Roadha Mihaaru
އިންޑަސްޓްރިއަލް ވިލެޖުން ބްރިޖާ ހަމައަށް ތާރު އަޅަނީ

އިންޑަސްޓްރިއަލް ވިލެޖުން ބްރިޖާ ހަމައަށް މަގު ފުޅާކޮށް ތާރު އަޅަނީ

08 މާޗް 2018

އިންޑަސްޓްރިއަލް ވިލެޖުން ފެށިގެން ބްރިޖާ ހަމަށް ބޮޑުތަކުރުފާނު މަގު ފުޅާކޮށް މި މަހުގެ ތެރޭގައި ތާރު އަޅަން ފަށާނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

އަބްދުﷲ ޖަމީލު އަބްދުﷲ ޖަމީލު

އިންޑަސްޓްރިއަލް ވިލެޖުން ފެށިގެން ބްރިޖާ ހަމަށް ބޮޑުތަކުރުފާނު މަގު ފުޅާކޮށް މި މަހުގެ ތެރޭގައި ތާރު އަޅަން ފަށާނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ނޫސްވެރިންނާ ވާހަކަދައްކަވަމުން މިނިސްޓަރު މިއަދު ވިދާޅުވީ ބްރިޖް ނިމެން ވާއިރަށް ބޮޑުތަކުރުފާނު މަގު ހެދުމުގެ މަސައްކަތް ނިމޭނެ ކަމަށެވެ. އަދި ބްރިޖުން ފެށިގެން އާޓިފިޝަލް ބީޗްގެ އުތުރުކޮޅާ ހަމަޔަށް އޮތް ބައި ވެސް ފުޅާކޮށް، ތާރު އަޅައިގެން ހެދުމަށް ނިންމާފައިވާ ކަމަށް ވެސް މުއިއްޒު ވިދާޅުވި އެވެ.

"އިންޑަސްޓްރިއަލް ވިލެޖުން ފެށިގެން ބްރިޖާ ހަމަޔަށް ބޮޑުތަކުރުފާނު މަގުގައި ތާރު އެޅުމުގެ މަސައްކަތް ވެސް މި މަސް ތެރޭގައި ފެށޭނެ. އޭރުން ބޮޑުތަކުރުފާނު މަގުގައި އެ ސަރަހައްދު އެއްކޮށް ތާރު އެޅުނީ،" މިނިސްޓަރު ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވީ ބޮޑުތަކުރުފާނު މަގު ފުޅާ ކުރުމުގެ ގޮތުން ޑިޒައިން ބަދަލުކޮށް ތޮށިގަނޑާ ހަމަޔަށް އެ މަގު ފުޅާކުރެވޭނެ ކަމަށެވެ. އޭގެ އިތުރުން ބްރިޖާ ގުޅުވައިގެން އަމީނީމަގު ހުރަސްކޮށް މޫންލައިޓް ހިނގުން ފެށިގެން ކިންގް ސަލްމާން މިސްކިތާ ހަމަޔަށް މަގު ފުޅާކޮށް، ތާރު އަޅައިގެން ހެދުމަށް ވަނީ ނިންމާފައި ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

"ބްރިޖް ހަދާ ބޭފުޅުން އަމީނީ މަގާ ހަމަޔަށް ނިންމާނެ. އެހެންވީމަ އަމީނީ މަގު ހުރަސްކޮށް މޫންލައިޓް ހިނގުމުން ފެށިގެން ކިންގް ސަލްމާން މިސްކިތާ ހަމަޔަށް މަގު ފުޅާކުރެވޭނެ ކޮންމެ ވެސް ވަރަކަށް އާޓިފިޝަލް ބީޗް ތެރެއަށް،" މުއިއްޒު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ އެ މަސައްކަތް ކުރި އަށް ދާނެ ޝެޑިއުލް ކުރިޔަށް އޮތް ހަފުތާގެ ތެރޭގައި އާއްމު ކުރައްވާނެ ކަމަށެވެ.

މުއިއްޒު ވިދާޅުވީ އޮގަސްޓް މަހުގެ ނިޔަލަށް ބޭރު މަގުގެ ޓްރެފިކަށް ފަސޭހަވާނެ ގޮތަށް ބޮޑެތި ބަދަލުތަކެއް ގެނެވޭނެ ކަމަށެވެ. އެގޮތުން ބްރިޖާ ގުޅުވައިގެން ހަދާ މަގުތަކުގެ އިތުރުން ވިޔަފާރި ބަނދަރުން ފެށިގެން އިންޑަސްޓްރިއަލް ވިލެޖަށް ދަތުރުކުރަން އޮންނަ މަގުތަކަށް ވެސް ބަދަލު ގެންނަން ނިންމާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"އިންޑަސްޓްރިއަލް ވިލެޖަށް ދާން އޮންނަ އެންމެ މުހިންމު މަގު [އިއްޒުއްދީން މަގު]ގައި ތާރު އެޅުމުގެ މަސައްކަތް މިއަދު ވަނީ ފަށާފައި. ވަރަށް ފުޅާކޮށް އެ މަގު ހެދިގެން އެދަނީ. އެ މަގު ހަދައި ނިމޭއިރު ދެކޮޅަށް ދުއްވޭ ގޮތަށް އޮންނާނީ،" މިނިސްޓަރު ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވީ އިންޑަސްޓްރިއަލް ވިލެޖަށް ދަތުރުކުރަން ހަދާ އިއްޒުއްދީން މަގާ ގުޅުވައިގެން އެމްޕީއެލް ސަރަހައްދާ ހަމަޔަށް ހުރި މަގުތަކުން ފަސޭހަ އިން ދަތުރުކުރެވޭނެ ގޮތްތަކެއް ހެދުމަށް ނިންމާފައިވާ ކަމަށެވެ. އެގޮތުން އެ މަގުތަކުގައި ޕާކުކުރާ ވެހިކަލްތަކަށް ހާއްސަ ހަތަރު ޕާކިން ސިސްޓަމެއް މާފަންނު ސަހަރާގެ ބައެއްގައި ހެދުމަށް ނިންމާފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

"އެ ސަރަހައްދުގައި ޕާކިން ސިސްޓަމްތަކެއް ހަރުކޮށްގެން ޕާކިން މެނޭޖްކުރާ ގޮތަށް ހަމަޖައްސާފައި ވަނީ. އެ ޕާކިން ސިސްޓަމް ބެހެެއްޓީމަ މަގުމަތީގައި ޕާކުކުރުން ހުއްޓިގެންދާނެ. އެ މަގުތައް ހުސްވީމަ ދެކޮޅަށް ދުއްވޭނެ ގޮތަށް ހެދޭނެ،" މުއިއްޒު ވިދާޅުވި އެވެ.