Roadha Mihaaru
ޗެލްސީ މެޗު އަހަންނަށް ހާއްސައެއް ނޫން: މޮރީނިއޯ

ޗެލްސީ މެޗު އަހަންނަށް ހާއްސައެއް ނޫން: މޮރީނިއޯ

25 ފެބުރުއަރީ 2018

ލަންޑަން (ފެބްރުއަރީ 25) - އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ޗެލްސީއާ ދެކޮޅަށް ކުޅޭ މެޗަކީ އޭނާ އަށް ހާއްސަވާ މެޗެއް ނޫން ކަމަށް މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗު ހޯސޭ މޮރީނިއޯ ބުނެފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ލަންޑަން (ފެބްރުއަރީ 25) - އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ޗެލްސީއާ ދެކޮޅަށް ކުޅޭ މެޗަކީ އޭނާ އަށް ހާއްސަވާ މެޗެއް ނޫން ކަމަށް މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗު ހޯސޭ މޮރީނިއޯ ބުނެފި އެވެ.

ޗެލްސީ ކޯޗުކަމުން މީގެ ދެ ސީޒަން ކުރިން މޮރީނިއޯ ވަކިކުރި ފަހުން އޭނާ އެ ޓީމާ ދެކޮޅަށް ނުކުތް ގިނަ މެޗުތަކުގައި ގިނަ ކަންތައްތަކެއް ވަނީ ހިނގައިފަ އެވެ. އަދި ފަހަކަށް މޮރީނިއޯ އާއި ޗެލްސީގެ ކޯޗު އެންޓޯނިއޯ ކޮންޓޭގެ ދެމެދުގައި ވަނީ ބަހުގެ ހަމަލާތަކެއް ބަދަލުކުރެވިފަ އެވެ.

މިރޭގެ މެޗުގެ ކުރިން މޮރީނިއޯ ބުނީ ކޮންޓޭއާ އެއްވެސް ރުޅިވެރިކަމެއް ނެތް ކަމަށެވެ.

"އެއްވެސް އިރަކު ރުޅިވެރިކަމެއް ނެތް. އަހަރެން ހައިރާންވޭ ނެތް ކަމެއްގެ ވާހަކަ މީޑިއާގައި ދައްކާތީ. ދެން އަނެއް ކަންތަކަކީ މީޑިއާ އިން ޗެލްސީއާ ދެކޮޅަށް އަހަރެން ނުކުންނަންޏާ ވަރަށް ހާއްސަކުރޭ އެ މެޗެއް. ކުރިން އަހަރެން ޗެލްސީ އަށް ކޯޗުކޮށްދިނަަސް އަހަންނާ އެ ޓީމާ މާ ބޮޑު ގުޅުމެއް ނެތް. ސަބަބަކީ އަހަރެން މިހުރީ ވާދަވެރި ޓީމެއްގެ ކޯޗެއްގެ ގޮތުގައި،" މޮރީނިއޯ ބުންޏެވެ.

ލީގުގައި ރޭ ވެސްޓް ހޭމް އަތުން މޮޅުވެ ލިވަޕޫލް ލީގުގެ ދެ ވަނަ އަށް އެރުމުން ޔުނައިޓެޑް ވަނީ ތިން ވަނަ އަށް ވެއްޓިފަ އެވެ. ޔުނައިޓެޑަށް އަލުން ދެ ވަނަ ލިބޭނީ މިރޭ ޗެލްސީ އަތުން މޮޅުވެއްޖެނަމަ އެވެ.

މޮރީނިއޯ ބުނީ މިރޭގެ މެޗަށް ވުރެން ލިވަޕޫލާ ދެކޮޅަށް ކުޅެން ޖެހޭ މެޗު މާ މުހިއްމު ކަމަށެވެ.

"ދެ ހަފްތާ ތެރޭ ލިވަޕޫލާ ދެކޮޅަށް ކުޅޭ މެޗު މި ކްލަބަށް މާ މުހިއްމު. އެއީ ޒަމާންވީ ވާދަވެރިކަމެއް އޮތް ދެ ކްލަބް މިއީ. އެންމެނަށް ވެސް އިނގޭ މިއީ ވަރަށް ހާއްސަ މެޗެއް (ލިވަޕޫލް މެޗު) ކަން،" އޭނާ ބުންޏެވެ.

އަނިޔާ އަށް ފަހު މިރޭގެ މެޗުގައި ޔުނައިޓެޑުން އެ ޓީމަށް ކުޅޭ އައިވަރީ ކޯސްޓުގެ ޑިފެންޑަރު އެރިކް ބެއިލީ އަށް ފުރުސަތުދޭނެ ކަމަށް ބެލެވެ އެވެ. އެހެން ނަމަވެސް އެ ޓީމުގެ ސްޕެއިން މިޑްފީލްޑަރު އެންޑަ ހެރޭރާ އަށް އަނިޔާގެ ސަބަބުން މެޗުގައި ނުކުޅެވޭނެ އެވެ.

ޗެލްސީގެ ކޯޗު ކޮންޓޭ ބުނީ މިއީ އެ ޓީމަށް އުނދަގޫ ވަގުތެއް ކަމަށާއި އެހެން ނަމަވެސް ކުޅުންތެރިންގެ ހިތްވަރު ފެނުމުން އޭނާ އަށް ކުރެވޭ އުއްމީދު ބޮޑު ކަމަށެވެ.

"އަހަރެމެންނަށް މެޗުތައް އޮތްގޮތުން ވަރަށް އުނދަގޫވާނެކަން ކުރިން ވެސް އެނގޭ. އެކަމަކު މި ޓީމުގައި ތިބި ކުޅުންތެރިންގެ ހިތްވަރު ވަރަށް ވަރުގަދަ. އަހަރެން މިހުރީ އުއްމީދުގައި،" ކޮންޓޭ ބުންޏެވެ.

މިރޭ ޗެލްސީ އާއި ޔުނައިޓެޑް ކުޅޭ މެޗު ފަށާނީ ރާއްޖެ ގަޑިން 19:05 ގަ އެވެ.