Roadha Mihaaru
ސައީދު ހެއްދެވީީ އިތުރުފުޅެއް، އަމާޒަކީ ރަނިންމޭޓުކަން

ސައީދު ހެއްދެވީ އިތުރުފުޅެއް، އަމާޒަކީ ރަނިން މޭޓުކަން: ރިޔާޒް

15 ފެބުރުއަރީ 2018

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްއާ ގުޅޭ ގޮތުން، ފިތުނަ އުފެދޭ ގޮތަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ރޭ ހެއްދެވީ ކަނޑައެޅިގެން އިތުރުފުޅެއް ކަމަށާއި އެފަދަ ވާހަކަތައް ދައްކަވަނީ ރައީސް އަބްދުﷲ ޔާމީންގެ ރަނިން މޭޓުކަން ލިބޭތޯ ކަމަށް ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަބްދުﷲ ރިޔާޒް މިއަދު ވިދާޅުވެއްޖެ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްއާ ގުޅޭ ގޮތުން، ފިތުނަ އުފެދޭ ގޮތަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ރޭ ހެއްދެވީ ކަނޑައެޅިގެން އިތުރުފުޅެއް ކަމަށާއި އެފަދަ ވާހަކަތައް ދައްކަވަނީ ރައީސް އަބްދުﷲ ޔާމީންގެ ރަނިން މޭޓުކަން ލިބޭތޯ ކަމަށް ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަބްދުﷲ ރިޔާޒް މިއަދު ވިދާޅުވެއްޖެ އެވެ.

ދެހާސް ތޭރައިގެ ރިޔާސީ އިންތިހާބުގައި ޖުމްހޫރީ ޕާޓީގެ ކެމްޕެއިން މެނޭޖަރެއްގެ ގޮތުގައި ގާސިމްގެ އަރިހުގައި ހުންނެވި ސައީދު ރޭ ވިދާޅުވެފައި ވަނީ، ގާސިމް ވެރިކަމަށް ގެންނެވުމަށް ރިޔާޒް ދެކޮޅުހެއްދެވި ކަމަށެވެ. އޭރު ރިޔާޒް ހުންނެވީ، ޕޮލިސް ކޮމިޝަނަރުގެ މަގާމުގަ އެވެ.

"މި ގައުމުގައި މިހާރު [2013 ގައި] ކުރިމަތިލާފައި ތިއްބެވި ފަރާތްތަކުގެ ތެރެއިން އޭރުގެ ކެންޑިޑޭޓް މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ފިޔަވައި މި ގައުމުގެ ވެރިކަން ކުރެވޭނެ އެއްވެސް ފަރާތެއް ނެތޭ. އަބްދުﷲ ރިޔާޒް ވިދާޅުވީ އަޅުގަނޑުގެ ކައިރީގައި. ﷲ ހެކިވާނެ،" ރުމާލު-2 ޖަގަހާގައި ބޭއްވި ޖަލްސާގައި ސައީދު ވިދާޅުވި އެވެ.

މި ވާހަކަ އަށް ރައްދު ދެއްވަމުން ރިޔާޒު ވަނީ، ސައީދު އެ ވިދާޅުވާ ބައްދަލުވުމުގައި ސައީދު ދެއްކެވި ކަމަށް ވިދާޅުވެ ވާހަކަތަކެއް އާއްމުކުރައްވައިފަ އެވެ.

އޭނާ "މިހާރު" އަށް ވިދާޅުވީ ރައީސް ޔާމީނަކީ ވަރަށް ކޮރަޕްޓު ބޭފުޅެއް ކަމަށް ސައީދު އެ ބައްދަލުވުމުގައި ވިދާޅުވި ކަމަށެވެ. އެފަދަ ބޭފުޅަކާ އެކު ކޯލިޝަން ނުހެއްދެވުމަށް ގާސިމަށް ވިސްނައިދޭން އެދިވަޑައިގަތް ކަމަށް ވެސް ރިޔާޒް ވިދާޅުވި އެވެ.

"ﷲ ގަންދީ ހުވާކޮށްފައި މި ދަންނަވަނީ، ސައީދު އަޅުގަނޑާ ބައްދަލުކޮށްފައި ދެއްކެވި ވާހަކައިގައި ރައީސް ޔާމީނަކީ ވަރަށް ކޮރަޕްޓް ބޭފުޅެއް ކަމަށް ވިދާޅުވި،" ރިޔާޒް ވިދާޅުވި އެވެ.

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް: އޭނާއާ ގުޅޭ ގޮތުން ރިޔާޒާއި ސައީދާ ދެމެދު ވަނީ ކޯޅުމެއް ފެށިފައި: --ފޮޓޯ/ނިޝާން އަލީ/މިހާރު

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް: އޭނާއާ ގުޅޭ ގޮތުން ރިޔާޒާއި ސައީދާ ދެމެދު ވަނީ ކޯޅުމެއް ފެށިފައި: --ފޮޓޯ/ނިޝާން އަލީ/މިހާރު

އޭނާ ވިދާޅުވި ގޮތުގައި، ސައީދަކީ މަގާމުގެ ދަހިވެތިކަން ވަރަށް ބޮޑު ބޭފުޅެއް ކަން އަމަލުކުރައްވާ ގޮތުން ރައްޔިތުންނަށް ސާފެވެ. މިހާރު މަސައްކަތް ކުރައްވަނީ އިތުރުފުޅު ހައްދަވައިގެން ނަމަވެސް ރައީސް ޔާމީންގެ ރަނިން މޭޓުކަން ލިބޭތޯ ކަމަށް ވެސް ވިދާޅުވި އެވެ.

ރިޔާޒު ވިދާޅުވީ ގާސިމަކީ ރާއްޖޭގައި މިހާރު ތިބި ސިޔާސީ ލީޑަރުންގެ ތެރެއިން އެންމެ ގާބިލް ބޭފުޅާ ކަމަށެވެ. އަދި ޒާތީ އެއްވެސް ކަމެއް ނުބާއްވައި، ހުރިހާ އެންމެން ގޮވައިގެން ވެރިކަން ކުރެއްވޭނީ ވެސް ގާސިމަށް ކަމަށް ވިދާޅުވި އެވެ.

ރިޔާޒް ވިދާޅުވި ގޮތުގައި އޭނާ ހިތާމަކުރައްވަނީ އެކަން ސައީދަށް ވެސް އެނގިވަޑައިގެން ހުންނަވައި ދޮގު ވާހަކަ ދައްކަވާތީ އެވެ. މަގާމެއްގައި ހުންނެވި ނަމަވެސް ރިވެތި އަޚުލާގާއި އުސޫލްތައް ހަނދާން ނައްތާލައިގެން ނުވާނެ ކަމަށް ރިޔާޒް ވިދާޅުވި އެވެ.

"މުހައްމަދު ސައީދަކީ އަޅުގަނޑާ ވަރަށް ގާތް ބޭފުޅެއް. އަޅުގަނޑު ނޭދެން ދުވަހަކު ވެސް ސައީދަށް ދެރައެއް ލިބޭކަށް. ރަނިން މޭޓު ކަމަށް ކުރާ އުއްމީދު ކާމިޔާބުވުމަށް ވެސް އަޅުގަނޑު އެދެން،" ރިޔާޒް ވިދާޅުވި އެވެ.

ރައީސް ޔާމީންގެ ވެރިކަމުގައި ކަންކަން ކުރައްވާ ގޮތާ މެދު ވިސްނެވުމަށް ރިޔާޒް އެދިވަޑައިގެންނެވި އެވެ. މިސާލެއް ނަންގަވަމުން ވިދާޅުވީ، ދައުލަތުގެ އެއް ބާރުގެ ވެރިޔާ، އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ވެސް މިހާރު އޮންނެވީ ޖަލުގައި ކަމަށާއި އެމަނިކުފާނު ނޫން "އެންމެން ގޯސް" ކަމަށް ދައްކަވަން ރައީސް ޔާމީން ކުރައްވާ މަސައްކަތްޕުޅާ މެދު ސައީދު ވެސް ވިސްނަވަން ޖެހިވަޑައިގަންނަވާ ކަމަށެވެ.

ފަހަކަށް އައިސް ސައީދު ގެންދަވަނީ ގާސިމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ. އޭނާއަކީ، ގައުމާއި ރައްޔިތުންނާ މެދު ނުވިސްނައި ވިޔަފާރީގެ މަސްލަހަތުތައް ކުރިއަރުވަން މަސައްކަތް ކުރައްވާ ބޭފުޅެއް ކަމަށް ދޭހަވާ ގޮތަށް ވެސް ވާހަކަ ދެއްކެވި އެވެ. އެކަމަކު ސައީދަކީ ގާސިމްގެ ވަޒީފާތަކުގައި އުޅުއްވަމުން ޓޫރިޒަމް އިންޑަސްޓްރީގައި ކުރިއަށް ވަޑައިގެންނެވި ބޭފުޅަކަށް ވާތީ، ވަރަށް ގިނަ ބައެއްގެ ފާޑުކިއުން ވެސް ސައީދުގެ ވާހަކަތަކަށް އަމާޒުވެ އެވެ.

ރައީސް ޔާމީންގެ ވެރިކަމުގައި، ޖޭޕީއަށް ލިބުނު ސުލޮޓެއްގައި އިކޮނޮމިކް މިނިސްޓަރުކަމާ ހަވާލުވެވަޑައިގަތް އިރު އޭނާ ހުންނެވީ ރާއްޖޭގެ އެންމެ ބޮޑު ރިސޯޓް، ވިލާގެ ސަން އައިލެންޑްގެ ޖެނެރަލް މެނޭޖަރުގެ މަގާމުގަ އެވެ.