Roadha Mihaaru
ޕާޓީ ބަދަލުވުމުން ގޮނޑި ގެއްލޭ ގޮތަށް ހުށަހަޅައިފި

ޕާޓީ ބަދަލުވުމުން މެމްބަރުކަމުގެ ގޮނޑި ގެެއްލޭނެ ކަމަށް ކަނޑައަޅަން ސުޕްރީމް ކޯޓުގައި އެދެފި

10 ޖުލައި 2017

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ޕާޓީން ވަކިވެއްޖެ ނަމަ ނުވަތަ އެހެން ޕާޓީއަކާ ގުޅިއްޖެ ނަމަ މެމްބަރުކަމުގެ ގޮނޑި ގެއްލޭނެ ކަމަށް ކަނޑައަޅައިދޭން ދައުލަތުން ސުޕްރީމް ކޯޓުގައި މިއަދު އެދެފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ޕާޓީން ވަކިވެއްޖެ ނަމަ ނުވަތަ އެހެން ޕާޓީއަކާ ގުޅިއްޖެ ނަމަ މެމްބަރުކަމުގެ ގޮނޑި ގެއްލޭނެ ކަމަށް ކަނޑައަޅައިދޭން ދައުލަތުން ސުޕްރީމް ކޯޓުގައި މިއަދު އެދެފި އެވެ.

އެޓާނީ ޖެނެރަލްގެ ފަރާތުން ހުށަހެޅި ދުސްތޫރީ މައްސަލާގައި ބޭއްވި ފުރަތަމަ އަޑުއެހުމުގައި ބަންޑާރަ ނައިބު މުހައްމަދު އަނިލް އެދިވަޑައިގަތީ ގާނޫނު އަސާސީގެ 26 ވަނަ މާއްދާ އާއި 30 ވަނަ މާއްދާ އާއި 74 ވަނަ މާއްދާ އަދި 75 ވަނަ މާއްދާ މާނަކޮށް، މަޖިލިސް މެމްބަރުން އެ މަގާމަށް ހޮވޭއިރު ތިބޭ ޕާޓީ ފިޔަވައި އެހެން ޕާޓީއަކަށް ބަދަލުވެއްޖެ ނަމަ ނުވަތަ އެ ޕާޓީއަކުން ވަކިވެއްޖެ ނަމަ މެމްބަރު ކަން ގެއްލޭނެ ކަމަށް ކަނޑައަޅައި ދިނުމަށެވެ.

މައްސަލަ ހުށަހަޅުއްވަމުން އަނިލް ވިދާޅުވީ ވަކި ސިޔާސީ ފިކުރަކަށް ނުވަތަ ޕާޓީއަކަށް ތާއީދުކޮށް، އެ ފިކުރު ޕްރޮމޯޓް ކުރާނެެ ކަމުގެ ޔަގީންކަން ދީގެން މަޖިލިސް އިންތިޚާބުގައި ވާދަކޮށް، މެމްބަރުކަން ލިބުމުން ޕާޓީ ބަދަލުކުރުން (ފްލޯ ކްރޮސް ކުރުން) އަކީ އެ މެމްބަރުން އެ މަގާމުތަކަށް ހޮވި ރައްޔިތުންނަށް ވެފައިވާ ސޯޝަލް ކޮންޓްރެކްޓާ މެމްބަރުން ޚިލާފްވުން ކަމަށެވެ.

އެގޮތަށް މެމްބަރުން އަމަލު ކުރުމަކީ ވޯޓު ދިން ރައްޔިތުންގެ ހައްގުތައް ގެއްލި އަދި މެމްބަރުންގެ އަމިއްލަ މަސްލަހަތު އިސްކޮށް، ގައުމުގެ މިނިވަންކަމާއި ސިޔާދަތަށް ބުރޫ އަރާފާނެ ކަމެއް ކަމަށް އަނިލް ވިދާޅުވި އެވެ. ސަބަބެއް ކަމަށް އޭނާ ވިދާޅުވީ މެމްބަރުންނަށް ބޭނުން ކޮންމެ ވަގުތަކު ޕާޓީ ބަދަލުކުރެވޭ ނަމަ އެއީ އެހެން ފަރާތްތަކެއްގެ ނުފޫޒު މެމްބަރުންނަށް ފޯރުމުގެ ފުރުސަތު އޮތް ކަމެއް ކަމަށް ވުމެވެ. މިއީ އަވަސް ފިޔަވަޅުތަކެއް އަޅަން ޖެހޭ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

އަނިލް ވިދާޅުވި ގޮތުގައި ވޯޓު ދިން ރައްޔިތުންގެ ފިކުރާ ޚިލާފަށް، މެމްބަރުންނަށް ޕާޓީ ބަދަލުކުރެވޭ ނަމަ އެއީ ގާނޫނު އަސާސީގެ މަގްސަދާ ޚިލާފް ކަމެކެވެ. ސަބަބަކީ ބާރުތައް ފެށިގެން އަންނާނީ ރައްޔިތުންގެ ކިބައިގައި ކަމަށާއި އެ ބާރުތައް ދެމި އޮންނާނީ ރައްޔިތުންގެ ކިބައިގައި ކަމަށް ގާނޫނު އަސާސީގައި ބުނެފައި އޮތުމެވެ.

