Roadha Mihaaru
"ރާއްޖެ އަށް ބޭރުގެ ޕްރެޝަރެއް ނެތް، އެއީ ހިޔާލު"

ރާއްޖެ އަށް ބޭރުގެ ޕްރެޝަރެއް ނެތް، އެއީ ހިޔާލު: ސަރުކާރު

13 ޖުލައި 2016

އެކި މައްސަލަތަކުގައި ބޭރު ގައުމުތަކުން ރާއްޖެ އަށް އަންގާ އެންގުންތަކާއި ދައްކާ ވާހަކަތަކަކީ ސަރުކާރަށް ކުރިމަތިވާ ޕްރެޝަރެއް ނޫން ކަމަށް ސަރުކާރުން މިއަދު ބުނެފި އެވެ.

އަލީ ނާފިޒް އަލީ ނާފިޒް

އެކި މައްސަލަތަކުގައި ބޭރު ގައުމުތަކުން ރާއްޖެ އަށް އަންގާ އެންގުންތަކާއި ދައްކާ ވާހަކަތަކަކީ ސަރުކާރަށް ކުރިމަތިވާ ޕްރެޝަރެއް ނޫން ކަމަށް ސަރުކާރުން މިއަދު ބުނެފި އެވެ.

ފޮރިން ސެކްރެޓަރީ އަލީ ނަސީރު މިއަދު ނޫސްވެރިންނަށް ވިދާޅުވި ގޮތުގައި ރާއްޖެ ވެސް ހިމެނެނީ ގުޅި ލާމެހިފައިވާ ދުނިޔެއެއްގަ އެވެ. ރާއްޖެ އަކީ ކޮމަންވެލްތުގެ މެމްބަރެއް ކަމަށާއި އދ. އާއި އެ ޖަމާއަތުގައި ހިމެނޭ ބައެއް ޖަމިއްޔާތަކުގައި ވެސް ރާއްޖެ ބައިވެރިވެ، ހަރަކާތްތެރި މަސައްކަތްތަކެއް ކުރަމުން އަންނަކަން އޭނާ ފާހަގަކުރެއްވި އެވެ.

އެހެންވެ، އެކި ކަންކަމާ ގުޅޭ ގޮތުން ގައުމުތަކުން ދެކޭ ގޮތް އާއްމުކޮށް ހާމަކުރަމުން ދާނެ ކަމަށާއި އެ ކަމެއް ރައްދުވާ ގައުމަކާ ވަކިން ވެސް ވާހަކަ ދައްކާނެ ކަމަށް އަލީ ނަސީރު ވިދާޅުވި އެވެ. ރާއްޖޭން ވެސް ބޭރު ދުނިޔޭގައި އަމަލު ކުރަނީ، އޭނާ ވިދާޅުވި ގޮތުގައި، އެ ގޮތަށެވެ.

"އެއީ [ރާއްޖޭގެ] ހިޔާލު. އަޅުގަނޑުމެން ދައްކާ ވާހަކަ ރައްދުވާ ގައުމަކަށް ޕްރެޝަރު ކުރުމަކަށް ނޫން އެ ވާހަކަ ދައްކަނީ،" ފޮރިން މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފޮރިން ސެކްރެޓަރީ ވިދާޅުވި އެވެ.

އާ ފޮރިން މިނިސްޓަރު މުހައްމަދު އާސިމް ވިދާޅުވި ގޮތުގައި ރާއްޖޭން އަބަދު ވެސް ގެންގުޅެނީ ހަމަހަމަ ހާރިޖީ ސިޔާސަތެކެވެ. ވީހާ ވެސް ގިނަ ގައުމުތަކާ ގުޅުން ބަދަހިކޮށް، ރައްޓެހިކަން ބޭއްވުމަކީ، އޭނާ ފާހަގަކުރެއްވި ގޮތުގައި، ވަރަށް މުހިއްމު ކަމެކެވެ.

އާ ފޮރިން މުހައްމަދު އާސިމް މިއަދު ނޫސްވެރިންނާ ވާހަކަ ދައްކަވަނީ: ވީހާ ވެސް ގިނަ ގައުމުތަކާ ގުޅުން ބަދަހި ކުރުން މުހިއްމު ކަމަށް އޭނާ ވިދާޅުވި.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

އާ ފޮރިން މުހައްމަދު އާސިމް މިއަދު ނޫސްވެރިންނާ ވާހަކަ ދައްކަވަނީ: ވީހާ ވެސް ގިނަ ގައުމުތަކާ ގުޅުން ބަދަހި ކުރުން މުހިއްމު ކަމަށް އޭނާ ވިދާޅުވި.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

