Roadha Mihaaru
އެއާޕޯޓުގެ އާ ކާގޯ ޓާމިނަލްގެ މަސައްކަތް ފަށައިފި

ވެލާނާ އެއާޕޯޓުގައި 120،000 ޓަނުގެ ކާގޯއަށް ޚިދުމަތް ދެވޭ ޓާމިނަލެއްގެ މަސައްކަތް ފަށައިފި

31 ޖެނުއަރީ 2018

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ގައި 120،000 ޓަނުގެ ކާގޯއަށް ޚިދުމަތް ދެވޭ ޓާމިނަލެއް ހަދަން މިއަދު ބިންގާ އަޅައިފި އެވެ.

އަބްދުﷲ ޖަމީލު އަބްދުﷲ ޖަމީލު

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ގައި 120،000 ޓަނުގެ ކާގޯއަށް ޚިދުމަތް ދެވޭ ޓާމިނަލެއް ހަދަން މިއަދު ބިންގާ އަޅައިފި އެވެ.

އެއާޕޯޓުގައި ހުންނަ މޯލްޑިވްސް އިންފްލައިޓް ކޭޓަރިން (އެމްއައިސީ) ގެ އުތުރުން އޮންނަ ބިމުގައި ހަތަރު ބުރިއަށް ހަދާ އާ ކާގޯ ޓާމިނަލްގައި ކުރިއާ ޚިލާފަށް ކާގޯ ކްރޭންތަކެއް ހުންނާނެ އެވެ. އަދި ތިން ބައެއް އެކުލެވޭ އެ އިމާރާތުގައި 12،000 އަކަމީޓަރު ހުރެ އެވެ.

ވެލާނާ އެއާޕޯޓުގައި މިހާރު ހުންނަ ކާގޯ ޓާމިނަލްގައި ޚިދުމަތް ދެވެނީ 50،000 ޓަނުގެ ކާގޯއަށެވެ.

ރާއްޖޭގެ މައި އެއާޕޯޓުގެ ދެވަނަ ރަންވޭގެ މަސައްކަތް ވެސް ކުރާ ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގްރޫޕް (ބީޔޫސީޖީ) އާ ހަވާލުކޮށްގެން ހަދާ ކާގޯ ޓާމިނަލްގެ ބިންގާ އަޅުއްވައި ދެއްވީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދާއި ބީޔޫސީޖީގެ ޖެނެރަލް މެނޭޖަރު ލީ ސުން އާއި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) ގެ މެނޭޖިން ޑިރެކްޓަރު އާދިލް މޫސާ އެވެ.

މިއަދުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އިކޮނޮމިކް މިނިސްޓަރު ސައީދު ވިދާޅުވީ އެއާޕޯޓް ތަރައްގީކޮށް ނިމޭއިރު އެތަނަށް އަންނަ ކާގޯ ވެސް އިތުރުވެގެން ދާނެ ކަމަށެވެ.

އެއާޕޯޓުގެ އާ ކާގޯ ކޮމްޕްލެކްސް އިމާރާތުގެ ބިންގާ އެޅުމުގެ ރަސްމިއްތާތުގައި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވާހަކަދައްކަވަނީ. ފޮޓޯ: އެމްއޭސީއެލް

އެއާޕޯޓުގެ އާ ކާގޯ ކޮމްޕްލެކްސް އިމާރާތުގެ ބިންގާ އެޅުމުގެ ރަސްމިއްތާތުގައި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވާހަކަދައްކަވަނީ. ފޮޓޯ: އެމްއޭސީއެލް

"އެއާޕޯޓުގެ ދެވަނަ ރަންވޭއަކާއި ކެޕޭސިޓީ މިހާރަށް ވުރެ އެތައް ގުނައެއް ބޮޑުވެގެން އަންނައިރު ކާގޯގެ ދައުރު ވަރަށް ބޮޑުވާނެ. މިހާރު ޖައްސާ މަތިންދާބޯޓަށް ވުރެ އެތައް ގުނައެއް އިތުރުވެގެން ދާނެ. އަދި އެ މަތިންދާބޯޓުތަކުން ހަމައެކަނި އުފުލާނީ ޕެސެންޖަރުންނެއް ނޫން. ވަރަށް ގިނަ އަދަދަކަށް ކާގޯ ދިވެހިރާއްޖެއަށް އުފުލާނެ މުސްތަގުބަލުގައި،" މިނިސްޓަރު ވިދާޅުވި އެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ އާ ކާގޯ ޓާމިނަލްގެ ކުރެހުމެއް

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ އާ ކާގޯ ޓާމިނަލްގެ ކުރެހުމެއް

ސައީދު ވިދާޅުވިގޮތުގައި، ވެލާނާ އެއާޕޯޓަށް ދެ ވައްތަރެއްގެ ކާގޯ އުފުލާ ކަމަށް އަންދާޒާ ކުރެވެ އެވެ. އަދި ކުރިއަށް އޮތްތަނުގައި އެތައް ގުނައެއްގެ ކާގޯ އިތުރުވެގެން ދާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އާދިލް ވިދާޅުވީ ވެލާނާ އެއާޕޯޓުގައި މިހާރު ހުރި ކާގޯ ޓާމިަނަލަކީ އެފަދަ ޓާމިނަލެއްގެ ސިފައިގައި ތައްޔާރު ކޮށްފައިވާ ތަނެއް ނޫން ކަމަށެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ އާ ކާގޯ ޓާމިނަލްގެ ކުރެހުމެއް

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ އާ ކާގޯ ޓާމިނަލްގެ ކުރެހުމެއް

"އެހެންވެ އެތަނުގައި އެންމެ ފުރިހަމަ ޚިދުމަތެއް ނުދެވުމަކީ އެކަށީގެންވާ ކަމެއް. ޚާއްސަކޮށް ތަނުގެ ޖާގައިގެ ދަތިކަމާއި ބައެއް ކަހަލަ އިކުއިޕްމަންޓްތައް ގާއިމުވެފައި ނުވާކަން ފާހަގަކުރަން،" އޭނާ ވިދާޅުވި އެވެ.

އާދިލް ވިދާޅުވީ އެއާޕޯޓުގެ އާ ކާގޯ ޓާމިނަލަށް ޚިދުމަތް ދިނުމަށް ޚާއްސަ ޖެޓީއެއް ހަދައި އެ ޖެޓީގައި ކްރޭންތައް ހަރުކުރާނެ ކަމަށެވެ. އަދި އެތަނުން ޚިދުމަތް ހޯދާ ހުރިހާ ފަރާތްތަކަށް ޖާގަ ލިބޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މިދިޔަ ހަތަރު އަހަރުގެ ތަފާސްހިސާބުތަކަށް އަލިއަޅުވާލައްވަމުން އާދިލް ވިދާޅުވީ ކާގޯ އިންޑަސްޓްރީ ވަރަށް ބޮޑަށް ކުރިއަރާފައިވާ ކަމަށެވެ. އަދި އެ ޚިދުމަތުން ލިބުނު އާމްދަނީ 2013 ން ފެށިގެން މިހާތަނަށް 300 ޕަސެންޓް އިތުރުވެފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.