެ އެވެ. އެކަމަކު އާންމުކޮށް ދިމާވާ ކަންކަމަށް ސިކުނޑިން މިހާ ބޮޑު އިޖާބައެއް ނުދޭނެ އެވެ. ސިކުނޑިން ވަގުތު ގުނުމާ ގުޅެނީ އާ ތަޖުރިބާތައް ސިކުނޑިއަށް ނަގައިގަތުމާ އެވެ. މުޅިން އަލަށް ދިމާވާ ކަންތައްތަކުގެ މައްޗަށް ބިނާކޮށް ސިކުނޑިން ވަގުތު ގުނަނީ އެވެ. ވަގުތު ގުނުމުގައި ސިކުނޑިން ބަލަނީ އަލަށް ކަމެއް ރެކޯޑް ކުރެވުނު ހިސާބުން ފެށިގެންނެވެ.

ތަނެއްގައި އަލަށް ޗުއްޓީ ހޭދަކުރި ދަތުރެއްގެ މަތިން ހަނދާންކޮށްލުމުން މިއީ ތެދެއްކަން އެނގޭނެ އެވެ. އުފާ މަޖާ ޗުއްޓީއެއް ނަމަ ނިމިގެންދާ ގޮތް ނުވެސް އެނގޭނެ އެވެ. އެއީ އާ ހަނދާންތައް އަބަދުވެސް ސިކުނޑިއަށް ރެކޯޑް ކުރެވެމުން ދާތީ އެންމެ ފަހުގެ ހަނދާންތަކާ ހިސާބުން ސިކުނޑިން ވަގުތު ގުނާތީ އެވެ.

ކުރީ ޒަމާނުގައި ކުރާނެ މާގިނަ ކަމެއް ނެތި، އަބަދު އެއް ކަމެއް ކުރަން ޖެހުމަކީ ވަގުތު ދިގުވާހެން ހީވާ ސަބަބެވެ. އެކަމަކު މިހާރު ކޮންމެ ދުވަހަކު ވެސް މުޅިން އަލަށް ކުރަންޖެހޭ ކަންތައްތައް ނުވަތަ ތަޖުރިބާތައް ވަރަށް ގިނަ އެވެ. ސިކުނޑިން ވަގުތު ގުނަނީ މި އާ ތަޖުރިބާތަކާ ގުޅުވައިގެން ކަމަށް ވާތީ، އެ ތަޖުރިބާތަކުގެ ދެމެދުގައި ހިނގާ ވަގުތު ކުރުވުމުން ވަގުތު އަވަސްހެން ހީވަނީ އެވެ.