Roadha Mihaaru
"މައުމޫން ވިދާޅުވީ ހުރިހާ ކަމެއް ރަނގަޅު ކަމަށް"

ޖަލުގައި އަމަލުކުރާ ގޮތް ރަނގަޅު ކަމަށް މައުމޫން ވިދާޅުވި: މުއިއްޒު

15 ފެބުރުއަރީ 2018

ގާނޫނާ ހިލާފަށް ވެރިކަން ބަދަލުކުރަން އުޅުމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމަށް މާފުށީ ޖަލުގައި ހަމަޖައްސައިދީފައިވާ އިންތިޒާމުތައް ވަރަށް ރަނގަޅު ކަމަށް އެމަނިކުފާނު ވިދާޅުވި ކަމަށް، ރައީސް އަބްދުﷲ ޔާމީންގެ މަންދޫބެއްގެ ހައިސިއްޔަތުން ޖަލަށް ވަޑައިގެންނެވި ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ގާނޫނާ ހިލާފަށް ވެރިކަން ބަދަލުކުރަން އުޅުމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމަށް މާފުށީ ޖަލުގައި ހަމަޖައްސައިދީފައިވާ އިންތިޒާމުތައް ވަރަށް ރަނގަޅު ކަމަށް އެމަނިކުފާނު ވިދާޅުވި ކަމަށް، ރައީސް އަބްދުﷲ ޔާމީންގެ މަންދޫބެއްގެ ހައިސިއްޔަތުން ޖަލަށް ވަޑައިގެންނެވި ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ރިޝްވަތު ހިފުމާއި ގާނޫނާ ހިލާފަށް ވެރިކަން ބަދަލުކުރަން އުޅުމުގެ ތުހުމަތަށް ހައްޔަރުކޮށްފައިވާ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދާ ވެސް މުއިއްޒު ވަނީ އިއްޔެ ބައްދަލުކުރައްވައިފަ އެވެ.

ހައްޔަރުކޮށްފައިވާ މި ބޭފުޅުންނާ މެދު ޖަލުގައި ހުރިހާ ކަމެއް ރަނގަޅު ކަމަށް މުއިއްޒު ވިދާޅުވީ ހައްޔަރުކޮށްފައިވާ ބޭފުޅުންގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް، މައުމޫންގެ ފަރާތުން ބައެއް ވާހަކަތައް މީޑިއާގައި ދައްކަވާފައި ވަނިކޮށެވެ. މައުމޫން ވިދާޅުވި ކަމަށް ޝަމީމް ވިދާޅުވީ މުއިއްޒު ޖަލަށް ވަޑައިގެންނެވީ މައުމޫންގެ ހާލުކޮޅު ބައްލަވަން ނޫން ކަމަށާއި އެއީ ރައީސް ޔާމީން ގޮތް ދެއްކެވުމަށް ކުރެއްވި ކަމެއް ކަމަށެވެ. އަދި ޝަމީމް ވިދާޅުވި ގޮތުގައި މުއިއްޒަށް "ކުރުދޮށިން ދިނިން" ކަމަށް މައުމޫން ވިދާޅުވި އެވެ.

ޕީޕީއެމް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ޝަމީމްގެ ވާހަކަތަކަށް ރައްދު ދެއްވައި މުއިއްޒު ވިދާޅުވީ މައުމޫން ހުންނެވީ ވަރަށް ރަނގަޅު ފެންވަރެއްގައި ހަދާފައި ހުރި ތަނެއްގައި ކަމަށާއި ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތަށް ވަކީލުންނާ ބައްދަލުކުރުމުގެ ފުރުސަތު ވެސް ލިބެމުން އަންނަކަމަށް އެމަނިކުފާނު ވިދާޅުވި ކަމަށެވެ.

