Roadha Mihaaru

މަޖިލިސް "ހިސޯރުކުރީ" މެޖޯރިޓީ ލިބެންދެން: އިދިކޮޅު

ޖަލްސާތައް ނުބާއްވައި ރައްޔިތުންގެ މަޖިލީސް "ހިސޯރުކޮށްގެން" އުޅެނީ ސަރުކާރަށް މެޖޯރިޓީ ލިބެންދެން ކަމަށް އިދިކޮޅު ބައެއް މެމްބަރުން މިއަދު ވިދާޅުވެއްޖެ އެވެ.

މަޖިލީސް "ހިސޯރުކުރީ" މެޖޯރިޓީ ލިބެންދެން: އިދިކޮޅު
ފަޒީނާ އަހުމަދު
ފަޒީނާ އަހުމަދު

18 ފެބުރުއަރީ 2018

ޖަލްސާތައް ނުބާއްވައި ރައްޔިތުންގެ މަޖިލީސް "ހިސޯރުކޮށްގެން" އުޅެނީ ސަރުކާރަށް މެޖޯރިޓީ ލިބެންދެން ކަމަށް އިދިކޮޅު ބައެއް މެމްބަރުން މިއަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައިވާ ގޮތުން، ތިން ދައުރަކަށް ބަހާލައިގެން އަހަރުގެ ތެރޭގައި މަޖިލީހުގެ ޖަލްސާތައް ބާއްވަންޖެހޭ އިރު، ކޮންމެ އަހަރެއްގެ ވެސް ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާ ފެބްރުއަރީ މަހުގެ ފުރަތަމަ ހަފުތާގައި ބާއްވަން ޖެހެ އެވެ. ފުރަތަމަ ދައުރު ހިނގާނީ، ގަވާއިދުގައިވާ ގޮތުން، މި މަހުގެ ފުރަތަމަ ދުވަހުން ފެށިގެން އޭޕްރީލް މަހުގެ ނިޔަލަށެވެ. އެކަމަކު، މި ދައުރުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް އަދި ނުފަށަ އެވެ.

އިދިކޮޅު ބައެއް މެމްބަރުން ވިދާޅުވީ ދައުލަތުގެ ތިން ބާރުގެ ތެރެއިން ދެ ބާރަށް ވެރިކަން ހިންގުމުގެ ބާރުން ވެރިވެގަނެ، މަޖިލީހުގެ ޖަލްސާތައް ވެސް ގަދކަމުން ހުއްޓުވާލާފައިވާ ކަމަށެވެ. ދެ ބާރުގެ މައްޗަށް ވެރިވެގަތުން ކަމަށް އިދިކޮޅު މެމްބަރުން މާނަކުރަނީ، މަޖިލީހުގެ އިތުރުން ޝަރުއީ ދާއިރާ އަށް އަމާޒުކޮށްގެން ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ނުފަށާ މައްސަލާގައި އިދިކޮޅު މެމްބަރުން މަޖިލީހުގައި. --ފޮޓޯ

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ނުފަށާ މައްސަލާގައި އިދިކޮޅު މެމްބަރުން މަޖިލީހުގައި. --ފޮޓޯ

މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު ވިދާޅުވި ގޮތުގައި މަޖިލީސް ހުއްޓުވައި ސަރުކާރާއި މިނިވަން މުއައްސަސާތައް ޒިންމާދާރު ކުރުވުން ވަނީ ހުއްޓުވައިފަ އެވެ. ރިޔާސީ ނިޒާމުގައި ރައްޔިތުންގެ މަޖިލީހަކީ މިނިވަން މުއައްސަސާއަކަށް ވާއިރު، އެ ބާރު ވެސް "މުށު ތެރެ އަށް" ލައިގެން އުޅުމަކީ މަޖިލީހުގެ މެމްބަރުން އިންތިހާ އަށް ކަންބޮޑުވުން ހުރި މައްސަލައެއް ކަމަށް ވިދާޅުވި އެވެ.

"މަޖިލީސް ހުއްޓުވައި ކުއްލި ހާލަތު އިއުލާންކޮށް، ގާނޫނުއަސާސީން ނުހިފެއްޓޭނެ އެތައް ހައްގުތަކެއް ހިފަހައްޓައިގެން މިއުޅެނީ. ރައީސް އަބްދުﷲ ޔާމީނާއި މަޖިލީހުގެ ރައީސް މަސީހް މި އުޅުއްވަނީ، އަސްކަރިއްޔާ ލައްވައި މަޖިލީސް ހައިޖްކޮށްގެން. މިއީ ގާނޫނާ ޚިލާފު އަމަލެއް،" އަމީތު ވިދާޅުވި އެވެ.

މަޖިލީހުގައި މެމްބަރުން ބެހިފައިވާ ގޮތް.

މަޖިލީހުގައި މެމްބަރުން ބެހިފައިވާ ގޮތް.

އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރު އަދި ސ، މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވީ މަޖިލީސް ހުއްޓުވާލައިގެން އުޅެނީ މަޖިލީހުގެ އަޣުލަބިއްޔަތު ރައީސް ޔާމީނަށް ގެއްލި، ކޮންމެ ވަގުތަކު ވެސް އެ މަނިކުފާނުގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅާފާނެތީ ކަމަށެވެ. އެހެން ނޫން ނަމަ، ރައްޔިތުންގެ މަޖިލީހުގެ ދައުރު ފަށަންޖެހޭ މުއްދަތުކަމަށް ގާނޫނުގައި ބުނާ ތާރީހުތައް ފަހަނަޅައި ދިޔައިރު ވެސް ހުއްޓުވާފައި ބާއްވަން ޖެހޭ ސަބަބެއް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.

ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރެއްވުމަށް ފަހު ވެސް 48 ގަޑިއިރުގެ ތެރޭގައި އެ ގަރާރު ރައްޔިތުންގެ މަޖިލީހަށް ފޮނުވަން ޖެހޭ ކަން ރޮޒައިނާ ފާހަގަކުރެއްވި އެވެ.

"ރައީސް ޔާމީނަށް މެޖޯރިޓީ ލިބުނު އިރަކުން ނޫނީ މަޖިލީސް ނުހުޅުވަން ވެގެން މިއުޅެނީ. މާދަމާ ވެސް މަޖިލީސް ހުޅުވައިފި ނަމަ އެ މަނިކުފާނަށް މަގާމުގައި ދެމިހުރެވިދާނެ ކަމުގެ ޔަގީންކަމެއް ނެތް،" ރޮޒައިނާ ވިދާޅުވި އެވެ.

އޭނާ ތުހުމަތު ކުރެއްވި ގޮތުގައި އަސްލެއް ނެތް ތުހުމަތުތަކުގައި ރައްޔިތުންގެ މަޖިލީހުގެ އިދިކޮޅު މެމްބަރުން ހައްޔަރުކުރަމުން ދަނީ ވެސް ސަރުކާރަށް މަޖިލީހުގެ މެޖޯރިޓީ ހޯދާށެވެ.

މެމްބަރުން ވިދާޅުވި ގޮތުގައި ރައްޔިތުންގެ މަޖިލީސް ނުހުޅުވައި ލަސްކުރާ ސަބަބު މަޖިލީހުގެ އިދާރާ އިން ސާފުކުރަން ކުރި މަސައްކަތަށް އެ އިދާރާގެ އިސް ބޭފުޅަކު ޖަވާބެއް ނުދެއްވަ އެވެ.

"މަޖިލީހުގެ އަމީން އާއްމުގެ ނައިބު އުޅުއްވަނީ ފިއްލަވައިގެން. ފޯނުކުރިއަސް، މެސެޖް ކުރިއަސް ޖަވާބެއް ނުދެއްވާ. ބައްދަލުކުރަން ދިޔަސް މެމްބަރުންނާ ބައްދަލެއް ވެސް ނުކުރައްވާ،" އަމީތު ވިދާޅުވި އެވެ.

މަޖިލީހުގެ އަމީން އާއްމުގެ ނައިބު ފާތުމަތު ނިއުޝާ ފޯނު ނުނަންގަވާތީ، މެމްބަރުން ކުރެއްވި ތުހުމަތުތަކަށް އޭނާގެ ޖަވާބެއް ނުލިބުނެވެ.

މަޖިލީސް ހިސޯރުކޮށްގެން އުޅޭ ކަމަށް އިދިކޮޅު މެމްބަރުން ތުހުމަތު ކުރާ އިރު، ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަހްމަދު ނިހާން ވިދާޅުވެފައި ވަނީ، ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ނުފެށި ލަސްވީ ބަޔަކު ގެންނަން އުޅުނު "ބަޣާވާތްފުޅު"ގެ ސަބަބުން ކަމަށާއި ކުއްލި ހާލަތު ނިމުމާއެކު ޖަލްސާތައް ފަށާނެ ކަމަށެވެ.

ނިހާން ވިދާޅުވީ މި ދައުރުގެ ފުރަތަމަ ޖަލްސާ ބާއްވަން ނިންމައި މެމްބަރުންނަށް އެކަން އެންގި ނަމަވެސް ޖަލްސާ ނުބޭއްވުނީ ސަލާމަތީ ސަބަބުތަކަށްޓަކައި ކަމަށެވެ. ޖަލްސާ ބާއްވަން ހަމަޖައްސާފައި ވަނިކޮށް، ސަލާމަތީ ޚިދުމަތްތަކުން ވެސް އެ އަށް ވުރެ ބޮޑު ކަމެއްގައި އުޅެން ޖެހުމުން މުއްދަތެއް ނެތް ގޮތަށް ޖަލްސާ ފަސްކުރީ ކަމަށް އޭނާ ވިދާޅުވެފައިވެ އެވެ.