Roadha Mihaaru
އެމްއޭސީއެލްގެ ދެ ޓަވަރުގެ މަސައްކަތް ފަށައިފި

އެމްއޭސީއެލްގެ ދެ ޓަވަރު އެޅުމުގެ މަސައްކަތް ފަށައިފި

12 ފެބުރުއަރީ 2018

ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ސަރުކާރުން ހިންގާ "ހިޔާ" ޕްރޮގްރާމްގެ ދަށުން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް)ގެ 14 ބުރީގެ ދެ ޓަވަރު އިމާރާތް ކުރުމުގެ މަސައްކަތް މިއަދު ފަށައިފި އެވެ.

އަލީ ޝިނާން އަލީ ޝިނާން

ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ސަރުކާރުން ހިންގާ "ހިޔާ" ޕްރޮގްރާމްގެ ދަށުން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް)ގެ 14 ބުރީގެ ދެ ޓަވަރު އިމާރާތް ކުރުމުގެ މަސައްކަތް މިއަދު ފަށައިފި އެވެ.

އެމްއޭސީއެލް އިން ދެ ޓަވަރު އަޅަން ހަވާލުކުރީ އެއާޕޯޓުގެ އާ ރަންވޭ މަސައްކަތާއި ކާގޯ ޓާމިނަލްގެ މަސައްކަތްތައް ވެސް ކުރަމުން އަންނަ ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގްރޫޕް (ބީޔޫސީޖީ)އާ އެވެ. ހުޅުމާލޭގައި އެ ޓަވަރުތައް އަޅަން އެ ކުންފުންޏާ ހަވާލުކުރީ 400 މިލިއަން ރުފިޔާ އަށެވެ.

މި މަސައްކަތް އަމަލީ ގޮތުން ފެށުމަށް ބޭއްވި ހާއްސަ ރަސްމިއްޔާތަށް ފަހު އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އާދިލް މޫސާ "މިހާރު" އަށް ވިދާޅުވީ ދެ ޓަވަރު އަޅަން ބީޔޫސީޖީ އަށް ހަވާލުކުރީ "ސެލެކްޓިވް ބިޑް" އުސޫލުން ކަމަށެވެ. މި ދެ ޓަވަރުން އެމްއޭސީއެލްގެ މުވައްޒަފުންނަށް ގާތްގަޑަކަށް 180 އެޕާޓްމެންޓް ދޫކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އާދިލް: އަންނަ އަހަރަށް ހުރިހާ މަސައްކަތެއް ނިންމާލެވޭނެ ކަމަށް ވިދާޅުވި.-- ފޮޓޯ: މިހާރު/ހުސައިން ވަހީދު

އާދިލް: އަންނަ އަހަރަށް ހުރިހާ މަސައްކަތެއް ނިންމާލެވޭނެ ކަމަށް ވިދާޅުވި.-- ފޮޓޯ: މިހާރު/ހުސައިން ވަހީދު

"ފުރަތަމަ ނިންމާނީ ހަތަރު ފްލޯ. އެތަނުން ދެ ފްލޯ ދެން އަޅުގަނޑުމެން ސަރުކާރަށް ހަވާލު ކުރާނަން. ދެން ހުރި ހުރިހާ ފްލޯއެއް އެއީ ހަމަ ކުންފުނީގެ މުވައްޒަފުންނަށް. މި އަންނަ އަހަރު ތެރޭގަ އެއްކޮށް މަސައްކަތް ނިންމާލެވޭނެ. ދެން ހަތަރު ފްލޯ މި ބަލަނީ މި އަހަރު ތެރޭގަ ނިންމާފައި އެތަނަށް ވަދެވޭ ވަރަށް މަސައްކަތް ކުރިއަށް ގެންދެވޭތޯ،" އާދިލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ދެ ޓަވަރުގައި ހުންނާނީ އެއް ކޮޓަރި އާއި ދެ ކޮޓަރީގެ އެޕާޓްމެންޓްތަކެވެ. އެޕާޓްމެންޓްތައް ވިއްކާނީ ވީހާވެސް ހެޔޮ އަގެއްގައި ކަމަށާއި، އެ ތަންތަނަށް ފައިސާ ދެއްކޭނެ ލުއި ގޮތްތަކެއް ވެސް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އާދިލް ވިދާޅުވި އެވެ.

މިއަދުގެ ރަސްމިއްޔާތުގައި މިނިސްޓަރު ސައީދު ވާހަކަ ދައްކަވަނީ.-- ފޮޓޯ: ހުސައިން ވަހީދު/މިހާރު

މިއަދުގެ ރަސްމިއްޔާތުގައި މިނިސްޓަރު ސައީދު ވާހަކަ ދައްކަވަނީ.-- ފޮޓޯ: ހުސައިން ވަހީދު/މިހާރު

އެ ރަސްމިއްޔާތުގައި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ އެމްއޭސީއެލް އަކީ ހިޔާ ޕްރޮޖެކްޓުގައި އެންމެ ފުރަތަމަ ބައިވެރިވާން ނިންމި އެއް ކުންފުނި ކަމަށެވެ. އެހެންވެ ޓަވަރުތަކުގެ މަސައްކަތް ވީހާވެސް ކުރިން ނިންމައި މުވައްޒަފުންނަށް ހަވާލު ކުރުމަށް އޭނާ އެދިވަޑައިގެންނެވި އެވެ.

ކުރީގެ ސަރުކާރުތަކަށް ފާޑުވިދާޅުވަމުން ސައީދު ވިދާޅުވީ، ތަރައްގީގެ ބޮޑެތި މަޝްރޫއުތައް ހިންގަން ފައިސާ އާއި އެހެނިހެން އެހީތައް ރައީސް ޔާމީން "އަސްދަނޑިން ބޭރަށް ނިކުމެވަޑައިގެން ހޯއްދަވަނީ ގަޓު ހުރީމަ" ކަމަށެވެ.

"މި ހަތަރު އަހަރަކު ނޫން ރާއްޖޭގައި މައްސަލަތައް އުފެދިގެން އައީ. އެހެން ނަމަވެސް ތަފާތަކީ މި ހަތަރު އަހަރު ދުވަހުގެ ތެރޭގައި ދިވެހިރާއްޖޭގެ ބޮޑެތި މައްސަލަތައް ހައްލު ކުރަން ކެރުން، އަޅުގަނޑުމެންގެ މިއަދުގެ ވެރިމީހާގެ (ރައީސް ޔާމީންގެ) އެބަހުރި،" ސައީދު ވިދާޅުވި އެވެ.