"ރައީސް މައުމޫންގެ އަރިހަށް ވަޑައިގެން ދެންނެވިން ކިހިނެއްތޯ ހާލު އަހުވާލު، އަޅުގަނޑު ދެންނެވިން މިއައީ ރައީސްގެ ހާއްސަ މަންދޫބެއްގެ ގޮތުގައި މަނިކުފާނުގެ ހާލު އަހުވާލު އޮޅުން ފިލުވައި މިތަނުގެ އިންތިޒާމުތައް ހުރި ގޮތް ސީދާ ރައީސް ބައްލަވަން ބޭނުންވާތީ އެމަނިކުފާނު ފޮނުއްވައިގެންކަން. އަޅުގަނޑު ގާތު މައުމޫން ވިދާޅުވި ސިއްހީ ހާލުކޮޅު ވަރަށް ރަނގަޅޭ. ވަރަށް ސިއްހަތު ރަނގަޅުކޮށޭ މިހުންނެވީ. ބޭސްފަރުވާގެ ކަންކަން ވެސް ބޭނުންވެއްޖެ ނަމަ ޑޮކްޓަރަކަށް ދައްކަން ބޭނުންވެއްޖެ ނަމަ ރިކުއެސްޓް ކުރުމުން ވަގުތުން އެކަން ހަމަޖެހިގެންދާކަން ސީދާ އަޅުގަނޑު ގާތު ވިދާޅުވި. އެކަހަލަ އެއްވެސް ޝަކުވާއެއް ނެތޭ،" މުއިއްޒު ވިދާޅުވި އެެވެ.

އޭނާ ވިދާޅުވި ގޮތުގައި ދޫނިދޫގައި ހުންނެވި ޖަލަށް ވުރެ މައުމޫން މިހާރު ހުންނަވާ ތަން ފުރިހަމަކަމަށާއި އިންތިިޒާމުތައް ވަރަށް ރަނގަޅު ކަމަށް ވިދާޅުވި ކަމަށެވެ. އެހެންވެ އެމަނިކުފާނަށް ނިސްބަތްކޮށް، ވަކީލަކު އެހެން ވިދާޅުވިތޯ މުއިއްޒު ވަނީ ސުވާލު އުފައްދަވައިފަ އެވެ.

"އެމަނިކުފާނަށް ނިސްބަތްކޮށް ކޮންމެސް ލޯޔަރަކު ވިދާޅުވެފައި ހުރި ވާހަކަތަކެއް ގޮތަށް އެ ވިދާޅުވީ. ހަމަ ހަގީގަތުގައި ވެސް ރައީސް މައުމޫން ވިދާޅުވެގެންބާވައޭ. ހަމަ ހަގީގަތުގައި ވެސް އަޅުގަނޑު ކައިރީގައި ދެއްކެވި ވާހަކަ އަޅުގަނޑު މި ދެންނެވީ ލައިވްކޮށް ޓީވީގައި،" މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވީ ލޯޔަރުން ވެސް މީޑިއާތަކުގައި ވާހަކަ ދައްކަވަން ޖެހޭނީ ތެދު ބަހުން ކަމަށާއި ކަންކަމުގައި ދޮގު ހެދުން އިސްކުރާނަމަ އެއީ ވަރަށް ދެރަ އަމަލެއް ކަމަށެވެ.

ދޫނިދޫގައި ބަންދުކޮށްފައި ހުންނަވާ ފަނޑިޔާރު އަލީ ހަމީދާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާ ދޭތެރޭ ވެސް ފުލުހުން އަމަލުކުރަނީ ވަރަށް ރަނގަޅަށް ކަމަށާއި އިންތިޒާމުތައް ވެސް ވަރަށް ރަނގަޅު ކަމަށް އެބޭފުޅުން ވިދާޅުވި ކަމަށް މުއިއްޒު ވިދާޅުވި އެވެ.

ތިން ބޭފުޅުންގެ ހާލަތުގެ އިތުރުން ސިޔާސީ ވާހަކަތައް ވެސް ދެއްކެވި ކަމަށާއި ނަމަވެސް އެ ވާހަަކަތަކަށް އެއްވެސް ރައްދެއް ދެއްވާފައި ނުވާނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ.