Roadha Mihaaru
ޓީއެފްޖީގެ މި އަހަރުގެ ލޯންގް ރަން އޭޕްރިލް 20 ގައި

ޓީއެފްޖީގެ މި އަހަރުގެ ލޯންގް ރަން އޭޕްރިލް 20 ގައި

04 ފެބުރުއަރީ 2018

ހުޅުމާލޭގައި އިއްޔެ ހަވީރު ބޭއްވި ހާއްސަ ދުވުމަކުން، ޓީއެފްޖީން މި އަހަރުގެ ލޯންގް ރަން ލޯންޗްކޮށްފި އެވެ.

މުހައްމަދު ހަމްދޫން މުހައްމަދު ހަމްދޫން

ހުޅުމާލޭގައި އިއްޔެ ހަވީރު ބޭއްވި ހާއްސަ ދުވުމަކުން، ޓީއެފްޖީން މި އަހަރުގެ ލޯންގް ރަން ލޯންޗްކޮށްފި އެވެ.

ރާއްޖޭގެ އެންމެ ބޮޑު އެއް ފިޓްނަސް ސެންޓަރު ކަމަށްވާ ޓޯޓަލް ފިޓްނަސް ގްރޫޕް (ޓީއެފްޖީ) އިން އޭޕްރިލް 20 ވަނަ ދުވަހު ހުޅުމާލޭގައި ބާއްވާ "ކޮކާކޯލާ ލޯންގް ރަން" އަކީ އެތަނުގެ ރަސްމީ އިވެންޓެވެ. ޓީއެފްޖީން 2013 ވަނަ އަހަރުން ފެށިގެން ގަވާއިދުން މި އިވެންޓް ބާއްވަމުން އައިސް މިދިޔަ އަހަރުން ފެށިގެން އައްޑޫ ސިޓީ އާއި ލ. އަތޮޅަށް ވަނީ މި އިވެންޓް ފުޅާކޮށްފަ އެވެ.

މި އަހަރުގެ ލޯންގް ރަން ލޯންޗްކުރުމުގެ ގޮތުން އިއްޔެ ހަވީރު ހުޅުމާލޭގައި ބޭއްވި ތިން ކިލޯމީޓަރު ދުވުމުގައި ސަތޭކައެއްހާ ދުވުންތެރިން ބައިވެރިވި އެވެ. އަދި މި ހަރަކާތުގައި އިވެންޓުގެ ސްޕޮންސަރުންނާއި ޕާޓްނަރުން ވެސް ބައިވެރިވި އެވެ.

ރޭހުގައި ބައިވެރިވުމުގެ ފުރުސަތު ބުދަ ދުވަހު، ގޯޓުރޭސް ޑޮޓްކޮމްގައި ހުޅުވާލާނެ އެވެ. މި ފަހަރުގެ ރޭހުގައި ވެސް ބައިނަލްއަގްވާމީ ދުވުންތެރިން ބައިވެރިވާނެ އެވެ.

ލޯންގް ރަންގައި ފަސް ކިލޯމީޓަރު، 10 ކިލޯމީޓަރު، ހާފް މެރެތަން އަދި މެރެތަން ރޭސް ހިމެނޭއިރު މީގެ ތެރެއިން ފަސް ކިލޯމީޓަރު ފިޔަވައި އަނެއް ތިން އިވެންޓަށް ދުވުންތެރިން ޓީއެފްޖީން ހިލޭ ތައްޔާރުކޮށްދޭނެ އެވެ.

"އަޅުގަނޑުމެން 2013 ވަނަ އަހަރު މި އިވެންޓް ފެށިއިރު ދުވީ 200 މީހުން. އެ 200 މީހުން ހޯދީ އެކި ތަންތަނަ ހިނގައިގެން، އެކި މީހުންނާ ވާހަކަދައްކައިގެން. އެކަމަކު މިއަދު އަޅުގަނޑުމެން ހަ ވަނަ އަހަރާ ކުރިމަތިލާއިރު ކުންފުނީގެ އިޖްތިމާއީ ޒިންމާގެ ދަށުން 300 ދުވުންތެރިން ހިލޭ މި ތަމްރީންކޮށްދެނީ،" ޓީއެފްޖީގެ ޑިރެކްޓަރު ހުސެއިން ޒިނާން ވިދާޅުވި އެވެ.

"މި އަހަރުގެ ލޯންގް ރަން ވެގެންދާނީ މިހާތަނަށް ބާއްވާ އެންމެ ފުރިހަމަ އިވެންޓަށް. ހުރިހާ ގޮތަކުން ވެސް ތަފާތު ވާނެ."

އިއްޔެ އިން ފެށިގެން ރޭސް ދުވަހާ ހަމަޔަށް އެއްވެސް އަގެއް ނުނަގައި އެ ދުވުންތެރިންނަށް ހިލޭ ޓްރެއިނިން ފޯރުކޮށްދޭނެ އެވެ. މީގެ އިތުރުން އެލައިޑް އިންޝުއަރެންސް، ބޭންކް އޮފް މޯލްޑިވްސް، އެމްޓީސީސީ އަދި އެމްޕީއެލްގެ މުވައްޒަފުންގެ ޓީމްތަކަށް ވެސް ޓީއެފްޖީން ތަމްރީން ދޭނެ އެވެ.

މި ތަމްރީންތަކުގެ ތެރެއިން ކޮންމެ ހުކުރު ދުވަހެއްގެ ހެނދުނު ހާއްސަ ދުވުމެއް އޮންނާނެ އެވެ. އަދި އެ ދުވަހު ދުވަން ނުކުންނަ އާއްމުންގެ ކޮންމެ މީހަކަށް ވެސް ޓީއެފްޖީން ރަސްފަންނުގައި ގާއިމްކުރާ ޕޮއިންޓުން ހިލޭ ފެނާއި ދެންކެޔޮ ލިބެން ހުންނާނެ އެވެ.

ޓީއެފްޖީގެ ލޯންގް ރަން އަކީ ރާއްޖޭގައި ބާއްވާ އެންމެ އިންތިޒާމް ފުރިހަމަ އެއް ރޭހެވެ. އެގޮތުން ދުވުންތެރިންގެ ޓައިމިން ވަގުތުން ބަލާލެވޭ ޓައިމިން ޓެކްނޮލޮޖީ އެންމެ ފުރަތަމަ ތައާރަފްކުރީ 2013 ވަނަ އަހަރު ޓީއެފްޖީންނެވެ. އަދި ރޭސް ނިންމާ ކޮންމެ ބައިވެރިޔަކަށް މެޑަލް ދޭން ފެށީ ވެސް ޓީއެފްޖީންނެވެ.