Roadha Mihaaru

މާލޭގައި ހުޅު ޖަހަން ދަނީ ބަޔަކު ރާވަމުން، ހަތަރު މީހަކު ވަނީ ހައްޔަރުކޮށްފައި: ފުލުހުން

މާލޭގެ ހަމަނުޖެހުން އިތުރު ކުރުމަށް ތަންތަނުގައި އަލިފާން ރޯ ކުރުމާއި ދައުލަތާއި އާންމު ރައްޔިތުންގެ މުދަލަށް ގެއްލުން ދިނުމަށް ރާވަމުންދާ ކަމަށާއި މާލޭގެ އަމަން ނަގާލުމުގެ ތުހުމަތުގައި ހަތަރު މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން މިރޭ ބުނެފި އެވެ.

މާލޭގައި ހުޅު ޖަހަން ދަނީ ރާވަމުން: ފުލުހުން
މުހައްމަދު ޔާމީން
މުހައްމަދު ޔާމީން

08 މާޗް 2018

މާލޭގެ ހަމަނުޖެހުން އިތުރު ކުރުމަށް ތަންތަނުގައި އަލިފާން ރޯ ކުރުމާއި ދައުލަތާއި އާންމު ރައްޔިތުންގެ މުދަލަށް ގެއްލުން ދިނުމަށް ރާވަމުންދާ ކަމަށާއި މާލޭގެ އަމަން ނަގާލުމުގެ ތުހުމަތުގައި ހަތަރު މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން މިރޭ ބުނެފި އެވެ.

އިސްކަންދަރު ކޮށީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ސުޕްރިޓެންޑެންޓް އޮފް ޕޮލިސް އަހުމަދު ޝިފާން ވިދާޅުވި ގޮތުގައި ރާއްޖޭގައި ގާނޫނީ ގޮތުން އުފެދިފައި އޮތް ސަރުކާރު މަގުމަތިން ބަދަލު ކުރުމަށް ބަޔަކު މީހުން އިސް ނަގައިގެން މާލޭގެ އެކި ސަރަހައްދުތަކަށް އެއްވުމަށް ރާވަމުންދާ ކަމަށެވެ. އެކަން ކުރަން ރާވާފައި އޮތީ މިއަދާއި މާދަމާރޭ ކަމަށް ވެސް ޝިފާން ވިދާޅުވި އެވެ.

މީގެއިތުރުން ފުލުހުންގެ ވާޖިބަށް ހުރަސް އެޅުމަށް ހިތްވަރު ދިނުމާއި މާލޭގެ ހަމަނުޖެހުން އިތުރު ކުރުމަށް އެކިއެކި މީހުންނަށް ފައިސާ ދީގެން މާރާމާރީ ހިންގުމަށް މަސައްކަތް ކުރުމާއި މާލޭގެ އަމަން ނަގާލައި ބިރުވެރިކަން އުފެއްދުމަށް އުޅޭ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ޝިފާން ވިދާޅުވި އެވެ.

ހައްޔަރު ކުރި ކަމަށް ފުލުހުން ހާމަކުރި ހަތަރު މީހުން:

1- ހަސަން އަހުމަދު (ހަސަންޓޭ) (އެމްޑީޕީ ގައުމީ މަޖިލީހުގެ މެމްބަރު)

2- އިލްޔާސް ލަބީބު (ހުޅުމީދޫ ދާއިރާގެ ކުރީގެ މަޖިލިސް މެމްބަރު)

3- އަހުމަދު ޝާހިދު (ސާބެ) (އިލެކްޝަންސް ކޮމިޝަންގެ ކުރީގެ މެމްބަރު)

4- ހުސެއިން އިލްހާމް (އެމްޑީޕީގެ އިސް އެކްޓިވިސްޓެއް)

ޝިފާން ވިދާޅުވީ ގާނޫނުތަކާއި ހިލާފަށް އެއްވުންތައް ނުބޭއްވުމަށާއި މާލޭގެ އަމަން ނަގާލެވޭ ފަދަ ކަންކަން ނުކުރުމަށް އިލްތިމާސްކޮށްފައިވާނެ ކަމަށެވެ. ހަތަރު މީހަކު، މި މައްސަލައިގައި ހައްޔަރު ކުރި ނަމަވެސް، މިކަންކަމުގައި ޝާމިލްވާ އިތުރު މީހުން ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ރާއްޖެއަކީ ސުލްހަވެރި އަމާން ތަނަކަށް ހެދުމަށް ފުލުހުން ކުރަމުންދާ މަސައްކަތް ފަސް ނުޖެހި ކުރަމުން ދާނެ. ފުލުހުން މި ގައުމުގެ ގާނޫނުއަސާސީ ނަގަހައްޓައި ގާނޫނުއަސާސީގެ ތެރެއިން ހުރިހާ ރައްޔިތުންގެ ދިރިއުޅުމާއި އެހެނިހެން ކަންކަން ދެމެހެއްޓުމަށް ފުލުހުންގެ ފަރާތުން ކުރަން ޖެހޭ ހުރިހާ ވާޖިބުތަކެއް ކުރިއަށް ގެންދާނަން،" ސުވާލު ކުރުމެއް ނެތި ބޭއްވި ނޫސްކޮންފަރެންސްގައި ޝިފާން ވިދާޅުވި އެވެ.

ޝިފާން ވިދާޅުވީ މިދިޔަ މަހުގެ 1 ގެ ފަހުން ކުރި މުޒާހަރާތަކުގައި ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެގެންނާއި ފުލުހުންނަށް އެކި ގޮތްގޮތުން ހަމަލާދީގެން 48 މީހަކު ހައްޔަރުކޮށްފައިވާނެ ކަމަށެވެ. އެކަމަކު، އެ އެންމެން ވެސް މިހާރު ދޫކޮށްލާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.