އެކަމަކު ގާނޫނުއަސާސީގައި ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންގެ ގޮނޑި ގެއްލޭ ޝަރުތުތަކުގެ ތެރޭގައި ސިޔާސީ ޕާޓީގެ ވާހަކައެއް ނާދެ އެވެ.

ސަރުކާރުން މައްސަލަ މި ހުށަހެޅީ ރައްޔިތުންގެ މަޖިލިހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލާގައި، ޕީޕީއެމްގެ 10 މެމްބަރަކު ސޮއިކުރައްވާފައި ވަނިކޮށެވެ. އަދި އޭގެ ތެރެއިން މިހާތަނަށް ހަތް މެމްބަރަކު ޕީޕީއެމުން ވަނީ ކެނޑިފަ އެވެ.

މެމްބަރުން ޕާޓީ ބަދަލުކުރުމުން އެހެން ބައެއް ގައުމުތަކުގައި ވެސް މެމްބަރުކަމުގެ ގޮނޑި ގެއްލޭ ކަމަށް އަނިލް ވިދާޅުވި އެވެ. އޭގެ މިސާލެއްގެ ގޮތުން އިންޑިއާ އާއި ސިންގަޕޫރާއި ބަންގްލަދޭޝާއި އިނގިރޭސިވިލާތް އަނިލް ފާހަގަކުރެއްވި އެވެ. އޭނާ ވަނީ ސަރުކާރާ ދެކޮޅަށް އިދިކޮޅު ފަރާތްތަކުން ކުރި ބައެއް މަސައްކަތްތައް މިއަދު ނަންގަވައިފަ އެވެ. އެގޮތުން ވޭތުވެދިޔަ ތިން އަހަރުގެ ތެރޭގައި އެކި ފަހަރު މަތިން އިދިކޮޅު ފަރާތްތަކުން މަސައްކަތް ކޮށްފައިވާ ކަމަށާއި އެފަދަ ކަންކަމަށް ފުރުސަތު ދީގެން ނުވާނެ ކަމަށް ވިދާޅުވި އެވެ. އެގޮތުން އިދިކޮޅު ފަރާތްތަކުން މެއި، 2015 ގައި ބޭއްވި ބޮޑު މުޒާހަރާ އާއި ރައީސް އަބްދުﷲ ޔާމީން އަވަހާރަކޮށްލަން ރިޔާސި ލޯންޗްކޮޅުގައި އެއްޗެއް ގޮއްވާލި ހާދިސާ އާއި ސައްހަ ނޫން ކޯޓު އަމުރެއް ނެރެގެން ރައީސް ޔާމީން ހައްޔަރު ކުރަން މަސައްކަތް ކުރި ކުރުން އަނިލް ފާހަގަކުރެއްވި އެވެ.

މިހާރު މަޖިލީހަށް ހުށަހަޅާފައިވާ މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލައާ ގުޅިގެން ވެސް މެމްބަރުންނަށް ރިޝްވަތު ދިނުމުގެ އަމަލުތަކެއް ހިންގާފައިވާ ކަމަށާއި މިއީ ރާއްޖޭގައި ޑިމޮކްރަސީ ހަރުދަނާކުރަން ހުރަސް އެޅި، ގައުމުގެ ސިޔާދަތަށް ގެއްލުންވާ ފަދަ ކަންކަން ކަމަށް ވެސް އަނިލް ވިދާޅުވި އެވެ.

"ކޮން ގައުމެއްގައިތޯ އޮންނަނީ ބޮމެއް ގޮއްވާލައިގެން ރައީސުލްޖުމްހޫރިއްޔާ އަވަހާރަކޮށްލުމަށް ފަހު ވެރިކަމަށް އަންނަން؟" އަނިލް ވިދާޅުވި އެވެ.

ދައުވާ ލިބޭ ފަރާތެއް ނެތް، އެކްސްޕާޓޭ މައްސަލައެއްގެ ގޮތުގައި ކުރިއަށް ގެންދާ އެ މައްސަލަ ބައްލަވަނީ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އާދަމް މުހައްމަދާއި ފަނޑިޔާރު އަހުމަދު އަބްދުﷲ ދީދީ ހިމެނިވަޑައިގަންނަވާ ބެންޗަކުންނެވެ.

މިއަދުގެ އަޑުއެހުން ނިންމާލީ އިތުރު އަޑުއެހުމެއް ބާއްވާނެ ދުވަހެއް އިއުލާން ކުރުމެއް ނެތި އެވެ. ދެން އޮންނާނީ ހުކުމް ކުރުން ކަމެއް ނުވަތަ އަޑުއެހުމެއް ކަމެއް ބެންޗުން އިއުލާނެއް ނުކުރެ އެވެ.

ސުޕްރީމް ކޯޓުން މި މައްސަލަ ބަލަން ފެށިއިރު ފަސް ފަނޑިޔާރުންގެ ތެރެއިން އަލީ ހަމީދު މިވަގުތު އޮންނެވީ ސިއްހީ ކުއްލި ހާލަތަކާ ގުޅިގެން، އައިޖީއެމްއެޗުގައި އެޑްމިޓްކޮށްފަ އެވެ.

މީގެ ކުރިން ދުސްތޫރީ ބޮޑެތި ހުރިހާ މައްސަލައެއް ސުޕްރީމް ކޯޓުން ބަލާފައި ވަނީ ފުލް ބެންޗުންނެވެ.