Roadha Mihaaru

ޝިފާޒަށް ވެސް ކުރަނީ ސަރުކާރު ވައްޓާލަން އުޅުމުގެ ތުހުމަތު: ވަކީލް

އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒުގެ މައްޗަށް ވެސް ކުރަނީ، މާލެ ތެރޭގައި ހަމަނުޖެހުން ހިންގަން ރާވައި ސަރުކާރު ވައްޓާލަން އުޅުމުގެ ތުހުމަތު ކަމަށް އޭނާގެ ވަކީލު އަބްދުﷲ ޝާއިރު މިއަދު ވިދާޅުވެއްޖެ އެވެ.

ޝިފާޒަށް ވެސް ސަރުކާރު ވައްޓާލަން އުޅުމުގެ ތުހުމަތު
ފަޒީނާ އަހުމަދު
ފަޒީނާ އަހުމަދު

21 ފެބުރުއަރީ 2018

އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒުގެ މައްޗަށް ވެސް ކުރަނީ، މާލެ ތެރޭގައި ހަމަނުޖެހުން ހިންގަން ރާވައި ސަރުކާރު ވައްޓާލަން އުޅުމުގެ ތުހުމަތު ކަމަށް އޭނާގެ ވަކީލު އަބްދުﷲ ޝާއިރު މިއަދު ވިދާޅުވެއްޖެ އެވެ.

މި މަހު 5 ގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް، އުއްތަމަ ފަނޑިރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދާއި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ އިތުރުން ވެސް ސިޔާސީ ބޭފުޅުންތަކެއް، މި ތުހުމަތަށް ވަނީ ހައްޔަރުކޮށްފަ އެވެ.

ޝިފާޒް ހައްޔަރުކުރީ މިދިޔަ ހުކުރު ދުވަހު އެމްޑީޕީގެ ހަރުގެ ތެރޭގައި ހުންނަވަނިކޮށެވެ.

އޭނާގެ ވަކީލް ޝާއިރު ވިދާޅުވީ ޝިފާޒު ހައްޔަރުކުރީ ކޯޓު އަމުރެއްގެ ދަށުން ކަމަށް ފުލުހުން ފުރަތަމަ ބުނި ނަމަވެސް، ފަހުން ފުލުހުން ބުނެފައިވަނީ އޭނާ ހައްޔަރު ކުރީ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ކަމަށެވެ. އެމްޑީޕީގެ ނައިބު ރައީސްގެ ހައިސިއްޔަތުން މަގާމުގެ ޒިންމާ އަދާކުރެއްވުމަށް އެ ޕާޓީގެ ހަރުގޭގައި ހުންނަވަނިކޮށް ހައްޔަރުކުރީ ގާނޫނާ ޚިލާފަށް ކަމަށް ވެސް ވަކީލު ވިދާޅުވި އެވެ.

"އިމަޖެންސީއޭ ބުނެ ހިތުހުރި ގޮތަކަށް އަމަލުކުރުމުގެ އިޚްތިޔާރެއް ގާނޫނުތަކުން ފުލުހުންނަށް ދީފައެއް ނުވޭ. ހައްޔަރުކުރާ އެއް ބަޔަކަށް އާއްމު އުސޫލުން އަމަލުކޮށް، އަނެއް ބަޔަކު އިމަޖެންސީގެ ދަށަށް ބަދަލުކޮށް ހުރިހާ ހައްގުތަކެއް ހިފަހައްޓާފައި މިވަނީ،" އޭނާ ވިދާޅުވި އެވެ.

ޝާއިރު ވިދާޅުވި ގޮތުގައި ޝިފާޒަކީ ކުއްލި ހާލަތުގެ ތެރެއަށް ފެތޭ ބޭފުޅެއް ނޫނެވެ. އޭނާ ހައްޔަރުކޮށްގެން ފުލުހުން ހިންގަމުން ދަނީ ޣައިރު ގާނޫނީ އަމަލުތަކެއް ކަމަށް ވެސް ވަކީލު ވިދާޅުވި އެވެ.

އިދިކޮޅު ޕާޓީތަކުން ބޭއްވި އެއްވުމުގައި ޝިފާޒްގެ އިތުރުން އެ ޕާޓީގެ ގައުމީ މަޖިލީހުގެ މެމްބަރު ހުސައިން އަމްރާއި އިތުރު ބަޔަކު ވެސް ހައްޔަރުކުރި އެވެ. އޭގެ ތެރެއިން ބައެއް މީހުން ވަނީ ދޫކޮށްލައިފަ އެވެ.