Roadha Mihaaru

މެމްބަރުންނަށް މަރުގެ އިންޒާރު ލިބޭ، ރައްކާތެރިކަން ފޯރުކޮށްދީ: އަމީތު

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި ގުޅިފައިވާ އިދިކޮޅު ސިޔާސީ ޕާޓީތަކުގެ އިސް ބޭފުޅުންނަށް ނުރައްކާތެރި އިންޒާރު ލިބެމުން ދާ ކަމަށާއި އެ ހުރިހާ ބޭފުޅުންނަށް ރައްކާތެރިކަން ދިނުމަށް މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު މިއަދު ގޮވާލައްވައިފި އެވެ.

މެމްބަރުންނަށް އިންޒާރު ލިބޭ، ރައްކާތެރިކޮށްދީ: އަމީތު
މުހައްމަދު ޔާމީން
މުހައްމަދު ޔާމީން

08 ފެބުރުއަރީ 2018

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި ގުޅިފައިވާ އިދިކޮޅު ސިޔާސީ ޕާޓީތަކުގެ އިސް ބޭފުޅުންނަށް ނުރައްކާތެރި އިންޒާރު ލިބެމުން ދާ ކަމަށާއި އެ ހުރިހާ ބޭފުޅުންނަށް ރައްކާތެރިކަން ދިނުމަށް މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު މިއަދު ގޮވާލައްވައިފި އެވެ.

ޖުމްހޫރީ ޕާޓީގެ މައި ޖަގަހަ، މ. ކުނޫޒުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަމީތު ވިދާޅުވީ ކުއްލި ހާލަތު އިއުލާން ކުރި ފަހުން، އިދިކޮޅު ސިޔާސީ ޕާޓީތަކުގެ އިސް ބައެއް ބޭފުޅުންނާއި އިދިކޮޅު ޕާލަމެންޓްރީ ގްރޫޕްގެ މެމްބަރުންނަށް މަރުގެ އިންޒާރު ދެމުން ދާ ކަމަށެވެ.

"މަގުމަތިން ހަމަލާދޭނެ ކަމުގެ އިންޒާރުތައް ކެނޑިނޭޅި ލިބެމުން އެބަ ދޭ،" އަމީތު ވިދާޅުވި އެވެ.

އޭނާ ވަނީ ޓްވީޓާ މެދުވެރިކޮށް އެމްޑީޕީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ (އިންތި) އަށް މަރުގެ އިންޒާރު ދިން މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވާ ކަން ފާހަގަކުރައްވައިފަ އެވެ. އަމީތު ތުހުމަތުކުރި ގޮތުގައި އެ އިންޒާރު ދެ ބޭފުޅުންނަށް ދިނީ ޕީޕީއެމް ބައެކެވެ.

އޭނާ ވިދާޅުވީ އިދިކޮޅު ފަރާތްތަކަށް ދެމުން އަންނަ އިންޒާރުތައް ފުލުހުންނަށް ހުށަހަޅަމުން އަންނަ ކަމަށެވެ. އަދި އެފަދަ މައްސަލަތައް ބަލައި ދިވެހި ހުރިހާ ރައްޔިތުންނަށް ސަލާމަތާއި ރައްކާތެރިކަން ފޯރުކޮށްދީ، އަމަންއަމާންކަމާ އެކު ދިރިއުޅެވޭނެ މަގު ފޯރުކޮށްދޭން ފުލުހުންނަށް އޭނާ ގޮވާލެއްވި އެވެ.

އަމީތު ވިދާޅުވި ގޮތުގައި ގައުމުގައި ސަލާމަތްތެރިކަން ކަށަވަރުކޮށް ދިނުމަކީ ފުލުހުންގެ މައްޗަށް ލާޒިމްކޮށްފައި އޮތް ކަމެކެވެ. މި ޒިންމާ ފުލުހުން އުފުލައި މިކަން ކުރާ ފަރާތްތައް ހޯދައި އިންސާފުގެ ކުރިމައްޗަށް ގެންނަން ފުލުހުންނަށް އަމީތު ވަނީ ގޮވާލައްވައިފަ އެވެ.

މީގެ އިތުރުން އަމީތު ވަނީ އިދިކޮޅު ފަރާތްތަކަށް މާލޭގައި އެއްވުންތައް ނުބޭއްވޭ މައްސަލައިގައި ފުލުހުންނަށް ފާޑުވިދާޅުވެފަ އެވެ. އެކަމަކު ޕީޕީއެމަށް ނިސްބަތްކުރައްވައި، އޭނާ ވިދާޅުުވީ "ދަރުބާރު ފެކްޝަނަށް" މާލޭގައި އެއްވުންތައް ބާއްވަމުންދާތީ ހަމަހަމަކަން ނެތް ކަމަށެވެ. ފުލުހުންނަކީ ގާނޫނީ އިމުގެ ތެރޭގައި މަސައްކަތް ކުރަން ޖެހޭ ބައެއް ކަމަށާއި އެހެންކަމުން ގާނޫނީ އަމުރަށް ތަބާނުވުމަށް އޭނާ ގޮވާލެއްވި އެވެ.

ރޭ "ގައުމަށްޓަކައި އަންހެނުން" ޖަލްސާގައި ރައީސް އަބްދުﷲ ޔާމީން ދެއްކެވި ބައެއް ވާހަކަފުޅަށް ވެސް އަމީތު ފާޑު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ފިނިފެންމާ ލޯންޗުގައި ބޮން ގޮއްވާލި ހާދިސާ ހިނގި ގޮތް، މާތް ﷲ އިލްހާމްކޮށް ދެއްވި ކަމަށް ވިދާޅުވުމަކީ އިތުރުފުޅެއް ކަމަށެވެ. އެއީ ކުރީގެ ނައިބު ރައީސް އަދީބުއާ ގުޅުން ހުރި ކަމެއް ކަން ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕްގެ ބައްދަލުވުންތަކުގައި އޭރު ރައީސް ޔާމީން ވިދާޅުވެފައި ނުވާ ކަމަށް އަމީތު ވިދާޅުވި އެވެ. އޭގެ ބަދަލުގައި ރައީސް ވިދާޅުވީ އަދީބަށް 500 ޕަސަންޓު އިތުބާރު ކުރައްވާ ވާހަކަކަން އޭނާ ފާހަގަކުރެއްވި އެވެ.