Roadha Mihaaru
ހެރީގެ ކައިވެނީގެ ދައުވަތު އާންމު 2،640 މީހަކަަށް

ޕްރިންސް ހެރީގެ ކައިވެނީގެ ދައުވަތު އާންމުންގެ 2،640 މީހަކަށް ވެސް ދީފި

05 މާޗް 2018

ޕްރިންސް ހެރީ އާއި ބަތަލާ މޭގަން މާކަލްގެ ކައިވެނީގެ ހަފުލާވެގެން ދާނީ ހަމައެކަނި ޝާހީ އާއިލާއާ ގުޅުން އޮތް ނުފޫޒު ގަދަ މަޝްހޫރު މީހުން ބައިވެރިވާ ހަފުލާއަކަށް ނޫނެވެ. މެއި މަހުގެ 19 ވަނަ ދުވަހު ބާއްވާ ބޮޑު ހަފުލާގައި އާންމުންގެ ތެރެއިން ވެސް ގިނަ ބަޔަކަށް ދައުވަތު ދީފައިވާކަން ކެންސިންޓަން ޕެލަސް އިން މިހާރު ވަނީ އިއުލާންކޮށްފަ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ޕްރިންސް ހެރީ އާއި ބަތަލާ މޭގަން މާކަލްގެ ކައިވެނީގެ ހަފުލާވެގެން ދާނީ ހަމައެކަނި ޝާހީ އާއިލާއާ ގުޅުން އޮތް ނުފޫޒު ގަދަ މަޝްހޫރު މީހުން ބައިވެރިވާ ހަފުލާއަކަށް ނޫނެވެ. މެއި މަހުގެ 19 ވަނަ ދުވަހު ބާއްވާ ބޮޑު ހަފުލާގައި އާންމުންގެ ތެރެއިން ވެސް ގިނަ ބަޔަކަށް ދައުވަތު ދީފައިވާކަން ކެންސިންޓަން ޕެލަސް އިން މިހާރު ވަނީ އިއުލާންކޮށްފަ އެވެ.

ވިންސާ ކާސްލްގެ ސެއިންޓް ޖޯޖް ޗަޕެލްގައި ބާއްވާ ހަފުލާގައި އާންމުންގެ ތެރެއިން 2،640 މީހަކަށް ދައުވަތު ދީފައިވާކަން މިހާރު ވަނީ އިއުލާންކޮށްފަ އެވެ.

ކެންސިންޓަން ޕެލަސް އިން ކުރި ޓްވީޓްތަކެއްގައި ބުނީ ހެރީގެ ކައިވެނީގެ ހަފުލާ އަށް ލަންޑަންގެ ދެ ސްކޫލެއްގެ 100 ދަރިވަރަކަށާއި ވިންސާ ކާސަލް ކޮމިނިއުޓީން 610 މީހަކަށާއި ޝާހީ އާއިލާ ދިރިއުޅޭ ބަކިންހަމް ޕެލަސްގެ އަވަށްޓެރިންނާއި އެ ސިޓީގެ މެމްބަރުން ހިމެނޭ ގޮތަށް 530 މީހަކަށާއި ހިލޭ ސާބަހަށާއި އެ ނޫން ވެސް ގޮތްގޮތަށް އިޖުތިމާއީ މަސައްކަތްކުރާ ޖަމިއްޔާ ޖަމާއަތްތަކުގެ މެމްބަރުންގެ ތެރެއިން 200 މީހަކަށާއި އިނގިރޭސިވިލާތުގެ އެކި ކަންކޮޅުތަކުން 1،200 ޒުވާނުންނަށް ޝާހީ އާއިލާގެ ކައިވެންޏަށް ދައުވަތު ދީފައިވާ ކަމަށެވެ.

ކެންސިންޓަން ޕެލަސްގެ ޓްވީޓްތައް.

އަދި މިގޮތަށް ނިންމީ ހެރީގެ ހަޔާތުގައި އަންނަ އެންމެ ބޮޑު އަދި އެންމެ އުފާވެރި ދުވަހު ވީހާ ވެސް ގިނަ ބަޔަކަށް ބައިވެރިވެ، އެ އުފަލުގައި ހިއްސާވުމުގެ ފުރުސަތު ދިނުމުގެ ގޮތުން ކަމަށް ކެންސިންޓަން ޕެލަސް އިން ބުންޏެވެ. ޕްރިންސް ހެރީއަކީ އިިނގިރޭސިވިލާތުގެ ޒުވާނުންނާ ވެސް ވަރަށް ގާތް ގުޅުމެއް ބާއްވާ ބޭފުޅެކެވެ.

ޕްރިންސް ހެރީ އާއި މޭގަންގެ ކައިވެނީގެ ހަފުލާ އޮންނާނީ މެއި މަހުގެ 19 ވަނަ ދުވަހު އިނގިރޭސިވިލާތުގެ ގަޑިން އެ ދުވަހު މެންދުރު 12:00 ގަ އެވެ. އެއީ ރާއްޖޭ ގަޑިން ހަވީރު 5:00 ގަ އެވެ. ކައިވެނީގެ ކުލަގަދަ ރަސްމިއްޔާތަށް ފަހު މެހެމާނުންނާ އެކީ ސެއިންޓް ޖޯޖް ހޯލްގައި ކައިވެނީގެ ރިސެޕްޝަން ކުރިއަށް ދާނެ އެވެ. އަދި ޕްރިންސް ހެރީގެ ބައްޕާފުޅު ޕްރިންސް ޗާލްސްގެ ފަރާތުން ދޭ ޕްރައިވެޓް ރިސެޕްޝަނެއް ވެސް އާއިލާގެ މެންބަރުންނަށާއި ގާތް ރަހުމަތްތެރިންނަށް އޮންނާނެ އެވެ.

ކައިވެނީގެ ހަފުލާގައި ބައިވެރިވެވަޑައިގަންނަނާ ނުފޫޒު ގަދަ ބޭފުޅުންގެ ތެރޭގައި އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާ އާއި އަނބިކަނބަލުން މިޝޭލް އޮބާމާ އަދި ކެނެޑާގެ ބޮޑުވަޒީރު ޖަސްޓިން ޓްރޫޑޯ އާއި އަނބިކަނބަލުން ސޯފީ ގްރެގޯ ފަދަ ބޭފުޅުން ހިމެނިވަޑައިގަންނަވަ އެވެ.