އެކަމަކު، މި ފަހުން ރާއްޖޭން އަންނަނީ ޗައިނާ އާއި ސައޫދީ އަރަބިއްޔާ ފަދަ ގައުމުތަކާ ވަރަށް ބޮޑަށް ގުޅުން ބަދަހި ކުރަމުންނެވެ. ހަމަހަމަ ހާރިޖީ ސިޔާސަތެއް ރަސްމީކޮށް ގެންގުޅުނު ނަމަވެސް، ރައީސް އަބްދުﷲ ޔާމީން ވެސް ވަނީ ރާއްޖޭން ޗައިނާ އަށް އިސްކަން ދޭނެކަން ދޭހަވާ ގޮތަށް ވާހަކަފުޅު ދައްކަވައިފަ އެވެ. އެހެންވެ، ހުޅަނގާއި އިންޑިއާ ފަދަ ގައުމުތަކުން ދަނީ އެ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ރާއްޖެ އަބަދު ވެސް ބޭރުގެ ޕްރެޝަރަށް ވެއްޓެނީ އަދި އދ. ފަދަ ޖަމާއަތްތަކުގެ ނިންމުންތައް ރާއްޖެއާ ދެކޮޅަށް އަންނަނީ ހާރިޖީ ސިޔާސަތު ފޭލްވުމުގެ ސަބަބުންތޯ "މިހާރު"ން ދެންނެވުމުން މިނިސްޓަރު ވިދާޅުވީ މިނިސްޓްރީން މަސައްކަތް ކުރަނީ ސަރުކާރުގެ ސިޔާސަތު ރާއްޖޭން ބޭރަށް އަންގައިދޭން ކަމަށެވެ. ސަރުކާރުގެ އިތުރުން، އެހެން ފަރާތްތަކުން ވެސް ރާއްޖެއާ ބެހޭ ގޮތުން ބޭރު ދުނިޔޭގައި މައުލޫމާތު ފަތުރާކަން އޭނާ ފާހަގަކުރެއްވި އެވެ.

"[ހާރިޖީ ސިޔާސަތު ފޭލް ނުވެއޭ] މި ދެންނެވީ އދ.ގެ ޖެނެރަލް އެެސެމްބްލީގަ އާއި އެހެން ވެސް ޖަމާއަތްތަކުގައި އަދި ތަރައްގީގެ މަޝްރޫއުތަކުގައި އަޅުގަނޑުމެން ބައިވެރިވަމުން ގެންދޭ،" ފުރަތަމަ ފަހަރަށް ނޫސްވެރިންނާ ބައްދަލުކުރައްވައި މިނިސްޓަރު އާސިމް ވިދާޅުވި އެވެ.

މަރުގެ އަދަބު ތަންފީޒު ނުކުރަން ގޮވާލައި އީޔޫ އާއި ގުޅިފައިވާ ގައުމުތަކުން ނެރުނު ޑިމާޝް ހުށަހަޅުއްވަން އެ ގައުމުތަކުގެ ސަފީރުން މިދިޔަ ހޯމަ ދުވަހު ލަންކާގައި ހުންނަ ދިވެހި ހައި ކޮމިޝަންގައި: މިހާރު އެންމެ ބޮޑަށް ރާއްޖެ އަށް ބޭރުގެ ޕްރެޝަރު އޮތީ މަރުގެ އަދަބުގެ މައްސަލައިގައި.-- ފޮޓޯ: އީޔޫ

މަރުގެ އަދަބު ތަންފީޒު ނުކުރަން ގޮވާލައި އީޔޫ އާއި ގުޅިފައިވާ ގައުމުތަކުން ނެރުނު ޑިމާޝް ހުށަހަޅުއްވަން އެ ގައުމުތަކުގެ ސަފީރުން މިދިޔަ ހޯމަ ދުވަހު ލަންކާގައި ހުންނަ ދިވެހި ހައި ކޮމިޝަންގައި: މިހާރު އެންމެ ބޮޑަށް ރާއްޖެ އަށް ބޭރުގެ ޕްރެޝަރު އޮތީ މަރުގެ އަދަބުގެ މައްސަލައިގައި.-- ފޮޓޯ: އީޔޫ

މިހާރު އެންމެ ބޮޑަށް ރާއްޖެ އަށް ބޭރުގެ ޕްރެޝަރު އޮތީ ބައި ގަރުނަށް ވުރެ ގިނަ ދުވަސް ވަންދެން މަރުގެ ހުކުމް ތަންފީޒު ނުކޮށް އޮތުމަށް ފަހު އެކަން ކުރަން އުޅޭ މައްސަލައިގަ އެވެ. އދ. އާއި އީޔޫގެ އިތުރުން އެމެރިކާ އަދި އިނގިރޭސި ވިލާތް ފަދަ ގައުމުތަކުން އަންނަނީ އެކަމާ ދެކޮޅަށް އަޑު އުފުލަމުންނެވެ.

މިކަން ވެސް ގޮސް ގުޅެނީ ބޭރުގެ ފަރާތްތަކުން އެންމެ ބޮޑަށް ކަންބޮޑުވުން ފާޅުކުރަމުން ދާ ޝަރުއީ ނިޒާމުގެ އިންސާފުވެރިކަމާއި މިނިވަންކަމާ އެވެ. ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމާއި އަދާލަތު ޕާޓީގެ ރައީސް ޝައިޚް އިމްރާނާއި އެ ނޫން ވެސް އިދިކޮޅު ސިޔާސީ ބޭފުޅުންނަށް ކޮށްފައިވާ ޝަރީއަތްތަކާ ގުޅިގެން ރާއްޖެ އަށް ވަރަށް ބޮޑަށް ފާޑުކިއުން އަމާޒުވަމުން ދެ އެވެ. އަދި ފަރުދުންގެ ހައްގުތައް ގެއްލެމުންދާ ކަމަށް ބުނެ ވެސް ބޭރުގެ ފަރާތްތަކުން އަންނަނީ ނުރުހުން ފާޅުކުރަމުންނެވެ.