Roadha Mihaaru
މެމްބަރުންގެ ގޮނޑީގެ މައްސަލައިގެ އަޑުއެހުމެއް މާދަމާ

މެމްބަރުންގެ ގޮނޑީގެ މައްސަލައިގެ އަޑުއެހުމެއް މާދަމާ ބާއްވަނީ

11 މާޗް 2018

ރައްޔިތުންގެ މަޖިލީހުގެ އިދިކޮޅު 12 މެމްބަރެއްގެ ގޮނޑި ނުގެއްލޭ ކަމަށް މިދިޔަ މަހުގެ ފުރަތަމަ ދުވަހު ސުޕްރީމް ކޯޓުން ނިންމި ނިންމުން ބާތިލްކުރަން އެޓާނީ ޖެނެރަލްގެ ފަރާތުން ހުށަހެޅި މައްސަލައިގެ އަޑުއެހުމެއް މާދަމާ ބާއްވަން އެ ކޯޓުން ހަމަޖައްސައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ރައްޔިތުންގެ މަޖިލީހުގެ އިދިކޮޅު 12 މެމްބަރެއްގެ ގޮނޑި ނުގެއްލޭ ކަމަށް މިދިޔަ މަހުގެ ފުރަތަމަ ދުވަހު ސުޕްރީމް ކޯޓުން ނިންމި ނިންމުން ބާތިލްކުރަން އެޓާނީ ޖެނެރަލްގެ ފަރާތުން ހުށަހެޅި މައްސަލައިގެ އަޑުއެހުމެއް މާދަމާ ބާއްވަން އެ ކޯޓުން ހަމަޖައްސައިފި އެވެ.

މިދިޔަ މަހުގެ ފުރަތަމަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރުގައި ވަނީ މަޖިލީހަށް އިންތިޚާބުވާ ޕާޓީން ވަކިވެއްޖެ ނަމަ ނުވަތަ ވަކިކޮށްފި ނަމަ މެމްބަރު ކަމުގެ ގޮނޑި ގެއްލޭ ގޮތަށް މިދިޔަ ޖުލައި މަހު އެ ކޯޓުން ކުރި ހުކުމް ބާތިލްކުރާ ކަމަށެވެ. އަދި އެ ހުކުމުގެ ދަށުން 12 މެމްބަރެއްގެ ގޮނޑި ގެއްލިފައިވާ އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅިޔަސް، އެ ހުކުމުގެ ދަށުން އެއްވެސް މެމްބަރެއްގެ ގޮނޑި ނުގެއްލޭ ކަމަށް ވެސް އަމުރުގައި ކަނޑައެޅި އެވެ.

އެ އަމުރުގެ އެ ބައި ބާތިލް ކުރަން އެޓާނީ ޖެނެރަލްގެ ފަރާތުން ހުށަހެޅި މައްސަލައިގެ އަޑުއެހުން ބާއްވަން ހަމަޖައްސާފައި ވަނީ މާދަމާ ހެނދުނެވެ. އެ މައްސަލައިގެ އަޑުއެހުމެއް މިދިޔަ މަހު ބާއްވަން ވެސް ހަމަޖެއްސި އެވެ. އެކަމަކު އެޓާނީ ޖެނެރަލްގެ އޮފީހުން އެދިގެން އެ އަޑުއެހުން ކެންސަލްކުރި އެވެ.

އެ އަމުރުގެ އެ ބައި ބާތިލްކުރަން ދައުލަތުން މައްސަލަ ހުށަހަޅާފައިވާތީ، އެ މައްސަލަ ނިމެންދެން އެ އަމުރުގެ އެ ބަޔަށް އަމަލު ކުރުން ފަސްކުރަން ސުޕްރީމް ކޯޓުން ކުރިން އޮތީ ވަގުތީ އަމުރެއް ނެރެފަ އެވެ.

އެ މައްސަލައިގެ އަޑުއެހުމެއް މާދަމާ ބާއްވާއިރު، އިންތިޚާބުވާ ޕާޓީން ވަކިވާ އަދި ވަކިކުރާ މެމްބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ސަރުކާރު ކޯލިޝަނަށް ނިސްބަތްވާ މެމްބަރުން މަޖިލީހަށް މިހާރު ވަނީ އެންޓި ޑިފެކްޝަންގެ ބިލެއް ހުށަހަޅައިފަ އެވެ.